Roadha Mihaaru
މި ހަފުތާގެ ތިން ފިލްމު ވެސް ކަމަކުނުދިޔަ

މި ހަފުތާގެ ތިން ފިލްމު ވެސް ކަމަކުނުދިޔަ

28 އޮކްޓޯބަރ 2019

މިދިޔަ ހުކުރު ދުވަހަކީ ވަރަށް އުންމީދީ ތިން ފިލްމެއް ރިލީޒްކުރި ދުވަހެއް ނަމަވެސް، އެއިން އެއްވެސް ފިލްމަކީ ބެލުންތެރިންނާއި ކްރިޓިކުން ވެސް އުންމީދުކުރި ވަރުގެ ފިލްމުތަކަކަށް ނުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހަކީ ވަރަށް އުންމީދީ ތިން ފިލްމެއް ރިލީޒްކުރި ދުވަހެއް ނަމަވެސް، އެއިން އެއްވެސް ފިލްމަކީ ބެލުންތެރިންނާއި ކްރިޓިކުން ވެސް އުންމީދުކުރި ވަރުގެ ފިލްމުތަކަކަށް ނުވި އެވެ.

ދިވާލީއާ ދިމާކޮށް ރިލީޒްކުރި ތިން ފިލްމަކީ "ހައުސްފުލް 4" އާއި "ސާންޑް ކީ އާންކް" ގެ އިތުރުން "މޭޑް އިން ޗައިނާ" އެވެ. މި ތިން ފިލްމުގެ ރިވިއުތަކަށް ބަލާއިރު، "ސާންޑް ކީ އާންކް" ރިވިއު ތަންކޮޅެއް ޕޮޒިޓިވް ނަމަވެސް އަނެއް ދެ ފިލްމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އަކްޝޭގެ "ހައުސްފުލް 4" މި ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. ނަމަވެސް ކްރިޓިކުން ސިފަކުރި ގޮތުގައި މި ފިލްމަކީ ސީރީޒްގެ ފިލްމުތަކުގެ ތެރެއިން އެންމެ ކަމުނުދާ ފީކަޅާ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާ 75 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ހައުސްފުލް 4" ކިޔައިދެނީ ތިން އެކުވެރިއެއްގެ އެހާރާއި މިހާރުގެ ވާހަކަ އެވެ. އެގޮތުން މީގެ ވާހަކަ ދަތުރުކުރަނީ މި ޒަމާނުން 1419 އަށެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ގިނަ ކްރިޓިކުން ފާހަގަކުރި ގޮތުގައި މިއީ އޮއްޓަރެއް ނެތް ބަލިކަށި ސްކްރިންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. އަދި ފިލްމު މަޖާކުރަން ގިނަ ކަންކަން ކޮށްފައި ހުރި ނަމަވެސް ފިލްމު ބެލުންތެރިންނަށް ވެސް މަޖާ ނޫން ކަމަށް ބުންޏެވެ.

އަކްޝޭ އަކީ މި ފަހުން ފުލުފުލުގައި ވަރަށް ވަރުގަދަ އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރަކަށް ވިޔަސް "ހައުސްފުލް 4" އާ ހެދި އޭނާގެ ޓްރެކް ރިކޯޑް ވެސް ހުތުރު ކަމަށް ބައެއް ކްރިޓިކުން ބުންޏެވެ.

ގިނަ ކްރިޓިކުން ފަސް ތަރިން ދޮޅު ތަރީގެ ރޭޓިންއެއް ދިން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް، ރިތޭޝް ދޭޝްމުކް، ކްރިތީ ސެނަން، ކްރިތީ ކަރްބަންދާ އަދި ޕޫޖާ ހެގްޅޭ ހިމެނެ އެވެ.

މެޑޮކް ފިލްމްސް އިން ގެނެސްދިން "މޭޑް އިން ޗައިނާ" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ މޮޅު އެކްޓަރު ރާޖްކުމާރު ރާއޯގެ ފިލްމަކަށް ވިޔަސް، ގިނަ ކްރިޓިކުން ފާހަގަކުރި ގޮތުގައި މިއީ އޭނާގެ ކެރިއަރުގެ އެންމެ ކަމުނުދާ ފިލްމެވެ.

މި ފިލްމުގެ ސްކްޕްރީންޕްލޭ ވެސް ހާއްސަ ކަމެއް ނެތް ކަމަށާއި ފިލްމުގެ މޮޅު އެކްޓަރުންތަކެއް ތިބި ނަމަވެސް އެ މީހުން ބޭނުން ހިފިފައިނުވާ ކަމަށެވެ. އަދި ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު މިޚިލް މުސާލާ ޑައިރެކްޓްކޮށްފައިވާ "މޭޑް އިން ޗައިނާ" އަކީ އެ ފިލްމުގެ ނަމުން ވެސް ދޭހަވާ ގޮތަށް ތާކުންތާކު ނުޖެހޭ ފޭކް ފިލްމެއްގެ ގޮތުގައި ބައެއް ކްރިޓިކުން ސިފަކޮށްފައިވެ އެވެ.

ގިނަ ކްރިޓިކުން ފަހަކުން ދޭއް ބައިގެ ރޭޓިންއެއް ދީފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، ޕަރޭޝް ރާވަލް، ގަޖްރާޖް ރާއޯ، މޯނީ ރޯއި އަދި އަމީރާ ދާސްތޫރް ހިމެނެ އެވެ.

ބޫމީ ޕެޑްނޭކަރާއި ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅުނު "ސާންޑް ކީ އާންކް" އަކީ އިންޑިއާގެ ދުވަސްވީ ދެ އަންހެން ޝޫޓަރުން ކަމަށްވާ ޗަންދުރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި އާ ޑައިރެކްޓަރަކާ ބަލާގައި އޭނާ ފިލްމަށްކޮށްފައި ހުރި މަސައްކަތްތައް ވަރަށް ރަނގަޅެވެ.

އަދި ފިލްމުގެ ލީޑް ދެ ތަރިން ވެސް މޮޅު އެކްޓިންއެއް ދައްކާފައި ވިޔަސް، މާސް އޯޑިއަންސް ބޭނުންވާ ކަހަލަ އެންޓަޓައިނިން ފިލްމަކަށް "ސާންޑް ކީ އާންކް" ނުވާ ކަމަށް ކްރިޓިކުން ބުންޏެވެ. އެކަމަކު ފިލްމަކީ ޝައުގުވެރި ފިލްމެއް ކަމަށާއި ފިލްމު ހިނގުމުގައި ބެލުންތެރިން ފިލްމާ ބެހޭ ގޮތުން ދައްކާ ވާހަކަތައް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ކްރިޓިކުން ބުންޏެވެ. މި ފިލްމަށް ގިނަ ކްރިޓިކުން ފަހެކުން ތިން ތަރީގެ ރޭޓިންއެއް ދީފައިވެ އެވެ.

ބޮލީވުޑަށް މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އެކަމަކު އަހަރުގެ ފަހުކޮޅުގައި ފީކަޅާ ފިލްމުތަކެއް ރިލީޒްވުމަކީ މާޔޫސީއެއް ކަމަށް ބޮލީވުޑްގެ ވިޔަފާރި ޚަބަރުތައް ދިރާސާކުރާ މީހުން ބުނެ އެވެ. އެކަމަކު އަދި މި އަހަރަށް ވަރަށް އުންމީދީ ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަޔޫޝްމަން ކުރާނާގެ "ބާލާ"، ޖޯން އަބްރަހަމްގެ "ޕާގަލްޕަންތީ"، ސިދާތު މަލްއުތުރާގެ "މަރުޖާވާ"، ސަލްމާން ޚާންގެ "ދަބަންގް 3"، އަކްޝޭ އާއި ކަރީނާގެ "ގުޑް ނިއުސް" އަދި އަރުޖުން ކަޕޫރްގެ "ޕާނިޕަޓް" ފާހަގަކޮށްލެވެ އެވެ.