09 ނޮވެމްބަރ 2019
ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކަވަން ކުންފުނިން ހޯދަން އެދުނު މާލީ ބަދަލު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ދޭން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ ފުލުހުން ކަަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކަވަން ކުންފުނިން ހޯދަން އެދުނު މާލީ ބަދަލު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ދޭން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ ފުލުހުން ކަަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
ހުއްދަ ނުހޯދައި 2012 ގައި ތިލަފުށި ފަޅުގައި އެޅި "އެމްވީ ސީހޯމް ސެފަޔާ" ނަގަން ހަވާލުކުރި ޕާކަވަން އިން ވަނީ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލައި ޖީއެމްއައިޒެޑްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ދައުވާގައި އެދުނީ، ބޯޓު ނެގުމުގެ މަސައްކަތް އޮޅުވާލައިގެން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައި ދިނުމަށެވެ. މައްސަލަ ކޯޓަށް ވެއްދީ، ޖީއެމްއައިޒެޑް އަށް ދިން ފަސް ދުވަހުގެ މުއްދަތުގައި އެ ފައިސާ ނުދެއްކުމުންނެވެ.
އިބޫ ވިދާޅުވީ ބޯޓު މައްސަލައިގައި ޖީއެމްއައިޒެޑްގެ އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށެވެ. ކޮރަޕްޝަން ހިމެނޭ، އަދި ކުންފުންޏަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ވެސް ހިނގާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެ ކުންފުނިން އަމަލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް އިބޫ ވިދާޅުވި އެވެ.
ފަޅުގައި ބޯޓު އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ލިބެމުންދިޔަ ގެއްލުންތަކާ ހެދި، ޖީއެމްއައިޒެޑުން ޕާކަވަންއާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ބޯޓު ނެގުމަށެވެ. މަސައްކަތުގެ މެދުތެރެއިން، އެ ކުންފުނިން މަސައްކަތް ހުއްޓާލީ ފުލުހުން ބޯޓަށް އަރައި ތަހުގީގެއް ފެށުމުން ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ.
ޕާކަވަން އިން ތުހުމަތުކުރާ ގޮތުގައި މަސައްކަތް ހަވާލުކުރުމުގައި، ޖީއެމްއައިޒެޑުން ނުބައި މައުލޫމާތުތަކެއް ދީ އޮޅުވާލާފައިވެ އެވެ.
މެނޭޖިން ޑިރެކްޓަރު އިބޫ ވިދާޅުވި ގޮތުގައި ބޯޓު ނެގުމުގެ މަސައްކަތަށް ހުރަސްއެޅުނީ ފުލުހުން ކޯޓު އަމުރެއް ނެތި ބޯޓަށް އަރައި ހުއްޓުވުމުންނެވެ. ބޯޓުގެ މަސައްކަތާ ގުޅޭގޮތުން ތ. ގުރައިދޫ ކޯޓުގެ އަމުރަކާ އެކު މަސައްކަތް ހުއްޓުވި އިރު، އެ އަމުރު ހައި ކޯޓުން ބާތިލްކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"މައްސަލަ އުފެދުނީ މި ހިސާބުން،" އިބޫ ވިދާޅުވި އެވެ.
"ބަދަލު ހޯދަން އެދިފައި އޮތަސް އެކަމަށް ޒިންމާވާން ޖެހޭނީ ކުންފުންޏަކުން ނޫން. ޒިންމާވާން ޖެހޭނީ ފުލުހުން. އެއީ ކޯޓު އަމުރެއް ނެތި އެކަން ހުއްޓުވާފައިވާތީ،" އިބޫ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ފުލުހުން ބޯޓަށް އެރީ މެއި، 30، 2019 ގައި ކ. ގުރައިދޫ ކޯޓުން ނެރުނު އަމުރުގައި އެ ބޯޓު ކެފުމުގެ މަސައްކަތް ހުއްޓުވައިދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި އޮތުމުން ކަމަށެވެ. ގުރައިދޫ ކޯޓުގެ އަމުރު ބާތިލް ކުރި ކަމުގެ މައުލޫމާތު ލިބުނީ އެ އަމުރު ތަންފީޒުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
"މި ބޯޓާ މެދު އަމަލުކުރާނެ ގޮތެއް ސާފުކުރުމަށް އެދި ފުލުހުން ފިނޭންސް މިނިސްޓްރީ އަށް ލީ ސިޓީއެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީ އިން ފުލުހުންނަށް އަންގާފައި ވަނީ އެ ބޯޓު ނައްތާލަން ހުއްދަ ނުދޭ ކަަމަށް. އަދި ހުއްދަ ދީފައި ވަނީ ބޯޓު ފަޅުން ނަގައި އެހެން ތަނަކަށް ބަދަލުކުރަން އެކަނި ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެހެންކަމުން ބޯޓު ނައްތާލުމުގެ މަސައްކަތް (ކެފުން) ހުއްޓުވާފައި ވަނީ ފިނޭންސް މިނިސްޓްރީން އެންގުމާ އެއްގޮތަށް ކަން ސެޕްޓެމްބަރު، 10، 2019 ގައި ގްރޭޓާ މާލެ ކުންފުންޏަށް ސިޓީއަކުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ވާހަކަ ދޮގުކުރައްވައި އިބޫ ވިދާޅުވަނީ، ބޯޓު ނައްތާލުމުގެ ހުއްދަ ވެސް ފިނޭންސުން އެ ކުންފުންޏަށް އޮތީ ދީފައި ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަނީ، ފުލުހުން މަސައްކަތް ހުއްޓުވާފައި ވަނީ ގޯސްކޮށް ކަަމަށާއި ބަދަލު ދޭން ޖެހޭ ނަމަ އެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންނެވެ.
ބޯޓު ނެގުމާ ގުޅޭ ގޮތުން ޖީއެމްއައިޒެޑްގެ އިންޓާނަލް އޮޑިޓެއް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފަ އެވެ. ކުންފުނީގެ ތައްގަނޑާއި ސޮޔާއެކު އާއްމުވެފައިވާ ރިޕޯޓަކީ، އިބޫ ވިދާޅުވާ ގޮތުގައި، ކުރަމުން އަންނަ އޮޑިޓެއްގެ ޑްރާފްޓެކެވެ. އޭގައި ހުރި ބައެއް ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ތުހުމަތު ކުރައްވާ ގޮތުގައި، އޮޑިޓް ފައިނަލްވުމުގެ ކުރިން ލީކުކޮށްލެއްވީ، ކުންފުނީގެ ޗެއާމަން ސައުދުﷲ އަހްމަދެވެ. އެކަން ކުރެއްވީ ސައުދުގެ މެއިލުން ކަމަށް އިބޫ ތުހުމަތު ކުރައްވަ އެވެ.
އެކަމަކު ސައުދު ވިދާޅުވީ "އެ ތުހުމަތުގައި އަސާސެއް ނެތް" ކަމަށެވެ. މީޑިއާ އަށް ނުވަތަ ސޯޝަލްމީޑިއާ އަށް ވެސް އޭނާ ރިޕޯޓް ހިއްސާނުކުރާ ކަމަށެވެ. އެކަމަކު ކަމާގުޅުން ހުރި ސަރުކާރުގެ އިދާރާތަކަށް އެ ރިޕޯޓް ހުށަހެޅުއްވި ކަމަށާއި އެއީ އޭނާގެ މަގާމުގެ ހަސިއްޔަތުން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ވެސް އެ ރިޕޯޓު ފޮނުވާފައިވާ ކަމަށާއި އެއީ ނިމިފައި އޮތް ރިޕޯޓެއް ކަމަށެވެ.
"ބޯޓު ނެގުމުގެ ކަންކަން އުސޫލްތަކުން ބޭރުގައި ހަވާލުކޮށްފައި ވާތީ އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައީ. އޮޑިޓް ރިޕޯޓަކީ ސައްހަ އެއްޗެއް. އެ ރިޕޯޓު ލީކްވީ އަޅުގަނޑުގެ ފަރާތުންނޭ އެ ވިދާޅުވަނީ ބޮޑު ދޮގެއް. އަޅުގަނޑުގެ ޖީމެއިލަކުން އެއްވެސް ބަޔަކަށް ނޯންނާނެ އޮޑިޓް ރިޕޯޓު ލީކް ކޮށްފައެއް. އެހެން ގޮތަކުން ވެސް ނޯންނާނެ ރިޕޯޓު ލީކް ކޯށްފައެއް،" ސައުދު ވިދާޅުވި އެވެ.
މަސައްކަތް ހަވާލުކުރުމުގައި ކުންފުންޏަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރައްވާ ކަަމަށް ވިދާޅުވެ އިބޫ ދައްކަވަނީ، އެ މަސައްކަތުގައި ޖީއެމްއައިޒެޑް އިން އެއްވެސް ހޭދައެއް ކުރަން ނުޖެހުމެވެ. ޕާކަވަންގެ ފަރާތުން ބޯޓު ނެގުމުގެ މަސައްކަތާ ހަވާލުވި އަހްމަދު އަފްރާހަކީ، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ސަލްވޭޖް އޮޕަރޭޝަންތަކުގައި އިސްކޮށް އަމަލީ ގޮތުން އުޅުނު ގާބިލް މީހެއް ކަން ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް އިބޫ ވިދާޅުވި އެވެ.
އެކަމަކު، ޖީއެމްއައިޒެޑްގެ ޗެއާމަންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގޯހުން ކަންކަން ހިންގާފައި އެބަހުއްޓެވެ.
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"
"ފުލުހުން މައުލޫމާތުދެނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން"
ބާ ދަގަނޑު ބޯޓަށް 9.2 މިލިއަން ދޭން ޖެހިއްޖެ
އިބޫ ޒަހަމްވީ އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން!
މި މީހުން ތިބީ ފަޅައިގެންދާ ވަރުވެފައި!
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު