Roadha Mihaaru
ކަނޑުމަތިން ލޯންޗު ފެނުނީ ދެ ދުވަސް ފަހުން

ކަނޑުމަތިން ލޯންޗު ފެނުނީ މާލޭން ފުރިތާ ދެ ދުވަސް ފަހުން

07 އޮކްޓޯބަރ 2022

ފުލުހުން ފުރަތަމަ ބުނިގޮތުގައި ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ އިއްޔެ މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެކެވެ. އެ ލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށާއި އޭގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ބުންޏެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުލުހުން ފުރަތަމަ ބުނިގޮތުގައި ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ އިއްޔެ މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެކެވެ. އެ ލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށާއި އޭގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ބުންޏެވެ.

އެކަމަކު ފުލުހުން މިހާރު ބުނާ ގޮތުގައި ލޯންޗު ފުރީ ފަސް ވަނަ ދުވަހު މެންދުރު ފަހު 1:00 ގަ އެވެ. ލޯންޗުގައި ހުރި މީހެއްގެ އާއިލާއިން ރިޕޯޓްކުރީ ރޭގެ 8:50 ގަ އެވެ.

އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ.

"އެ ލޯންޗާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. މި ރަށުގެ ލޯންޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިއީ ކޮން ބޭނުމަކު ދަތުރުކުރި ބައެއް ކަމެއް ވެސް ނޭނގެ އެވެ.

ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނުނު ސަރަހައްދާއި އެ ލޯންޗުގެ ބައެއް ފޮޓޯތައް -- ފޮޓޯ: އެމްއެންޑީއެފް

ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނުނު ސަރަހައްދާއި އެ ލޯންޗުގެ ބައެއް ފޮޓޯތައް -- ފޮޓޯ: އެމްއެންޑީއެފް

ރިޕޯޓްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބުނީ ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތުމުން، ލޯންޗާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން އަންގައިދިނުމަށެވެ. އެހެންވެ ލޯންޗެއް ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް ކުރިން އެނގިފައި ނެތް ކަމަށް ބެލެވެ އެވެ.

އެ ލޯންޗުގައި ތިބި ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކު ފެނުނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ކަމަށާއި އެ މީހާ އަށް މިހާރު އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެރިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝާހު ވެސް ވިދާޅުވީ އެއީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށެވެ.

"ފުލުހުން މިއަދު މެންދުރު ކައުންސިލަށް އެނގީ މި ރަށާ ކައިރީގައި ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭތީ ސާޗަށް ނުކުމެދޭން. އަޅުގަނޑުމެން ފުރަން އުޅެނިކޮށް، މި ރަށު ފުއްޓަރު ފަރާތަށް ދަތުރު ގޮސް އުޅުނު ބަޔަކު ބުނީ މީހަކު ފަތާފައި ފުއްޓަރާ ދިމާލުން އެންގަމަށް އެރި ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އެ މީހާގެ އޮތީ ސިއްހީ މަރުކަޒުގައި. އަނެންހެން ހާލު ރަނގަޅު، ނިދިފައި އޮތީ މި ގަޑީގައި."

އޭނާއާ އަދި ވާހަކަނުދެއްކޭތީ އެ ހާދިސާ ހިނގި ގޮތެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ވެސް މި ހާދިސާއާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.