Roadha Mihaaru
އެކަށީގެންނުވާ ޕޫލެއްގައި މުބާރާތް ބާއްވާތީ ކަންބޮޑުވުން

އެކަށީގެންނުވާ ޕޫލެއްގައި މުބާރާތް ބާއްވާތީ ކަންބޮޑުވުން!

13 ނޮވެމްބަރ 2019

މުބާރާތެއް ބޭއްވުމަށް އެކަށީގެންނުވާ ހުޅުމާލޭ އިންޑޯ ސްވިމިން ކޮމްޕްލެކްސްގައި ގައުމީ ފެތުމުގެ މުބާރާތް ބާއްވަން ސްވިމިން އެސޯސިއޭޝަނުން ނިންމުމުން ބައެއް ސީނިއާ ކޯޗުންނާއި ބެލެނެވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުބާރާތެއް ބޭއްވުމަށް އެކަށީގެންނުވާ ހުޅުމާލޭ އިންޑޯ ސްވިމިން ކޮމްޕްލެކްސްގައި ގައުމީ ފެތުމުގެ މުބާރާތް ބާއްވަން ސްވިމިން އެސޯސިއޭޝަނުން ނިންމުމުން ބައެއް ސީނިއާ ކޯޗުންނާއި ބެލެނެވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްޑީސީން ހަދާފައިވާ އެ ކޮމްޕްލެކްސްގެ ޕޫލް ވަރަށް ތިލަ އެވެ. އަދި އެތަނުގައި އޮތީ އެންމެ ފަސް ލޭނެވެ. މުބާރާތެއް ބޭއްވުމަށް މަދުވެގެން އަށް ލޭން ބޭނުންވެ އެވެ. އަނެއްކޮޅުން އެތަނުގައި ވޯމްއަޕް/ވޯމްޑައުން ކުރާނެ ޕޫލެއް ވެސް ނެތެވެ.

ސްވިމިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާރިފް ވެސް ކުރިން ވިދާޅުވީ މިތަނުގައި ކުޑަކުދިންނަށް ހާއްސަ ކުދަކުދި މުބާރާތްތަކެއް ބޭއްވިދާނެ ކަމަށާއި އެކަމަކު މިތަން މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ތަމްރީންތަކަށް ކަމަށެވެ. އެއަށް ފަހު ދެން އޮންނަ ވަގުތުތަކުގައި އާއްމުންނަށް ބޭނުންކުރަން ވެސް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެސޯސިއޭޝަނުން މިހާރު މިވަނީ ރާއްޖޭގެ އެންމެ ބޮޑު މުބާރާތް އެ ޕޫލުގައި ބާއްވަން ނިންމައިފަ އެވެ.

"މިހާރަ"ށް ވާހަކަދެއްކި ބެލެނެވެރިޔަކު ބުނީ ޕޫލުގައި ފަރިތަކުރަން ލިބުނީ މަދު ކުދިންތަކަށް ކަމަށާއި އެހެން ކުދިން މާލޭ ފަޅުތެރޭގައި އޮންނަ ޓްރެކުގައި ފަތާފައި ގޮސް މުބާރާތުގައި ވާދަކުރަން ޕޫލަށް އެރެން ޖެހުމުން ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތެއް ލިބޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"އަނެއްކާ އެތަނުގައި މިއޮތީ ފަސް ލޭން. އޭގެ ތެރެއިން ބޭރު ދެ ލޭނުގައި ދެ ސިޑި އެބަހުރޭ. އެހެންވެ އެ ދެ ލޭނުގައި ފަތާ ކުދިންނަށް އެކަށީގެންވާ ޖާގައެއް ނުލިބޭނެ. އެތަނުގައި ވޯމްއަޕްކުރާނެ ޕޫލެއް ނެތުމަކީ ވެސް ކަންބޮޑުވުމެއް. އަދި ފައިނަލުގައި އާއްމުކޮށް އަށް ކުދިން ވާދަކުރި ނަމަވެސް އެތަނުގައި ބާއްވަންޏާ ހަތަރު ކުދިންނަށް ފައިނަލުގައި ވާދަކުރެވޭނީ،" އޭނާ ބުންޏެވެ.

ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކޯޗު ނިއު ލެގޫންސްގެ އިސްމާއިލް ފަރުހާން (ފަރޭ) ބުނީ ހުޅުމާލޭ ޕޫލުގައި ބާއްވާތީ މެޖޯރިޓީ ކޯޗުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެކަންކަން އެސޯސިއޭޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެސޯސިއޭޝަނުން ރީތި މަންޒަރެއް ދައްކާލަން ޕޫލެއްގައި މުބާރާތް ބޭއްވި ނަމަވެސް އެއީ މުބާރާތެއް ބާއްވަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ފަރޭ ދެކެ އެވެ.

"ފައިނަލެއްގައި އަށް ކުދިން ވާދަކުރަން ޖެހޭއިރު ފަސް ލޭން އޮތްތަނެއްގައި ކިހިނެއް މުބާރާތެއް ބާއްވާނީ؟ އެއް ފަހަރާ 200 އެއްހާ ކުދިން ވާދަކުރާ މުބާރާތެއްގައި ކިހިނެއް ވާމްއަޕް އަދި ވާމްޑައުން ކުރާނެ ޕޫލެއް ނެތި ބާއްވާނީ؟ އަނެއްކާ އެއީ އެހާ ތިލަ ތަނެއް. އަޑީގައި ޖެހި އަނިޔާވެފަ އެބަހުރި ކުދިންނަށް. އެތަނަށް ދާ ބަޔަކަށް އެތަނުގެ ހާލަތު އެނގޭނީ." ފަރޭ ބުންޏެވެ.

އޭނާގެ ވާހާކަތަކަށް ލައިފްގާޑް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ޒާހިދު އެއްބަސްވި އެވެ. އެގޮތުން ކިޑްސް ފެސްޓިވަލަށް ތައްޔާރުވާން ކުދިން ދާދި ފަހުން އެތަނުގައި ފެތިއިރު، އެތަން ތިލަވުމުގެ ސަބަބުން ކުއްޖެއްގެ ބޯ އަޑީގައި ޖެހި ހާނިއްކަވި ކަމަށް ޒާހިދު ވިދާޅުވި އެވެ.

"ގައުމީ ފެންވަރުގެ ބޮޑު މުބާރާތް ބާޢްވަން އެތަން ރަނގަޅެއް ނޫން. އެއީކީ މުބާރާތް ބާއްވަން ހެދި ތަނެއް ވެސް ނޫން. އެތަނަކީ ކޮމިއުނިޓީ ސެންޓަރެއް. އާއްމުން ފަތަން ހެދި ތަނެއް. އެންމެ ބޮޑު އެއް މައްސަލައަކީ ވާމްއަޕް އަދި ވާމްޑައުން ކުރާނެ ޕޫލެއް ނެތުން. ފެތުމަށް ފަހު ވާމް ޑައުން ނުކޮށްފިއްޔާ އަނިޔާގެ މައްސަލަ ކުރިމަތިވާނެ،" ޒާހިދު ވިދާޅުވި އެވެ

މާލޭ ފަޅުތެރޭގައި އަޅާފައި އޮންނަ ސްވިމިން ޕްލެޓްފޯމް: މުބާރާތް ބާއްވަން މިހާތަނަށް ބޭނުންކުރީ މިތަން.

މާލޭ ފަޅުތެރޭގައި އަޅާފައި އޮންނަ ސްވިމިން ޕްލެޓްފޯމް: މުބާރާތް ބާއްވަން މިހާތަނަށް ބޭނުންކުރީ މިތަން.

ދާދި ފަހުން ގައުމީ ސްކޮޑުގެ ޓްރަޔަލް އެތަނުގައި ބޭއްވި އެވެ. އެކަމަކު ޒާހިދު ވިދާޅުވީ ވިއްސަކަށް ކުދިން ވާދަކުރާ އިވެންޓަކާ 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވާ މުބާރާތެއް ތަފާތު ވާނެ ކަމަށާއި ވާމްއަޕް/ވާމްޑައުން ކުރާނެ ވަސީލަތެއް ނެތި މުބާރާތް ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެތަނުގައި އޮތަސް ކުދިން ބައިވެރިކުރާނަން. އެކަމަކު އަޅުގަނޑުމެން ހިތްހަމަނުޖެހޭ އެތަނުގައި ބާއްވަން،" ޒާހިދު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ސްވިމިން އެސޯސިއޭޝަނުގެ ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވީ މި ހުރިހާ ދުވަހު ލޮނުގައި، ކުނިބުނިތަކުގެ ތެރޭގައި ފެތުމަށް ފަހު މި ފަހަރު ރަނގަޅު ވަސީލަތެއްގައި ބޭއްވުމުން އެކަމާ ދެކޮޅަށް ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ޓްރެކް ސަރަހައްދުގައި މުބާރާތް ނުބައްވަން ނިންމި އެއް ސަބަބަކީ ސަރުކާރުން ޓްރެކް ސަރަހައްދު ތަރައްގީ ކުރަން ފެށި ޕްރޮޖެކްޓުގެ މަސައްކަތް ހުއްދަތައް ލިބި ދެ ދުވަހެއްގެ ތެރޭގައި ވެސް ފެށަން ޖެހިދާނެތީ ކަމަށާއި މުބާރާތް އެތަނުގައި ބާއްވައިގެން އެ ޕްރޮޖެކްޓް ފެށުން ލަސްވާން ބޭނުން ނޫން ކަމަށެވެ.

"ބުނެފާނެ މި ހުރިހާ ދުވަހު މަސައްކަތް ނުފަށާ އޮތީ ކީއްވެހޭ؟ ކޮންމެ ސަބަބަކާ ހެދި ނުފެށި އޮތަސް، އެތަނުގެ މަސައްކަތް ފެށުން އަޅުގަނޑުމެންގެ ސަބަބުން އިތުރަށް ލަސްވާކަށް ބޭނުމެއް ނޫން. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވެސް ހުއްދަތައް ލިބިދާނެ. ހުއްދަތައް ލިބި ކޮންޓްރެކްޓަރު މަސައްކަތް ފަށަން ބޭނުންވާއިރު އަޅުގަނޑުމެން ތިބެން ޖެހޭނެ ތައްޔާރުގައި. މުބާރާތް އޮތުމުގެ ސަބަބުން މަސައްކަތް ނުފެށި އިތުރު ލަސްވުމެއް އަންނަން ބޭނުމެއް ނޫން" އިސްމާއިލް ވިދާޅުވި އެވެ.

އަނެއް ސަބަބަކީ، ސައުތު އޭޝިއަން ގޭމްސް އަށް ގައުމީ ސްކޮޑްގެ ފެތުންތެރިން ޕޫލުގައި ފަރިތަކުރަމުން އައިސް އެ ފެތުންތެރިން ރަނގަޅު ފޯމެއްގައި ތިބުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެހެންވެ ގޭމްސް ބޯމަތީގައި އޮއްވާ، އަނެއްކާ ހަފުތާއެއްހާ ދުވަހު އެ ފެތުންތެރިން ލޮނުގައި ފަތައި ފޯމަށް އަސަރުކުރަން އެސޯސިއޭޝަނުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލެނެވެރިން ބުނި ގޮތުގައި ޕޫލެއްގައި މުބާރާތް ބޭއްވުމަކީ ލިބޭނެ ކުރިއެރުމެކެވެ. އެކަމަކު ޕޫލެއްގައި ބޭއްވުމުގެ ނަމުގައި ވަސީލަތްތައް ނެތް އަދި އެކަށީގެންނުވާ ތަނެއްގައި ބާއްވައިގެން ކުދިންނަށް އަނިޔާވުމަށް ވުރެ ރަނގަޅު ފެންވަރުގެ ޕޫލެއް ލިބެންދެން މާލޭ ޓްރެކުގައި ބޭއްވުން ރަނގަޅު ކަމަށް ބެލެނެވެރިން ދެކެ އެވެ.

މި ސަރުކާރުން އަންނަނީ އޮލިމްޕިކް ސައިޒުގެ ޕޫލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެތަން ހަދަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޭނުންކުރުމަށާ އެއްކޮށް ވަރަށް މަތީ ފެންވަރުގަ އެވެ.

ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.