25 ސެޕްޓެމްބަރ 2019
މާލޭގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަންތަކާއި ގަރާޖުތައް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ހަދާ ތަންތަނުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ނުލީ އެއީ ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ލިސްޓުގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ބުނެފި އެވެ.
މާލޭގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަންތަކާއި ގަރާޖުތައް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ހަދާ ތަންތަނުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ނުލީ އެއީ ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ލިސްޓުގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ފަހު، ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ. އަދި ސަރުކާރުން އިއްޔެ ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން މާލޭގައި މިހާރު ހުރި ކެމިކަލް ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލު ކުރަން ޖެހެ އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މަސައްކަތް ފުރިހަމަކުރަން ކަނޑައަޅާފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި ގުދަންތައް ހެދުމުގެ މަސައްކަތް ބީލަމަށް ލައިފި ނަމަ އެ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަ ނުވާނެ ކަމަށް ވިދާޅުވި އެވެ.
ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުމުގެ މަސައްކަތް އަދި އެއްވެސް ބަޔަކާ ހަވާލެއް ނުކުރެ އެވެ. ނަމަވެސް، އާންމު އުސޫލާ ހިލާފަށް އެ މަސައްކަތް ހަވާލުކުރާނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޓަށް ފެންނަ އެންމެ ރަނގަޅު ފަރާތަކާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި މަސައްކަތް ކުރާނީ މިފަދަ ހާލަތްތަކުގައި ބޭނުންކުރަން ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ ހާއްސަ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫއެއް ކުރިއަށް ގެންދާ ސަރަހައްދަކަށް ބަލާފައި ކޮންމެ އަކަފޫޓަކަށް ވަކި އަގުތަކެއް އެ އުސޫލުގައި ކަނޑައަޅާފައިވާނެ އެވެ.
"މި ކަހަލަ މަޝްރޫއުތަކުގައި އާންމުކޮށް ބިޑަށް ހުޅުވާލާނީ. އެކަމަކު އަޅުގަނޑުމެން އަމިއްލަ އަށް ތަފާތު ކުންފުނިތަކަށް ހުށަހަޅާނީ. އަދި ގަވާއިދުގައިވާ އަގާ އެއްގޮތަށް އަގު ހުށަހަޅާ ކުންފުންޏެއް އަޅުގަނޑުމެން ހިޔާރު ކުރާނީ،" ކެމިކަލް ގުދަން ހަދައިދޭނެ ބަޔަކު ހޯދާނެ ގޮތުގެ ތަފުސީލް ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަސައްކަތް ހަވާލުކުރަން ކުންފުންޏެއް ކަނޑައެޅުމުގައި ބަލާނީ އެންމެ އެކަށީގެންވާ އަގެއް ހުށަހަޅާ ފަރާތްތަކާއި އެ ކަން ފުރިހަމަ ކުރެވޭނެ މުއްދަތަކަށެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިހާރު އަންނަނީ ގުދަންތައް ހަދަން ބޭނުންވާ ކުރެހުންތައް ފުރިހަމަކުރަމުން ކަމަށެވެ. އަދި ގުދަންތައް ހަދާނެ ސައިޓު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.
ގުދަންތައް ހަދާނީ އެތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި ފެން ސްޕްރިންކްލަރުތަކާއި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށާއި އަދި ގުދަންތައް ހަދާނީ ވައި ދައުރުވާނެ ގޮތަށް ވެންޓިލޭޝަންގެ މަސައްކަތް ވެސް ރަނގަޅަށް ކޮށްފައި ކަމަށް ވިދާޅުވި އެވެ. މި ގުދަންތައް ހަދާނީ 100،000 އަކަ ފޫޓުގެ ބިމެއްގައި ކަމަށާއި އެ ސަރަހައްދު ހުންނާނީ މީހުން އުޅޭ ސަރަހައްދުތަކާ ދުރުގައި ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
"އެހެން ހުރިހާ ތަންތަނާ ދުރުގަ އެތަން ހަދާނީ. އެތަނުގެ ވަށައިގެން ބޮޑެތި ފުޅާ މަގު ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ތިލަފުށީގައި ހަދާ ގުދަންތަކުގައި ކެމިކަލް ރައްކާ ކުރެވޭނީ އެ ތަކެތި ރާއްޖެ އަށް އެތެރެކުރަން ހުއްދަ ލިބިފައިވާ ކުންފުނިތަކަށެވެ. އެމްއެންޑީއެފްއާ ހަވާލާދީ އިބްރާހިމް ރަޝީދު ވިދާޅުވީ، ކެމިކަލް ރައްކާ ކުރާ 126 ގަރާޖެއް މާލޭގައި މިހާރު ވެސް ހުރި ކަމަށެވެ.
"އެމްއެންޑީއެފްގެ ދަފްތަރުގައި 126 ޔުނިޓެއް [ގުދަނެއް] ހިމެނޭ. އެކަމަކު މާލެއިން ލިބޭ ގުދަންތަކުގެ ސައިޒު ކުޑަ ވުމުން އެއް ކުންފުންޏެއްގެ ރަޖިސްޓަރީގައި ހަ ވަރަކަށް ގުދަން ވެސް ހުރޭ [ރަޖިސްޓަރީ ކޮށްފައި]،" އޭނާ ވިދާޅުވި އެވެ.
ތިލަފުށީގައި ހަދާނީ 1،000 އަކަ ފޫޓުގެ ސްޓޭންޑަޑް ގުދަންތަކެއް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އެކަމަކު ތިލަފުށީގައި ހަދާ ގުދަނުގެ އަދަދު މަދުވާނެ ކަމަށް ވިދާޅުވި އެވެ. އެއީ 400 އަކަ ފޫޓުގެ ހަތަރު ގުދަން ބޭނުން ކުރަމުން އައި ކުންފުންޏަކުން ދެން ބޭނުންކުރަން ޖެހޭނީ އެންމެ ދެ ގުދަން ކަމަށް ވުމުންނެވެ.
ސިނާއީ ސަރަހައްދު ތިލަފުށީގައި ހަދަން ނިންމާފައިވާ ގުދަންތަކުގައި މުދާ ރައްކާ ކުރަން ބޭނުން ފަރާތްތަކަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީވާ ހުރިހާ ކުންފުނިތަކެއް ތިލަފުށިން ގުދަނެއް ހަމަޖައްސައިދޭން މަސައްކަތްކުރާ ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އެމްޑީ ވިދާޅުވި އެވެ.
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"
އަލިފާނުގެ ހާދިސާގައި 30 މިލިއަން ރުފިޔާގެ ގެއްލުން!
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެ އަނދަނީ
ތިލަފުށިން ތެޔޮ އެޅި ބޯޓެއްގައި ރޯވެއްޖެ