26 ސެޕްޓެމްބަރ 2019
ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު އުފައްދައި، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު އުފައްދައި، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މާލޭގެ ކެމިކަލް ގުދަނެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުގެ ނިންމުމަކީ ވީ އެންމެ އަވަހަކަށް ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކެމިކަލް ގުދަންތައް މާލެ އިން ބޭރުކުރަން ޖެހޭ ގޮތަށް ގަވާއިދެއް ވެސް ހަދައި މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
ތިލަފުށީގައި ގުދަންތައް ހެދުމުގެ މަސައްކަތް ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރާނެ ކަން އިއުލާންކުރުމާ އެކު މިއީ، މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ދިން ޔަގީންކަމާ އިދިކޮޅު އަމަލެއް ކަމަށް އެއް ބަޔަކު ސިފަކުރެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް، ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރި މައްސަލައިގައި އޭރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރީ މި ސަރުކާރުގައި މިހާރު ތިއްބެވި އިސްވެރިންނެވެ.
މާލިއްޔަތު ގަވާއިދު ކުރިން އޮތީ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާންކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. ކިތަންމެ ބޮޑު މަޝްރޫއަކަސް އަމަލުކުރަމުން އައީ މި އުސޫލަށެވެ.
މި ގަވާއިދަށް، ޔާމީންގެ ސަރުކާރުން އިސްލާހު ގެނެސް ނިންމީ ސަރުކާރުން ކަނޑައަޅާ މަޝްރޫއުތައް ބީލަމަށް ނުލައި އަދި ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ހަވާލުކުރެވިދާނެ ކަމަށެވެ. މި އިސްލާހާ އެކު ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންނަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
މި އުސޫލު ބަދަލުކުރަން ވައުދުވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޓުވިޓާގައި ނުރުހުންފާޅުކުރި މީހަކު ބުނީ "ކިތަންމެ އަވަސްކޮށް ކުރިއަސް ބީލަމަށް ލާން ޖެހޭނެ" ކަމަށެވެ. އެހެން ނޫން ނަމަ ވާނީ ކޮރަޕްޝަނަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
މި މައްސަލައިގައި ޓުވީޓްކުރި އިސްމާއިލް ޒަރިޔަންދު ބުނެފައިވާ ގޮތުގައި މިފަދަ މަޝްރޫއުތައް ގެންދަން ޖެހޭނީ ކޮރަޕްޝަނަށް މަގުފަހިނުވާ އަދި ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ފަދަ ގޮތަކަށެވެ.
Sarukaaruge kunfuni thakuge HihsaaDhaarun nakee Dhivehi Rayithun neve.
— Ismail Zariyand (@zariyand) September 26, 2019
Rayithunge Hihsaa Beynun kuranee hamajehey Usoolakun Corruption in ehkibaa vegen tho kashavaru kurumakee @pcb_gov ge Zinmaa ekeve.
RayithunNah Qaboolu kurevey gothakah Javaabu dhaaree veven jehe eve.
ބީލަމަށް ނުލައި ގުދަން ހަވާލުކުރުމާ ގުޅޭ ގޮތުން އިސްމާއިލް ޒަރިޔަންދު ކުރި ޓުވީޓެއް.
މަޝްރޫއުތައް ގެންދަން ޖެހޭނީ މި ސަރުކާރުން ދިން ޔަގީންކަމާ އެއްގޮތަށް އިއުލާންކޮށްގެން ކަމަށާއި އެހެން ނޫނީ ތުހުމަތުގެ އިނގިލި ދިއްކުރާނެ ކަން އެހެން މީހަކު ހަނދާންކޮށްދީފައިވެ އެވެ.
@ACC_Maldives @pcb_gov - kithamme avas kuran vias bid kuranjeheyne. Bidah lias nulias gennan jehenee beyrun
— ReformMv (@Sihkka) September 26, 2019
ކޮރަޕްޝަންގެ ގިނަ މައްސަލަތައް ތަހުގީގު ކުރެއްވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ކުއްލި ހާލަތެއް ދިމާވެގެން ހިންގާ މަޝްރޫއެއް ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ގުދަން ހަދަން ޝައުގުވެރިވާ ފަރާތްތަކަށް އިއުލާންކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ. އެ މަސައްކަތް ކުރާ ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ އިރު، ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކަށް އެކަން ހަވާލުކުރެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަކި ޕާޓީއެއް ހޮވުމުގެ ބަދަލުގައި އިއުލާން ކޮށްގެން ކުންފުންޏެއް ހޮވުން ރަނގަޅު ގޮތަކީ. އެ ގުދަންތައް ހަދަން މި ޖެހެނީ ވެސް ވަކި ސްޓޭންޑަޑަކަށް،" އޭނާ ވިދާޅުވި އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ގުދަންތައް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނުހިންގާނެ ކަމަށެވެ. ކުއްލި ހާލަތެއް މެދުވެރިވެފައި އޮތުމުން އެ ކުންފުނީގެ ވިސްނުމަކީ ފުރަތަމަ ބަދަލުކުރަން ޖެހޭ 26 ގުދަން ނިންމުން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަން އޭނާ ވިދާޅުވި އެވެ.
ބީލަމަށް ލައިގެން އެކަން ކުރާ ނަމަ، މަސައްކަތް ހަވާލު ކުރެވޭނީ ވެސް ތިން ހަފުތާ ފަހުން ކަން ފާހަގަކުރައްވައި ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކަށް ދައުވަތު ދޭނެ ކަަމަށެވެ. އެ ކުންފުނިން ސިޓީ ފޮނުވުމުން ޝައުގުވެރިކަން ފާޅުކޮށް، ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނީ ކޮމިޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުށަހަޅާ އަގަކާއި މުއްދަތަށް ބަލާފައި ކޮމިޓީން ނިންމާނީ ކޮން ބަޔަކާ ކަން ހަވާލު ކުރާނީ. ވަކި މީހަކަށް އިނގިލި ދިއްކޮށްފައި ގުދަން އެޅުން އެ މީހަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމާނަން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ބަދަލުކުރަން ޖެހޭ ގުދަންތައް ތިލަފުށީގައި ހަދަން 20-25 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެއްވެ އެވެ. އެ ގުދަންތައް ލިބޭނެ މީހުން ކަނޑައަޅާނީ ޑިފެންސް މިނިސްޓްރީން ދޭ ލިސްޓާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން ހަވާލުކުރާ ގޮތް މުއައްސަސާތަކުން ބަލަންވީ. ހުރިހާ ލިޔެކިޔުންތަކެއް ވެސް އަޅުގަނޑުމެން ހަވާލުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން އިބްރާހިމް ރަޝީދު ދެއްވި އެވެ.
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ
ކެމިކަލް ގުދަން ހަދަން 19 ފަރާތަކުން ޝައުގުވެރިވެއްޖެ
ގުދަން ހެދުން ބީލަމަށް ނުލީ އެއީ އަވަސް ކަމަކަށް ވާތީ