21 ނޮވެމްބަރ 2019
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އެ ކޮމެޓީގެ މިރޭ ބައްދަލުވުން ހޫނުވެ، އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ ދެމެދު ވަރުގަދަ ޒުވާބުތަކެއް ހިނގައިފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އެ ކޮމެޓީގެ މިރޭ ބައްދަލުވުން ހޫނުވެ، އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ ދެމެދު ވަރުގަދަ ޒުވާބުތަކެއް ހިނގައިފި އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއާ ހަވާލުކުރުމުން އެ ކޮމެޓީން ވަނީ ސަބް ކޮމެޓީއެއް ހަދައި އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ސަބް ކޮމެޓީން ރިޕޯޓް މައި ކޮމެޓީން ފާސް ކުރުމުން އިދިކޮޅު މެމްބަރުން ވަނީ އެ ސަބް ކޮމެޓީގެ ރިޕޯޓަކީ އޮޅުވާލައިގެން ފާސްކުރި އެއްޗެއް ކަމަށް ބުނެފަ އެވެ.
އެ މައްސަލާގައި މިރޭ ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަމުން ދަނިކޮށް އެ ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަޑައިގެން ކޮމެޓީގައި ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
ކޮމެޓީ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އެމްޑީޕީގެ މެމްބަރުން އެދިވަޑައިގަތަސް، ޝިޔާމް ވިދާޅުވަމުން ގެންދެވީ ކޮމެޓީ ރިޕޯޓުގެ ސައްހަކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭންޖެހޭ ކަމަށެވެ. ޝިޔާމާ އެކު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް އެތަނަށް ވަޑައިގަތެވެ.
"65 މެމްބަރުން ތިބުމަކީ އަޅުގަނޑުމެން ބިރު ގަންނަންޖެހޭނެ ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.
ކޮމެޓީގެ ރިޔާސަތުގައި އެވަގުތު އިންނެވި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މެމްބަރުންނާ ވަކިވަކިން ވާހަކަ ދައްކަވައިގެން ހައްލުކުރަން މަސައްކަތް ކުރެއްވިޔަސް، ބައެއް މެމްބަރުން ކޮޅަށް ތެދުވެ ވަޑައިގެން ޒުވާބުކޮށް، އަޑުގަދަ ކުރަމުން ގެންދެވި އެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ސަބް ކޮމެޓީގެ ނިންމުން ފާސްކުރީ އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެން ކަމަށެވެ. މެމްބަރަކު ގަސްދުގައި މަސައްކަތަށް ހުރަސް އަޅާ ނަމަ، އެ މެމްބަރަކު އެތަނުން ނެރެދޭން އެމްޑީޕީގެ މެމްބަރުން އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން މި އުޅެނީ ޝިޔާމު މީގެ ތެރެއަށް ލާކަށް ނޫން. އަޅުގަނޑުމެން މި އުޅެނީ ދިވެހި ރައްޔިތުންގެ ހައްގުގައި މިކަން ކުރުމުގެ ފުރުސަތެއް ދެއްވާ،" މެމްބަރު އާޒިމް ވިދާޅުވި އެވެ.
ރިޕޯޓް ފާސްކުރީ އާދަމް ޝަރީފް އިންނަވައިގެން ކަމަށް އެމްޑީޕީގެ މެމްބަރުން އަޑު ހަރުކޮށް އަދި ތަކުރާރުކޮށް ވިދާޅުވާން ފެއްޓެވުމުން އެންމެ ފަހުން އާދަމް ޝަރީފް ވެސް ތެދުވެ ވަޑައިގެން ވަނީ އިދިކޮޅު މެމްބަރުންނާ ޒުވާބުކުރައްވައިފަ އެވެ.
އާދަމް ޝަރީފް ތެދުވެވަޑައިގަތުމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އޭނާ އަކީ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލިސް މެމްބަރުން ގަދަކަމުން މަޖިލީހުން ނެރެން ސިފައިން ފޮނުއްވި ބޭފުޅާ ކަމަށެވެ. ރައްދުގައި އާދަމް ވިދާޅުވީ އޭނާ އެފަދަ އަމުރެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
"އާދަމް ޝަރީފް މި އޮތީ ވޯޓު ދީފައި. ހުސައިން މުހައްމަދު ލަތީފް މި އިނީ ޖަލްސާގެ ރިޔާސަތުގައި އިނދެގެން ނިންމާފައި އިން އެއްޗެކޭ މިއީ." ކޮމެޓީ ރިޕޯޓް ޝިޔާމަށް ދައްކަވާލައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.
ޒުވާބު ހިނގަމުން ދިޔައިރު މެމްބަރު ހުސައިން ކޮމެޓީގައި ހާޒިރުވެ ނެތަސް، ފަހުން އޭނާ ކޮމެޓީއަށް ވަޑައިގެން ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި އެވެ. އަދި މެމްބަރު އާދަމް ޝަރީފް ވެސް ކޮމެޓީން ނިކުމެވަޑައިގަތުމަށް ފަހު އެނބުރި ކޮމެޓީ ބައްދަލުވުމަށް ވަޑައިގަތެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ބައެއް މީހުންގެ ނަންތައް ސަބް ކޮމެޓީގެ ރިޕޯޓުގައި ނެތުމުން އެކަމާ މެދު ބަައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށާއި އެކަމަކު އެއްވެސް ޖިނާއީ އަމަލެއް ހިންގާފައިވާ ނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅަން އެ ރިޕޯޓުގައި ވެސް އޮންނާނެ ކަމަށެވެ. އަދި އެ ބައި ވެސް މިހާރު އިސްލާހު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައި ކޮމެޓީން ނިންމެވީ އެހެން ހުރި ނަން ނަން ވެސް އެއީ ހިމަނަން ޖެހޭނެ ނަން ނަން ކަމަށްވާތީ މިހާރު މައި ކޮމެޓީން ފާސް ކުރެއްވި، ތިޔަ އެންމެ ބޭފުޅުން ވޯޓު ދެއްވައި ފާސްކުރި ރިޕޯޓުގައި އެ ނަން ވެސް ވަނީ ހިމެނިފައި،" ހަސަން ވިދާޅުވި އެވެ.
ސަބް ކޮމެޓީގައި ހިމެނިވަޑައިގެންނެވި ހަސަން ވިދާޅުވީ ސަބް ކޮމެޓީން ރިޕޯޓް އެކުލަވާލައި، ފައިނަލްކުރީ މެމްބަރު ހުސައިން އާއި އޭނާއާ ތިއްބަވައިގެން ކަމަށާއި މައި ކޮމެޓީ އަށް ރިޕޯޓް ފޮނުވީ ހުސައިންގެ ތާއީދާ އެކު ކަމަށެވެ. ކޮމެޓީގެ ރިޕޯޓުތަކަކީ ހަމައެކަނި މުގައްރިރު ސޮއިކުރާ އެއްޗަކަށް ވާތީ އެ ރިޕޯޓު މައި ކޮމެޓީ އަށް ފޮނުވީ އޭނާ އެކަނި ސޮއި ކުރެއްވުމަށް ފަހު ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"އެއިން ބޭފުޅަކު ބައިވެރިވެ ވަޑައިނުގެން ހަދާފައި އޮތް ރިޕޯޓެއް ކަމަށް ބުނާނެ ޖާގައެއް ނެތް. ބައިވެރިވުން ހުރި މިންވަރު އަޅުގަނޑު މިދެންނެވީ." ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ސަބް ކޮމެޓީގެ ރިޕޯޓް ސައްހަ ނޫން ކަމަށް އިދިކޮޅު މެމްބަރުން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު ވެސް އޭނާ މީޑިއާގައި އެކަމާ ބެހޭގޮތުން ވާހަކަ ނުދެއްކެވީ ސަބް ކޮމެޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާތީ އެވެ. ސަބް ކޮމެޓީގައި ހިނގި ކަންކަމުގެ ވާހަކަ އެހާ ބޮޑަށް އާންމު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މެންބަރު ހަސަން ލަތީފު، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
"މި ކޮމެޓީ މިއީ ހުޅުވާލެވިފައި އޮތް ކޮމެޓީއެއް ވީމަ އެ ކޮމެޓީގައި ހިނގި ކަންކަމުގެ ވާހަކަ މި ދެއްކީ ހުއްދަ އޮންނަ މިންވަރަށް،" ހަސަން ވިދާޅުވި އެވެ.
ސަބް ކޮމެޓީގެ ރިޕޯޓް ނިންމުމަށް ފަހު އެ ކޮމެޓީގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕަކަށް ވެސް އެ ރިޕޯޓް ފޮނުއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް ހުސެން މުހައްމަދު ވިދާޅުވީ ވަޓްސްއެޕް ގްރޫޕަކީ ރަސްމީ އެއްޗެއްގެ ގޮތުގައި ނުބައްލަވާ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރިޔާސީ ކޮމިޝަން އަލުން ކޮމެޓީއަށް ހާޒިރު ކޮށްގެން މިކަންކަން ފަސް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ވީހާ ވެސް އަވަހަކަށް ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭ ކަމަށެވެ. ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި އަފްރާޝީމްގެ މަރުގައި އެކި ގޮތްގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ރިޔާސީ ކޮޮމިޝަންގެ ރިޕޯޓުގައި އޮތްއިރު އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން ފާސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވި އެވެ.
"މުޅި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ކަމާބެހޭ މުއައްސަސާތަކަށް އަވަހަށް ގޮވާލާ މި ރިޕޯޓް ފޮނުވާލަން އަޅުގަނޑަށް ފެންނަނީ." އީވާ ވިދާޅުވި އެވެ.
ކޮންމެވެސް ސަބަބަކާ ހެދި އިދިކޮޅު މެމްބަރުން އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިކަމެއް ނުހުއްޓުވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ބާއްވަނީ މީޑިއާ ނުވައްދައި، ސިއްރުކޮށްގެންނެވެ. ނަމަވެސް މިރޭ ބޭއްވީ އާންމުކޮށް ހުޅުވާލައިގެން، ޓީވީން ލައިވްކޮށެވެ.
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި
ބޮޑު ގޯހެއް ހަދައި ރިޕޯޓް ފާސްކުރި ކަމުގެ ތުހުމަތު!
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އިމްރާން މަޖިލީހުގައި ހެދީ ދޮގު، މަގާމުގައި ނުހުރެވޭނެ
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
ފުލުހުންގެ ހައްގުތައް އިދިކޮޅުން ދިފާއުކުރާނެ: އަދުރޭ
ޚިޔާނާތުގެ މައްސަލަތަކަށް ވީގޮތް ބަލަން ޖޮއިންޓް ކޮމިޓީ