Roadha Mihaaru
އިންޑިއާ އިން އޮސްކާ އަށް މި ފަހަރު ތަމަޅަ ފިލްމެއް

އިންޑިއާ އިން އޮސްކާ އަށް މި ފަހަރު ތަމަޅަ ފިލްމް "ވިސާރަނާއީ"

26 ސެޕްޓެމްބަރ 2016

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީގައި އިންޑިއާ އިން ވާދަކުރާ ފިލްމަކަށް، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަމަޅަ ފިލްމް "ވިސާރަނާއި" ހޮވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީގައި އިންޑިއާ އިން ވާދަކުރާ ފިލްމަކަށް، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަމަޅަ ފިލްމް "ވިސާރަނާއި" ހޮވައިފި އެވެ.

މިކަން ބުރާސްފަތި ދުވަހު ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އެފްއެފްއައި) އިން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ޖޫރީ ޗެއާޕާސަން އަދި މަޝްހޫރު ޑައިރެކްޓަރު ކޭތަން މެހެތާ ބުނީ 89 ވަނަ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ވާދަ ކުރަން އިންޑިއާ އިން އެފްއެފްއައި އަށް މި ފަހަރު 29 ފިލްމް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އިންޑިއާ އިން އޮސްކާ އަށް ވާދަކުރާ ފިލްމަކަށް ޖޫރީގެ ހުރިހާ މެމްބަރުންނަށް އިއްތިފާގު ވެވުނީ ކްރައިމް ޑްރާމާ "ވިސާރަނާއި" އެވެ.

މި ފިލްމަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު އަދި މިދިޔަ އަހަރު ވެނިސް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލި ފިލްމެކެވެ. އަދި "ވިސާރަނާއި" އަކީ އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއޭޖް ކެޓަގަރީގައި ވާދަ ކުރަން ހޮވި ނުވަ ވަނަ ތަމަޅަ ފިލްމް ވެސް މެ އެވެ.

އެންމެ ފަހުން މި ފުރުސަތު ލިބުނު ތަމަޅަ ފިލްމަކީ ކަމަލް ހަސަން ޑައިރެކްޓްކޮށް، އެކްޓް ކުރި 2010 ގެ ފިލްމް "ހޭ ރާމް" އެވެ.

އިންޑިއާ އިން އޮސްކާ އަށް ހުށަހަޅާ ފިލްމަކީ "ވިސާރަނާއި" ކަން އިއުލާން ކުރުމާ ގުޅިގެން އެކަމާ އުފާ ފާޅުކޮށް ޑައިރެކްޓަރާއި ފިލްމުގެ ޕްރޮޑިއުސަރު އަދިި މަޝްހޫރު އެކްޓަރު ދަނޫޝް (ކޮލަވަރީ ޑީ) ވަނީ ޓްވީޓް ވެސްކޮށްފަ އެވެ.

"ވިސާރަނާއި" އަކީ ކުރިން އޮޓޯ ރިކްޝާ ދުއްވި އެމް. ޗަންދްރަކުމާރު "ލޮކަޕް" ގެ ނަމުގައި ލިޔުނު ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގައި ކިޔައި ދެނީ ފުލުހުންތަކެއް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއްގެ ކުޅިގަނޑެވެ.

އަބަދު ވެސް ވަރަށް ބޮޑު ވާދަވެރި ކަމެއް އޮންނަ އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް މިދިޔަ އަހަރު އިންޑިއާ އިން ހުށަހެޅީ މަރާޓީ ކޯޓް ޑްރާމާ "ކޯޓް" އެވެ.

މިދިޔަ އަހަރު އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަކަށް ހޮވުނީ ހަންގޭރީގެ "ސަން އޮފް ސައުލް" އެވެ.

އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް މިހާތަނަށް 59 ފިލްމް ވަނީ ހުށަހަޅައިފަ އެވެ. އެވޯޑްގެ އެންމެ ފަހު މަރުހަލާގައި ނޮމިނޭޓް ކުރާނީ ފަސް ފިލްމެވެ.