Roadha Mihaaru
ސަލަފް އުފެއްދީ ނަޝީދުގެ ވެރިކަމަކު ނޫން

ސަލަފް އުފެއްދީ ނަޝީދުގެ ވެރިކަމަކު ނޫން

20 ނޮވެމްބަރ 2019

ސަލަފް ޖަމިއްޔާ އުފެއްދުމަށް ހުއްދަދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫންކަން ހާމަވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަލަފް ޖަމިއްޔާ އުފެއްދުމަށް ހުއްދަދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫންކަން ހާމަވެއްޖެ އެވެ.

ސަލަފް ޖަމިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ރައީސް ނަޝީދު ވެސް ތުހުމަތު ކުރައްވަ އެވެ. ނަޝީދު މިއަދު ވިދާޅުވީ ސަލަފް ޖަމިއްޔާ، އެމަނިކުފާނުގެ ވެރިކަމުގައި ރަޖިސްޓަރީ ކޮށްދިނީ އެކަން ނުކުރަން ދޮށީ އުމުރުގެ ގިނަ ބަޔަކު އެދެމުން ދަނިކޮށް ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ސަލަފް ޖަމިއްޔާ ރަޖިސްޓްރީކޮށް ހޯމް މިނިސްޓްރީން ދީފައިވާ ލިޔުން "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ލިޔުމުގައި ބުނާގޮތުން ޖަމިއްޔަތުލް އަންޞޫރުގެ ނަމުގައި 12 މާޗް 2006 ގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއްގެ ނަން 7 ޖޫން 2006 ގައި ވަނީ ޖަމިއްޔަތުއްސަލަފަށް ބަދަލުކޮށްފަ އެވެ. އެއީ ސަލަފް ޖަމިއްޔާގެ މަސައްކަތް ފެށިގެން އައި ހިސާބެވެ.

ޖަމިއްޔަތުއްސަލަފް އުފައްދައި ދީފައިވާ ލިޔުން--

ޖަމިއްޔަތުއްސަލަފް އުފައްދައި ދީފައިވާ ލިޔުން--

އޭރު ރާއްޖޭގެ ރައީސަކަށް ހުންނެވީ މައުމޫން އަބްދުލް ގައްޔޫމެވެ.

ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު ސަލަފް ރަޖިސްޓްރީ ކޮށްދެއްވީ އެހެން ނޫންނަމަ އެ ޖަމިއްޔާ އަޑިއަޑިން ހިންގާނެތީ ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ގޮތުގައި އެ ޖަމާއަތް އެ ދުވަހު ރަޖިސްޓަރީ ނުކޮށްދިން ނަމަ އެ ޖަމާއަތް އަންޑަ ގްރައުންޑްގައި މަސައްކަތް ފެށީސް. މިއަދު ވެސް އެ ޖަމާއަތް އަޅުގަނޑުމެން ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ،" ރާއްޖޭގެ ވެރިކަން ތިން އަހަރު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް އެ ކޮމިޓީން ވަނީ ކުޑަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީ ގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ހެންވޭރު ހުޅަނގު ދާއިިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

ނަޝީދު ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތްތައް ރޭ ނިންމާލާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ފުރިހަމަ ރިޕޯޓް މަޖިލީހަށް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ރިޕޯޓްގައި، ޓެރަރިޒަމަށް ވާގިދޭ ޖަމާއަތްތަކާ މެދު ކަން ކުރާނެ ގޮތެއް މަޖިލީހުން ނިންމަން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.