Roadha Mihaaru
މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވައިފި

މާލެ ޖަލު އެނެކްސް 1 މަރާމާތަށް ފަހު އަލުން ހުޅުވައިފި

20 ނޮވެމްބަރ 2019

މާލެ ޖަލު އެނެކްސް 1 މަރާމާތަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެތަން މިއަދު އަލުން ހުޅުއްވައިދެއްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ޖަލު އެނެކްސް 1 މަރާމާތަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެތަން މިއަދު އަލުން ހުޅުއްވައިދެއްވައިފި އެވެ.

އެ ޖަލު ބަންދުުކުރީ އެތަނަކީ މީހުން ބައިތިއްބަން އެކަށީގެންވާ ވަރުގެ ތަނެއް ކަމަށް ނުފެންނާތީ އެވެ. އަދި އެ ޖަލު މަރާމާތުކޮށްފައި ހުޅުވީ އިންސާނީ ކަރާމަތާއި ޝަރަފާ އެކަށީގެންވާ މިންވަރަކަށް އެތަނުގެ ހާލަތު ބަދަލުކުރުމަށް ފަހު ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ޖަލު އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުން ވީ ވައުދެއް ކަމަށާއި، މި ޖަލު އަލުން ހުޅުވަމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެތަނުގައި ބައިތިއްބާ މީހުންނަށް ލިބޭނެ ވަސީލަތްތަކާއި އެ މީހުންނާ މެދު ގެންގުޅޭ އަމަލުތައް ރަނގަޅު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖަލުގައި ހުންނަ ފާހާނަތަކަށް ގެނައި ބަދަލާއި ޖަލުގެ ގޮޅީގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޖަލު ބަންދުކުރުމުގެ ކުރިން އެތަނުގައި 17 ވަރަކަށް މީހުން ބަންދުކުރި އެވެ. ނަމަވެސް މީގެ ފަހުން އެ ޖަލުގައި ބަންދު ކުރާނީ ގިނަވެގެން 10 މީހުން ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާ ގައިދީންނާ މެދު އަމަލުތައް ބަހައްޓާ ގޮތް ރަނގަޅުކޮށްފައި ވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.

އެނެކްސް 1 އަލުން ހުޅުވީ، އެތަނުގެ ޕްލޭން ގައިދީންނަށާއި އޮފިސަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ. އެ ޕްލޭންގައި އެތަނުގައި ބަހައްޓާ ގައިދީންނާ މެދު އަމަލު ކުރެވޭނެ ގޮތާއި ގައިދީންގެ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތާއި ޝަކުވާ ހުށަހެޅޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.