Roadha Mihaaru
ޒަހަމްވި މީހާގެ މައްސަލާގައި ފަޅުވެރިން ހައްޔަރުކޮށްފި

ޒަހަމްތަކާ އެކު މާޅޮހަށް އެރި މީހާ ދަތުރުކުރި ދޯނީގެ ފަޅުވެރިން ހައްޔަރުކޮށްފި

22 ނޮވެމްބަރ 2019

ބޮޑެތި ޒަހަމްތަކަކާ އެކު އއ. މާޅޮހަށް ރޭ ދަންވަރު ފަތާފައި އެރި މީހާ ހޯދަން އޭނާ ދަތުރުކުރި ދޯނީގެ މީހުން ވެސް އެރަށަށް އެރި ކަމަށާއި އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަން، ފުލުހުން ކަށަވަރުކޮށްދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޮޑެތި ޒަހަމްތަކަކާ އެކު އއ. މާޅޮހަށް ރޭ ދަންވަރު ފަތާފައި އެރި މީހާ ހޯދަން އޭނާ ދަތުރުކުރި ދޯނީގެ މީހުން ވެސް އެރަށަށް އެރި ކަމަށާއި އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަން، ފުލުހުން ކަށަވަރުކޮށްދީފި އެވެ.

އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކުރި މީހުންގެ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ދޯނި ނިސްބަތްވާ ރ. މަޑުއްވަރީ ކައުންސިލްގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ލަނޑާ ނަގާ އެ ދޯނީގައި ހިންގި މާރާމާރީގައި ޒަހަމްކޮށްްލާފައި ވަނީ އެރަށު އިސްމާއިލް ހައްމާދު، ފެހި އަލި، ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށެވެ.

އޭނާއަށް ފަރުވާދެމުން މިހާރު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް ވެސް، ބައެއް ފަރާތްތަކާ ހަވާލާދެއްވައި، އަބްދުﷲ ވިދާޅުވި އެވެ.

ނަން ނުޖަހާ ގޮތަށް މާޅޮހުން ވާހަކަދެއްކި މީހަކު ބުނީ ހައްމާދު، 26، ހޯދަން އެރަށަށް އެރީ އޭނާ ދަތުރުކުރި ދޯނީގެ ބައެއް ކަމަށާއި އެ އެންމެން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި، މިހާތަނަށް އެނގިފައި ވަނީ، މާރާމާރީއަށް ފަހު ހައްމާދު ކަނޑަށް އެއްލައިލީ ކަމެވެ.

ފަތާފައި ގޮސް އޭނާ މާޅޮހަށް އެރީ، އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، ރޭ މެންދަމުން އަލިވެ 3:00 ހާ އިރު، ރަށުގެ ތުނޑީ ކޮޅުންނެވެ.

އޭނާ ގޮސް އެންމެ ފުރަތަމަ ޖެހުނު ގޭގެ މީހުންނަށް ގޮވަން ހަޅޭއްލެވި އަޑަށް ދެ މީހަކު ނުކުތް ކަމަށް، އެކަކު ކިޔައިދިނެވެ. އެކަމަކު އޭނާ ވަރަށް ބޮޑަށް ޒަހަމްވެފައި އޮތުމުން، އެ މީހުން ވަނީ ރަށު ކައުންސިލަރުންނަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައި ކަމަށް، ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ "ވަރަށް ބޮޑަށް ޒަހަމް ކޮށްފައި އޮތް ދިވެހި ފިރިހެނަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ތިނެއް ޖަހާކަން ހާއިރު ކަމަށެވެ.

ހައްމާދުގެ ހާލު ސީރިއަސް ވެގެން މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް މާލެ ގެނައީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެހީތެރިކަމާ އެކު އެވެ.

ދޯނީގައި ލަނޑާ ނަގަން އުޅެނީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.