Roadha Mihaaru
ޕައިލެޓްކަން ކިޔަވަން 10 ފުރުސަތު، 250 ހުށަހެޅުން

ޕައިލެޓްކަން ކިޔަވަން ހުޅުވާލި 10 ޖާގަ އަށް 250 އަށް ވުރެ ގިނަ މީހުން!

16 މެއި 2022

މަތީ ތައުލީމްގެ ލޯނުގައި ޕައިލެޓްކަން ކިޔަވަން ސަރުކާރުން ހާއްސަކުރި 10 ޖާގަ އަށް 250 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމްގެ ލޯނުގައި ޕައިލެޓްކަން ކިޔަވަން ސަރުކާރުން ހާއްސަކުރި 10 ޖާގަ އަށް 250 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ހުޅުވާލައިފަ އެވެ. ނަމަވެސް ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.

އެ ލޯނު ހޯދަން 1،000 ދަރިވަރުން ކުރިމަތިލިއިރު، ޕައިލެޓް ޓްރެއިނިން ހަދަން އެކަނި ވެސް 252 ދަރިވަރުން ހުށަހެޅި އެވެ.

އެ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނު ދެނީ ރާއްޖެ އަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ކިޔެވުމަށެވެ. އެހެންވެ، އެއް ދާއިރާއަކަށް ގިނަ ޖާގަ ހާއްސަކުރުމަކީ އިންސާފަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔެވޭ ދާއިރާތަކުން ބޭރުން ކިޔަވަން ސަރުކާރުން ލޯނެއް ނުދެ އެވެ. އެކަމަކު ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔަވަން ޖާގަތަކެއް ކަނޑައެޅި އެވެ.

ރާއްޖެއިން ބޭރުން ޕައިލެޓްކަން ކިޔަވަން ކަނޑައެޅި 10 ޖާގައަށް 252 ދަރިވަރުން އަދި އެމްބީބީއެސް ކިޔަވަން ރިޒާވްކުރި 25 ޖާގައަށް 129 ދަރިވަރުން ކުރިމަތިލި އެވެ.

ޕީއެޗްޑީ ހަދަން ހާއްސަކުރީ ފަސް ފުރުސަތެވެ. އެކަމަކު އެ ޖާގައަށް ވެސް 31 މީހުން ކުރިމަތިލި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްބީބީއެސް ކިޔަވައިދެމުންނެވެ. އައިލެންޑް އޭވިއޭޝަން އިސްވެ، އެމްއެންޔޫއާ ގުޅިގެން މިހާރު އަންނަނީ ޕައިލެޓުން ތަމްރީނުކުރާ ފްލައިން ސްކޫލެއް ހިންގަމުންނެވެ. އޭގެ ކުރިން ޕައިލެޓްކަން ކިޔަވައިދިނީ އޭއޭއޭގެ ނަމުގައި ލަންކާގެ ކުންފުންޏަކުން ހިންގި ފްލައިން ސްކޫލުންނެވެ.

މަދު ސްލޮޓްތަކަކަށް ގިނަ ދަރިވަރުން ކުރިމަތިލުމާއި ހުށަހެޅުންތައް ފުރިހަމަނުވާތީ މި ފަހަރު ޑިސްކޮލިފައިވި ދަރިވަރުންގެ އަދަދު، އެހެން އަހަރުތަކަށް ވުރެ ވަނީ އިތުރުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމްގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށެވެ.

"ވަކި ދާއިރާއަކުން އާދަޔާ ހިލާފު ގިނަ ސްލޮޓް ދެވޭކަށް ނޯވޭ. އެއީ ލޯނަށް މި ލިބޭ ފައިސާއިން ރާއްޖޭގެ ހުރިހާ ވުޒާރާއަކަށް މީހުން ބިނާކުރަން ބޭނުންފުޅުވާ އެޖެންޑާ އަށް އެބަ އެޓެންޑުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ކުރިއަށް ވުރެ އިންފޮމޭޝަން ސެޝަންތައް ބާއްވަން، އެޕްލައިކުރަންވާ ގޮތުގެ ތަފްސީލް ކިޔައިދެން، ދަރިވަރުން އެޕްލައިކުރާއިރު އާއްމުކޮށް ހަދާ މިސްޓޭކް ހިއްސާކުރަން...ވަކި މުއްދަތެެއްގެ ކުރިން ކުރިމަތިލިނަމަ އޭގައި ހުރި މިސްޓޭކްތައް ފާހަގަކޮށް ދަރިވަރުންނާ ހިއްސާވެސް ކުރަން...މި ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ޑިސްކޮލިފައިވާ ކުދިން ހުރީމަ ވަރަށް ބޮޑަށް މާޔޫސްވޭ."