Roadha Mihaaru
ލަންކާގެ ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ ތިން ބެއިން

ލަންކާގެ ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ ތިން ބެއިން

23 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 23) - ސްރީ ލަންކާގެ އާ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ ވަގުތީ ކެބިނެޓް އިއްޔެ އެކުލަވާލިއިރު އެއްބަނޑުއެއްބަފާ ބޭފުޅުން ކެބިނެޓުގައި ހިމަނުއްވައި، އާއިލީ ވެރިކަން އިތުރަށް ވަރުގަދަ ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 23) - ސްރީ ލަންކާގެ އާ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ ވަގުތީ ކެބިނެޓް އިއްޔެ އެކުލަވާލިއިރު އެއްބަނޑުއެއްބަފާ ބޭފުޅުން ކެބިނެޓުގައި ހިމަނުއްވައި، އާއިލީ ވެރިކަން އިތުރަށް ވަރުގަދަ ކުރައްވައިފި އެވެ.

ލަންކާގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ރައީސް އާއި ބޮޑު ވަޒީރުކަން ދެބެން ކުރައްވާ އިރު ރައީސްގެ ހައިސިއްޔަތުން ގޯޓާބޭ ރާޖަޕަކްސާ 16 މެންބަރުންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަ އެވެ. ބާރުގަދަ މިނިސްޓްރީތަކާ ހަވާލުވެވަޑައިގެންނެވީ ރާޖަޕަކްސާ އެވެ. ފިނޭންސް އެންޑް އިކޮނޮމިކް އެފެއާޒް އަދި ހައުސިން ކަންކަން ބަލަހައްޓަވާނީ ރާޖަޕަކްސާ އެވެ. އެ އާއިލާގެ އެންމެ ދޮށީ އަދި ޕާލަމެންޓުގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސާ އަށް ދެއްވީ ޓްރޭޑް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަވެ.

ޑިފެންސް، ލޯ އެންޑް އޯޑާ މިނިސްޓަރުގެ މަގާމަށް ވަކި ބޭފުޅަކު ހަމައެއް ނުޖައްސަ އެވެ. އެކަމަކު މީގެ ކުރިން އާއްމުކޮށް އެ މަގާމާ ހަވާލުވެވަޑައިގެންނެވީ ރައީސަކަށް ހުންނަވާ ބޭފުޅެކެވެ. ކެބިނެޓުގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރު ކަމަށްވާ ޕަވިތުރާ ވަންނިއަރައްޗީ އަށް ހަވާލުކުރެއްވީ ވިމެންސް އެފެއާޒް އެންޑް ހެލްތު މިނިސްޓްރީ އެވެ. ފޮރިން މިނިސްޓަރަކީ ކޯލިޝަނުގައި ހިމެނޭ 70 އަހަރުގެ ދިނޭޝް ގުނަވަރްދަނާ އެވެ.

ލަންކާގެ އާ ކެބިނެޓް

1. ބޮޑު ވަޒީރު ރާޖަޕަކްސާ: މިނިސްޓަ އޮފް ފިނޭންސް، އިކޮނޮމިކް އެފެއާޒް، ޕޮލިސީ ޑިވެލޮޕްމަންޓް، ކަލްޗާ ވޯޓާ ސަޕްލައި އެންޑް އާބަން ޑިވެލޮޕްމަންޓް، ހައުސިން ފެސިލިޓީޒް.

2. ނިމާލް ސިރްމާލާ ޑި ސިލްވާ: މިނިސްޓަ އޮފް ޖަސްޓިސް، ހިއުމަން ރައިޓްސް އެންޑް ލީގަލް ރިފޯމްސް.

3. އަރުމުގަމް ތޮންޑަމަން: މިނިސްޓަ އޮފް ކޮމިއުނިޓީ އެމްޕަވަމެންޓް އެންޑް އެސްޓޭޓް އިންފްރާސްޓްރަކްޗާ.

4. ދިނޭޝް ގުނަވަރްދަނާ: މިނިސްޓަ އޮފް ފޮރިން ރިލޭޝަންސް، ސްކިލްސް ޑިވެލޮޕްމަންޓް، އެމްޕްލޮއިމަންޓް އެންޑް ލޭބަ ރިލޭޝަންސް.

5. ދަގްލަސް ދޭވަނަންދާ: މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެކުއަޓިކް ރިސޯސަސް.

6. ޕަވިތުރާ ވަންނިއަރައްޗީ: މިނިސްޓަ އޮފް ވިމެން އެންޑް ޗައިލްޑް އެފެއާޒް، ސޯޝަލް ސެކިއުރިޓީ، ހެލްތު އެންޑް އިންޑިޖިނަސް މެޑިސިން.

7. ބަންދުލާ ގުނަވަރްދަނާ: މިނިސްޓަ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ، ހަޔާ އެޑިއުކޭޝަން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންސް.

8. ޖަނަކާ ބަންޑާރަ ޓެނަކޫން: މިނިސްޓަ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހޯމް އެފެއާޒް، ޕްރޮވިންޝަލް ކައުންސިލްސް އެންޑް ލޯކަލް ގަވަރްމަންޓް.

9. ޗަމަލް ރާޖަޕަކްސާ: މިނިސްޓަ އޮފް މަހަވެލި ޑިވެލޮޕްމަންޓް، އެގްރިކަލްޗާ އެންޑް ޓްރޭޑް.

10. ޑަލަސް އަލަހައްޕެރުމާ: މިނިސްޓަ އޮފް އެޑިއުކޭޝަން، ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް.

11. ޖޯންސްޓަން ފެނާންޑޯ: މިނިސްޓަ އޮފް ރޯޑްސް އެންޑް ހައިވޭސް، ޕޯޓްސް އެންޑް ޝިޕިން.

12. ވިމާލް ވީރަވަންސާ: މިނިސްޓަ އޮފް ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެސްއެމްއީ) އެންޑް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް، އިންޑަސްޓްރީޒް އެންޑް ސަޕްލައި މެނޭޖްމަންޓް.

13. މަހިންދާ އަމަރަވީރާ: މިނިސްޓަ އޮފް ޕެސިންޖާ ޓްރާންސްޕޯޓް، ޕަވާ އެންޑް އެނާޖީ.

14. އެސްއެމް. ޗަންދްރެސޭނާ: މިނިސްޓަ އޮފް އެންވަޔަރްމަންޓް، ވައިލްޑްލައިފް، ލޭންޑް އެންޑް ލޭންޑް ޑިވެލޮޕްމަންޓް.

15. ރަމޭޝް ޕަތިރަނަ: މިނިސްޓަ އޮފް ޕްލާންޓޭޝަންސް އެންޑް އެކްސްޕޯޓް އެގްރިކަލްޗާ.

16. ޕްރަސަންނާ ރަނަތުންގާ: މިނިސްޓަ އޮފް އިންޑަސްޓްރިއަލް އެކްސްޕޯޓްސް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަންސް، ޓޫރިޒަމް އެންޑް އޭވިއޭޝަން.

ލަންކާގެ ބޮޑު ވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ބޮޑު ވަޒީރުކަމުގެ ހުވާ ރާޖަޕަކްސާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވީ ވަގުތީ ކެބިނެޓް ދެމިއޮންނާނީ ލަންކާގައި އާއްމު އިންތިޚާބު ބާއްވަންދެން ކަމަށެވެ. ގޯޓާބޭ ވިދާޅުވީ އާއްމު އިންތިޚާބު އިއުލާން ކުރާނީ މާޗު މަހު ކަމަށެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލެވޭނީ ހިނގަމުންދާ ފަސް އަހަރުގެ ދައުރުން ހަތަރު އަހަރާއި ބައި ފާއިތުވުމަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެންވެ އެންމެ އަވަހަށް ވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަސް ނިމުމުންނެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާލަމެންޓް އުވާލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެގޮތަށް ފާސް ކުރުމުންނެވެ.

ލަންކާގެ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގައި ރާޖަޕަކްސާ އާއި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުންގެ އަދަދަކީ 96 އެވެ. ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯއްދަވަން ހަ މެންބަރުން މަދުވެ އެވެ.