Roadha Mihaaru
މެސީގެ ޕެނަލްޓީން އާޖެންޓީނާ ސަލާމަތްވެއްޖެ

މެސީގެ ޕެނަލްޓީން އާޖެންޓީނާ ސަލާމަތްވެއްޖެ

19 ނޮވެމްބަރ 2019

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީން 2-2 އިން އުރުގުއާއާ އެއްވަރުކޮށް އާޖެންޓީނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީން 2-2 އިން އުރުގުއާއާ އެއްވަރުކޮށް އާޖެންޓީނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މި އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އައި ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މެސީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ތަފާތު ދައްކައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ވެސް މެސީ ވަނީ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި އެޑިސަން ކަވާނީގެ ގޯލުން އުރުގުއޭ ލީޑުނަގާފައިވަނިކޮށް މެޗުގެ 63 ވަނަ މިނިޓްގައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް ކާމިޔާބުކުރި ގޯލުން އުރުގުއޭ އިން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. އުރުގުއޭ މޮޅުވާން ދަނިކޮށް ފަހު ވަގުތު ލިބުނު ޕެނަލްޓީން މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން އުރުގުއޭ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މިދިޔަ އަހަރު ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އާއި އިޒްރޭލުން ގުދުސްގައި އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވި ނަމަވެސް ފަލަސްތީނުގެ ހިތްހަމަނުޖެހުންތަކާ އެކު އެ މެޗު ޖެހުނީ ކެންސަލް ކުރާށެވެ. ރޭ އުރުގުއޭއާ އެކު އާޖެންޓީނާ އިން ކުޅުނު މެޗު ވެސް އެންމެ ފުރަތަމަ ކުޅެން ރޭވީ ގުދުސްގަ އެވެ. އެކަމަކު ފަހުން ތެލް އަވީވަށް ބަދަލުކުރީ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ އެކަން އިއުލާނުކުރުމުން އިޒްރޭލުން އަންނަނީ ތަފާތު އެކި ފުޓްބޯޅަ މެޗުތައް ގުދުސްގައި ކުޅޭ ގޮތަށް ރާވައި ސިޔާސީ މަންފާ ހޯދުމަށް މަސައްކަތްކުރަމުން ކަމަށް ފަލަސްތީން އެފްއޭ އިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރޭގެ މެޗުގެ ކުރިން އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ވެސް ވަނީ ފަލަސްތީނާއި އިޒްރޭލުގައި މި ހިނގާ ކަންތައްތަކުގެ ތެރެއަށް ފުޓްބޯޅައިގެ ކަންތައްތައް ވަނުމަކީ ހިތާމަކުރާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި މި ފަދަ މާހައުލެއްގައި މެޗު ރޭވުން އެންމެ ރަނގަޅު ނޫން ކަމަށް ވެސް ބުންޏެވެ.