Roadha Mihaaru
ރުކުގެ ޑިމާންޑް ބޮޑު، ރަށް ހަނަފަސް، ހައްލެއް ނެތް!

ރުކުގެ ޑިމާންޑް ބޮޑު، ރަށްރަށް ހަނަފަސް، ހައްލެއް ނެތް!

25 އޮކްޓޯބަރ 2019

ވެގެން އުޅޭ ގޮތް ވަރަށް ސާފެވެ. ފަޅުތައް ހިއްކައިގެން ހަދާ ރިސޯޓްތައް ހުޅުވަން ޖެހޭ މުއްދަތު ކައިރިވަނީ އެވެ. ހުޅުވެން އޮތީ އެ ރިސޯޓްތައް ފެހިކޮށްގެންނެވެ. އެކަން ވާން އޮތީ ގިނަ އަދަދެއްގެ ގަސް ލިބިގެންނެވެ. އެތައް ހާސް ރުކެއް އަވަހަށް ހޯދަން ރިސޯޓްތަކުގެ އިންވެސްޓަރުންނަށް މަޖުބޫރުވުމުން ބޮޑު އަގު ދީފައި ގަންނަން ފެށީ އެވެ. އޭގެ ނަތީޖާއަކީ ރާއްޖޭގެ އެހެން ރަށްރަށް ހަނަފަސްވަމުން ދިއުމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެގެން އުޅޭ ގޮތް ވަރަށް ސާފެވެ. ފަޅުތައް ހިއްކައިގެން ހަދާ ރިސޯޓްތައް ހުޅުވަން ޖެހޭ މުއްދަތު ކައިރިވަނީ އެވެ. ހުޅުވެން އޮތީ އެ ރިސޯޓްތައް ފެހިކޮށްގެންނެވެ. އެކަން ވާން އޮތީ ގިނަ އަދަދެއްގެ ގަސް ލިބިގެންނެވެ. އެތައް ހާސް ރުކެއް އަވަހަށް ހޯދަން ރިސޯޓްތަކުގެ އިންވެސްޓަރުންނަށް މަޖުބޫރުވުމުން ބޮޑު އަގު ދީފައި ގަންނަން ފެށީ އެވެ. އޭގެ ނަތީޖާއަކީ ރާއްޖޭގެ އެހެން ރަށްރަށް ހަނަފަސްވަމުން ދިއުމެވެ.

މީހުން ދިރިއުޅޭ ރަށްރަށުން ރުއް ނަގަމުން އެދަނީ އެކި ސަބަބުތައް ދައްކައިގެންނެވެ. އެންމެ އާންމު ގޮތަކީ އެ ރަށެއްގެ ކައުންސިލާ ގުޅިގެން އެކަން ކުރުމެވެ. އެގޮތުން އެކި މަޝްރޫތައް ހިންގުމުގެ ނަމުގައި، ރުއް ގިނަ ބިންތައް ސާފުކުރަނީ އެވެ. އެގޮތަށް ސާފުކުރާ ބިންތަކުގައި ހުންނަ ރުއްތައް ރިސޯޓްތަކަށް ލިބޭ ގޮތަށެވެ. ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި އެކަން ކުރަނީ ރުއްގަސް ނެގުމާ ބެހޭ ގަވައިދުން އެކަމަށް ފުރުސަތު ލިބޭތީ އެވެ.

Hadhaa resort thah fehikuran ehen rah rah halaakukuranee!

Hadhaa resort thah fehikuran ehen rah rah halaakukuranee!

The most trusted news source in the Maldives

Mihaaru

ހަދާ ރިސޯޓްތަކަށް ރަށްތައް ފަޅު ކުރުން---

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ރުއް ކަނޑަން ނުވަތަ އުފުރާ ނަމަ އެ އޮތޯރިޓީގެ ހުއްދައެއް ނަގަން ޖެހެ އެވެ. އަދި 200 ރުކަށް ވުރެ ގިނައިން އެއް ފަހަރާ ރުއް ނަގާ ނަމަ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ހަދަން ޖެހެ އެވެ. ނަމަވެސް ޕާކާއި ކުނިކޮށި ހެދުން ފަދަ އިޖުތިމާއީ އެކި ކަންކަމަށް ހުސްކުރާ ބިންތަކަށް އީއައިއޭ ނުހަދައި ހުއްދަ ދެ އެވެ. ކައުންސިލިންތަކުން ނަހަމަ ގޮތުގައި ހިފަމުން އެ ދަނީ އެ ފުރުސަތުގެ ބޭނުމެވެ.

ރިސޯޓްތަކަށް ރުއް ވިއްކާ ކުންފުނިތަކެއް ރާއްޖޭގައި ހަރަކާތްތެރިވެ އެވެ. އެ މީހުންނާއި ކައުންސިލްތައް އޮންނަނީ ގުޅިފަ އެވެ. އެ ކުންފުނިތަކުގެ އަތުން ރިސޯޓްތަކަށް ރުކެއް ގަންނަ އަގު އުޅެނީ 1،500-3،000ރ އާ ދެމެދުގައި ކަމަށް، އެ ވިޔަފާރީގައި އުޅޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ. ރަށްރަށުގެ މީހުންގެ އަތުން އެކުންފުނިތަކުން ރުކެއް ގަންނަނީ 500-800ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކައުންސިލްތަކުގެ މެމްބަރުންނަށް ވެސް ފައިސާ ދޭ ކަމަށް ތުހުމަތުކުރެ އެވެ.

"ކައުންސިލްތަކުގެ ޕްރެޝަރަށް ގިނަ ފަހަރަށް އީޕީއޭން ހުއްދަދެނީ ރުއް ނަގަން. ކައުންސިލްތަކުން ވަރަށް ޕްރެޝާ ކުރޭ އެކަންކަން އަވަސް ކުރުމަށް. ހާއްސަކޮށް ގޯތި ދޭން ކަމަށް ބުނެ ބިންތައް ހުސްކުރޭ. އީޕީއޭއަކަށް ނޯވޭ އެގޮތަށް ހުއްޓުވޭކަށް،" ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ވެރިއަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.

ކައުންސިލްތަކަށް ކުރާ ތުހުމަތުތަކަށް ބާރު ލިބޭ ހެއްކަކީ އޮޅުވާލައިގެން އެކަން ކުރާ މައްސަލަ އެވެ. އެގޮތުން ބަޖެޓް ވެސް ހަމަޖެހިފައިނުވާ މަޝްރޫތަކަށް ބިން ސާފުކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ބައެއް ކައުންސިލްތަކަށް ފިޔަވަޅު ވެސް އެޅި އެވެ. ނަމަވެސް ހުއްޓުމެއް ނެތި ރަށްރަށުން ރުއް ނެގުން ކުރިއަށް އެބަ ދެ އެވެ. ގިނައިން ރުއް ނަގަނީ ގޯތި ދޫކުރުމުގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތަކުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެންމެ ފުޅާކޮށް ފެށި އެ އަމަލްތަކަށް ހައްލު ގެންނާނެ ކަމުގެ ވައުދު މި ސަރުކާރުން ވީ ނަމަވެސް މިހާތަނަށް އެކަން ހުއްޓުވިފައެއް ނުވެ އެވެ.

ޕްލޭނެއް ނެތުމުގެ ހިތި ނަތީޖާ!

މާލޭގެ ހަ ވަނަ އަވަށުގެ ގޮތުގައި ހުޅުމާލެ ހިއްކައި އެ ރަށް ފެހިކޮށް އެތައް ހާސް ބަޔަކު އުޅޭ ގޮތަށް ތަރައްގީކުރީ ރަނގަޅު ޕްލޭނެއްގެ ދަށުންނެވެ. އެހެންކަމުން އެ ރަށް ފެހިކުރުމަށް މާ ގިނަ ގަސްތަކެއް އެހެން ތަންތާކުން ގެންނާކަށް ނުޖެހުނެވެ. އެ ރަށުގައި އިންދި ގިނަ ގަސްތައް ހެއްދީ އެރަށުގައި ނާސަރީތައް ހަދައިގެންނެވެ. ފިތުރޯނާއި ދަނބުގަސްތަކުން ހުޅުމާލެއަށް ހިޔާކޮށްދެނީ އެ ޕްލޭން ރަނގަޅުވީމަ އެވެ. ބޭރުން ގެނެސް އިންދަން ޖެހުނީ ނިސްބަތުން މަދު ރުކަކާއި ގަހެކެވެ.

ރަށްރަށުން ރުއްގަސް ނަގާތީ ކަންބޮޑުވުން ފާޅުކުރާ އެކަކަށް، ތިމާވެށީގެ ހައްގުގައި އަޑުއުފުލަމުން އަންނަ އަބްދުﷲ އާދަމް (އެޑަމް) ވާނެ އެވެ. އޭނާ ބުނީ މި މައްސަލަތައް ދިމާވެފައިވަނީ ޕްލޭނެއް ނެތި ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާތާނުގެ ތެރެއިން ކުއްލިއަކަށް އެތައް ފަޅެއް ހިއްކައިގެން ރިސޯޓް ހެދުމުގެ ފުރުސަތު ދިންއިރު އެތަންތަން ފެހިކުރުމުގެ ޕްލޭން ނެތް ކަމަށް އޭނާ ބުންޏެވެ.

"ޕްލޭނެއް ނެތި ކުއްލިއަކަށް ކަންކަން ކުރުމުގެ ނަތީޖާ މިއީ. މިއީ ފިލާވަޅެއް. ކަންކަން ކުރަން ޖެހޭނީ ޕްލޭންގެ ތެރެއިން ކަމުގެ ހެއްކެއް،" އެޑަމް ބުންޏެވެ.

ހައްލަކީ ނާސަރީތަ؟ ގަސް އެތެރެކުރުންތަ؟

ރުކުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެފައި ވާތީ އެކަމަށް ހައްލެއް ވެސް ލިބެން ޖެހެ އެވެ. ރިސޯތްތައް ފެހި ކުރަން ވެސް ޖެހެ އެވެ. ނަމަވެސް އެހެން ރަށްރާށް ހަލާކުނުކޮށެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނެއްތޯ އެވެ؟

ރާއްޖެއަށް ބޮޑެތި ރުއްގަސް އެތެރެކުރަން ހުރި ގޮންޖެހުންތައް ގިނަ އެވެ. ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓްރީން ހަދާފައިވާ ގަވައިދު ވަރަށް ހަރުކައްޓެވެ. ސަބަބެއް ވެސް ވާތީ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގެ ރިސޯޓަކަށް މެލޭޝިއާއިން ގެނައި ރުއްތަކަކުން ނުރައްކާތެރި ސުއިޕެއް ކަމަށްވާ ކޮކޮނަޓް ހިސްޕިޑް ބީޓްލް ފެނުނެވެ. އޭގެ ކާނާއަކީ ރުކުގެ ބޮންތި އެވެ. އެ ބީޓްލް ރުކެއްގައި ހަރުލައިފި ނަމަ ރުއް މަރުވެ އެވެ. ކަންބޮޑުވާން ޖެހޭ ކަމަކީ އެތައް މަސައްކަތެއް ކުރިޔަސް އެ ބަލި އަދިވެސް ރާއްޖެއިން ނައްތާލެވިފައި ނުވުމެވެ. މިފަދަ ނުރައްކާތައް އޮތުމުން ރާއްޖެއިން ބޭރުން ރުއްގަސް އެތެރެކުރުން ސަރުކާރުން ވަނީ ހަރުކަށިކޮށްފަ އެވެ.

ދެން އޮތީ ނާސަރީތަކެއް ހެދުމެވެ. ރާއްޖޭގައި ފަޅުރަށްރަށް ގިނައިރު އެތަންތަނުގަ އާއި މީހުން ދިރިއުޅޭ ރަށްތަކުގެ ހުސް ބިންތަކުގައި ރުއް އިންދައި ބޮޑުކޮށްގެން ވިއްކުމަކީ ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ ރުކަކީ މިހާރު ރާއްޖޭގައި ޑިމާންޑް އޮތް ވިޔަފާރިއަކަށް ވާއިރު ވަކި ނާސަރީތަކެއް ހަދައިގެން އެ ވިޔަފާރި ފުޅާކުރެވިދާނެ ކަމަށެވެ.

މިހާރު ދަނޑުވެރިކަމަށް ބިން ދޫކުރާ އުސޫލުން ބިން ދޫކޮށްގެން ނުވަތަ ފަޅުރަށްތައް ދީގެން ވެސް ރުއްގަސް ހައްދައި، ވިޔަފާރީގެ ގޮތުގައި ވިއްކިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑަމްގެ ކަންބޮޑުވުމަކީ ރުއް ނެގުމުގެ މައްސަލަ ބޮޑުވެފައިވާ އިރު ވެސް ސަރުކާރުން އެފަދަ މަސައްކަތެއް ނުފަށާތީ އެވެ.

"ބައެއް ގަހަކީ ސަޕްލިމެންޓް ކޮށްގެން ވެސް އަވަހަށް ހެއްދޭ އެއްޗެހި. އޭރުން އެ ގަސްތައް ރިސޯޓްތަކަށް ގެންދެވޭނެ. މިވާހަކަ ދައްކާތާ ވެސް ދެ އަހަރު ވަނީ. އެކަމަކާ ނޫޅޭ،" އެޑަމް ބުންޏެވެ.

އޭނާ ބުނީ ރުކަށް އޮތް ޑިމާންޑާ އެއްވަރަށް ސަޕްލައިކުރެވޭނެ ގޮތް ފުރުސަތު ހޯދައިދޭން އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި ޓޫރިޒަމް މިނިސްޓްރީން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކ. ކާށިދޫ ފަދަ ރަށްރަށުގައި ބަގީޗާ ގަސްތައް ހައްދައިގެން މިހާރުވެސް ރިސޯޓްތަކަށް ވިއްކަ އެވެ. އެގޮތަށް ރުއް ހައްދައިގެން ވެސް ވިއްކިދާނެ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ މިހާރު ރާއްޖޭގެ ތަނެއް ހިއްކާ ނަމަ އެކަމެއް ކުރަން ހުއްދަ ދެނީ އެތަން ފެހިކުރާނެ ރަނގަޅު ޕްލޭނެއް ވެސް ހުށައެޅުމުން ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ފެހިކުރާނެ ޕްލޭންތައް އޮތްތޯ އަޅުގަނޑުމެން ބަލާނެ ވަރަށް ބޮޑު އަހުއްމިއްޔަތެއް ދީގެން،" ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވި އެވެ.

ރުއް ނެގުމުން ނުރައްކާވަނީ ކީއްވެ؟

ރުކަކީ ރަށުގެ ވެލިގަނޑު ހިފަހައްޓައިދިނުމަށާއި ރަށް ގިރުން ކުޑަކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ވަސީލަތެކެވެ. އަދި ރަށުގެ ފިނި ހޫނުމިން ވެސް ހިފަހައްޓައިދެ އެވެ. އެހެންކަމުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރުކުގެ މުހިންމުކަން ވަރަށް ބޮޑެވެ.

ވެލިތަކާއި މޫތަކާ އެކު އެތައް ސަތޭކަ ރުކެއް ނެގުމުގެ ސަބަބުން ރަށްރަށުގެ ފެން ފަށަލައަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. މިއީ ރުއް ވިއްކައިގެން ލިބޭ ލާރިކޮޅާ އަޅާބަލާއިރު ބޮޑެތި ގެއްލުންތަކެވެ.

ނަގާ ރުއްތަކުގެ ތެރެއިން މަދުވެގެން 20 ޕަސެންޓް ރުއް އިންދަން އީޕީއޭން ކޮންމެ ރަށަކަށް ވެސް އަންގަ އެވެ. އީޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8،602 ރުއްގަސް އިންދާފައިވެ އެވެ. އަދި ރުއްގަސް ނެގުމުގެ ހުއްދަ ދީގެން 21 ރަށަކުން 2،706 ރުއްގަސް ނަގާފައިވެ އެވެ. ނަމަވެސް އެއީ ރަނގަޅު އަދަދުކަން އީޕީއޭއަކަށް ވެސް ސީދާ ޔަގީނެއް ނޫނެވެ.

މިހާރު ފެންނަ މަންޒަރަކީ ބައެއް ރަށްރަށުން ހާއަޅަމުން ދާ ތަނެވެ. ކުރިން ރުއްތަކުން ފެހިވެފައި އޮންނަ ސަރަހައްދުތައް ހަނަފަސްކޮށްލާތަނެވެ. ދާއިމީ ހައްލަކަށް މަސައްކަތް ކުރެވޭ ތަނެއް އަދި ނުފެނެ އެވެ.