Roadha Mihaaru
ގުޅުން އޮންނަ ސަރުކާރުތަކުގެ ޔުނިވަސިޓީތަކަށް ހުއްދަދެނީ

ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ ސަރުކާރު ކޮލެޖް/ޔުނިވާސިޓީތައް ރާއްޖޭގައި ހިންގޭ ގޮތް ހަދައިފި

15 ޑިސެމްބަރ 2022

ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ސަރުކާރު ހިއްސާވާ ކޮލެޖު/ޔުނިވާސިޓީތައް ރާއްޖޭގައި ހިންގޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ސަރުކާރު ހިއްސާވާ ކޮލެޖު/ޔުނިވާސިޓީތައް ރާއްޖޭގައި ހިންގޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި، "ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދު" ބުނާ ގޮތުން ދިވެހި ސަރުކާރުން ދައުވަތު ދީގެން، ރާއްޖެއާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ބޭރު ގައުމެއްގެ ސަރުކާރު ހިއްސާވާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގޭނެ އެވެ.

އޭގެ އިތުރުން، ބޭރު ގައުމެއްގެ ސަރުކާރުން އެދިގެން ރާއްޖެއާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެ ގައުމެއްގެ ސަރުކާރު ހިއްސާވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުގެ ކެމްޕަސްތަކަށް ވެސް ހުއްދަ ދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ބޭރުގެ ކޮލެޖު/ޔުނިވާސިޓީތަކުގެ ކެމްޕަސްތައް ހެދުމަށް ފަސޭހަ ފުރުސަތެއް މީގެ ކުރިން ފަހިވެފައެއް ނޯވެ އެވެ. މަތީ ތައުލީމު ފޯރުކޮށްދޭން ނަމަވެސް ޖެހެނީ ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ހުއްދަ ނަގާށެވެ. އެކަމަކު، ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކާ ގުޅިގެން ބޭރުގެ ކޯސްތައް ހިންގުމުގެ ފުރުސަތު އަބަދު ވެސް އޮވެ އެވެ.

އުސޫލުގައި ވަނީ ރަޖިސްޓްރީކުރަން އެދި ހުށަހަޅަން ފުރުސަތު ދޭ މަރުކަޒަކީ އެ މަރުކަޒު ނިސްބަތްވާ ގައުމުގެ ސަރުކާރު ހިއްސާވާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރީކޮށްދޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ވާނީ ރާއްޖެ އާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ ތަނަކަށް ކަމަށް ބުނެފައިވެ އެވެ.

ބޭރުގެ ކެމްޕަސް ހެދުމުގެ މަގު ކޮށައިދިން ނަމަވެސް ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލީ މަންފާއެއް ނުވަތަ ފީއެއް ނެގުމަކީ މަނާ ކަމެކެވެ.