Roadha Mihaaru
މަޝްރޫއުތައް ދޭ ގޮތުން އޭސީސީ ކަންބޮޑުވެއްޖެ

މަޝްރޫއުތައް ދޭ ގޮތުން އޭސީސީ ކަންބޮޑުވެއްޖެ

24 އޮކްޓޯބަރ 2019

ދައުލަތުން ބޮޑު ހޭދައެއް ހިނގާ އެކި މަޝްރޫއުތައް ބީލަމަށް ނުލައި އެކި ފަރާތްތަކާ ހަވާލުކުރާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުން ބޮޑު ހޭދައެއް ހިނގާ އެކި މަޝްރޫއުތައް ބީލަމަށް ނުލައި އެކި ފަރާތްތަކާ ހަވާލުކުރާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ހުޅުވާލައިގެން ބިޑްކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން މިހާތަނަށް 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ އާއި ޗައިނާގެ ކުންފުނިތަކުން ގިނަ ޕްރޮޕޯސަލްތަކެއް ހުށަހަޅާފައިވާ އިރު އިކޮނޮމިކް ކައުންސިލުން ވިއްސަކަށް މަޝްރޫއާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިޑު ކުރުމެއް ނެތި ޕްރޮޕޯސަލް ހުށަހަޅައިގެން މަޝްރޫއުތައް ހިންގަން ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަވަސް ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

އެކަމަކު ސަރުކާރުން އަމަލުކުރަމުންދާ މި އުސޫލާ މެދު އޭސީސީ ހިތްހަމައެއް ނުޖެހެ އެވެ.

ކޮރަޕްޝަނަށް މަގުފަހިވެ، ދައުލަތުގެ މާލިއްޔާ އަށް އިންތިހާ އަށް ގެއްލުންވެދާނެ. --އޭސީސީ

އެ ކޮމިޝަނުން ބުނީ ވާދަވެރި ބީލަމަކަށް ހުޅުވާނުލައި ވަކި ބައެއް ހޮވައި މަޝްރޫއުތައް ހަވާލުކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތަށް އިންތިހާ އަށް ގެއްލުންވުމުގެ ފުރުސަތު ވެސް އެބައޮތް ކަަމަށް އޭސީސީން ބުންޏެވެ.

އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި އޭސީސިން ފާހަގަކުރީ އެ އުސޫލު މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ރޫހާ ޚިލާފުވުމެވެ. އެހެންވެ، އޭސީސީގެ ހުށަހެޅުމަކީ ރައްޔިތުންގެ އެކި މަޝްރޫއުތައް ކުންފުނިތަކާ މިހާރު ހަވާލުކުރާ ގޮތް ބަދަލުކުރުމެވެ. މިގޮތަށް އެދި ކުރި ޓުވީޓުގައި، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ނެޝަނަލް ޕްލޭނިން މިނިސްޓްރީ ޓެގުކޮށްފައިވެ އެވެ.

"ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައް ކުރިއަށް ގެންދިއުމުގައި ދެފުށްފެންނަ ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލްތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ،" އޭސީސީގެ ޓުވީޓުގައިވެ އެވެ.

އޭސީސީން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ މި ފަހުން ސަރުކާރުން ބޮޑެތި ބައެއް މަޝްރޫއުތައް ހަވާލުކުރި ގޮތުންނާއި ކުރީގެ ސަރުކާރުން އުވާލާފައިވާ އެއްބަސްވުންތަކާ ގުޅިގެން ދައުލަތުން އެކި ކުންފުނިތަކަށް މާލީ ބޮޑެތި ބަދަލުތައް ދެމުން އަންނަ ގޮތާ މެދު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.

ބައެއް މަޝްރޫއުތައް ދިން ގޮތް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެތެރޭގައި، ބީލަމަށް ނުލައި ގުޅީފަޅު ހިއްކުން ބޮސްކާލިސްއާ ހަވާލުކުރުން ހިމެނެ އެވެ. އަދި ދައުލަތުން ބަދަލުތައް ދޭން ނިންމާފައިވާ ސެޓްލްމަންޓް އެގްރީމެންޓްތައް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.