Roadha Mihaaru
ޓްރެކްޓާސް ސިންގަޕޫރުގެ ކޯހެއް ޕޮލީޓެކްނިކްގައި ހިންގަނީ

ޓްރެކްޓާސް ސިންގަޕޫރުގެ ކޯހެއް މޯލްޑިވްސް ޕޮލީޓެކްނިކްގައި

21 އޮކްޓޯބަރ 2019

ޓްރެކްޓާސް ސިންގަޕޫރުގެ ހެވީ މެޝިނާއި އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ދެ ކޯހެއް މޯލްޑިވްސް ޕޮލީޓެކްނީކްގައި ފަށަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޓްރެކްޓާސް ސިންގަޕޫރުގެ ހެވީ މެޝިނާއި އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ދެ ކޯހެއް މޯލްޑިވްސް ޕޮލީޓެކްނީކްގައި ފަށަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް ޕޮލީޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރެވެ. ޓްރެކްޓާސް ސިންގަޕޫރުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އަލަން އައު ޔިއު ލިއޮންގް އާއި ޖެނެރަލް މެނޭޖަރު ހޯ ކާ ހުއަޓް އެވެ.

މޯލްޑިވްސް ޕޮލީޓެކްނިކްގައި މެކޭނިކަލް އިންޖިނިއަރިން ކޯސްތައް ހަދާ ހުރިހާ ދަރިވަރުންނަށް މި އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަލަށް ތައާރަފްކުރި ހެވީ މެޝީން އިންޓާންޝިޕް ސެޓްފިކޭޝަން ޕްރޮގްރާމާއި އިންޖީން އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރެވޭނީ ހަތަރު މަހުގެ ތެރޭގަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެެރިވި ބައެއް މީހުން -- ފޮޓޯ: މިހާރު

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެެރިވި ބައެއް މީހުން -- ފޮޓޯ: މިހާރު

އެ އިންޓާންޝިޕް ސެޓިފިކޭޓް ކޯސްތައް ފަރުމާކޮށްފައި ވަނީ، އެތަނުގައި ކިޔަވަމުން އަންނަ އިރު އިތުރު އިލެކްޓިވްއެއްގެ ގޮތުގައި ކިޔެވޭ ގޮތަށެވެ. މި ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް، ޕޮލިޓެކްނިކުން ކިޔަވާ ކޯހުގެ ސެޓްފިކެޓްގެ އިތުރުން އެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ވެސް ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ފައިދާ ދުރު މުސްތަގްބަލުގައި ވެސް ރާއްޖެ އަށް ކުރާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފަށާ ކޯސްތަކުން، އިންޑަސްޓްރީ އަށް ބޭނުންވެފައިވާ އަމަލީ ފަންނުވެރިން ތަމްރީނު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ފަންނުވެރިންނަކީ ރާއްޖޭގައި މަދު އަދި އެހާމެ މުހިއްމު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ރާއްޖޭގެ އިންޑަސްޓްރީތަކަށް ބޭނުންވާނެ ހުނަރުގެ މައްޗަށް އެދެވިގެންވާ ތައުލީމާއި ތަމްރީން ޕްރޮގްރާމެއް އުފައްދައި ރަނގަޅަށް ކިޔަވާދޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ކޯސްތަކުގައި ޓްރެކްޓާސް ސިންގަޕޫރޫގެ މެޝިންތައް ބޭނުންކުރާށާއި މަރާމާތުކުރަން ދަސްކޮށްދޭނެ އެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް މޯލްޑިވްސް ޕޮލީޓެކްނިކްގެ ސީއީއޯ ވިދާޅުވި އެވެ.

އަހުމަދު ނާސިރު ވިދާޅުވީ ޓްރެކްޓާސް ސިންގަޕޫރުގެ މެޝިންތައް ހަލާކުވެއްޖެ ނަމަ، އެތަކެތި މަރާމާތު ކުރާނެ މީހުން އާންމުގޮތެއްގައި ނުލިބޭ ކަމަށެވެ. އަދި އެ ތަކެތި ހަދަން ވެއްޖެ ނަމަ ޖެހޭނީ މެޝިންތައް ބޭރަށް ފޮނުވަން ކަމަށެވެ. ނުވަތަ އެ ހަދާނެ ބަޔަކު ރާއްޖެ ގެންނަން ކަމަށެވެ. ނަމަވެސް އެ ތަކެތި ހަދަން ބަޔަކު ތަމްރީނުކުރުމުން އެ މައްސަލައަށް ހައްލެއް ލިބުނީ ކަމަށް އޭނާ ވިދާޅުވި އެވެ.