Roadha Mihaaru
"ވޯ" ގެ އާމްދަނީ 300 ކްރޯޑަށް

"ވޯ" ގެ އާމްދަނީ 300 ކްރޯޑަށް އަރައި، އަހަރުގެ އެންމެ ބޮޑު ހިޓަށްވެއްޖެ

23 އޮކްޓޯބަރ 2019

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރި އެކްޝަން ތުރިލާ "ވޯ" ގެ އާމްދަނީ 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) އަށް އަރައި މި އަހަރު މިހާތަނަށް އިންޑިއާ އިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ވެސް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރި އެކްޝަން ތުރިލާ "ވޯ" ގެ އާމްދަނީ 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) އަށް އަރައި މި އަހަރު މިހާތަނަށް އިންޑިއާ އިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ވެސް ހޯދައިފި އެވެ.

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުންތަކެއް ފެންނަ އަދި ވާނީ ކަޕޫރް ބަތަލާގެ ރޯލް ކުޅެފައިވާ "ވޯ" އަކީ ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑް (14 މިލިއަން ޑޮލަރު) އަދި ހަފުތާއަކުން 200 ކްރޯޑް (28 މިލިއަން ޑޮލަރު) ވެސް ހޯދި ފިލްމެކެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ވޯ" ގެ އާމްދަނީ 300 ކްރޯޑް ފަހަނަޅައި ދިޔައީ އާދީއްތަ ދުވަހު އެވެ. އެއީ 19 ދުވަހުގެ ތެރޭގަ އެވެ.

މި ފިލްމަކީ 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފަހަނަޅައި ދޮޔަ ވައިއާރްއެފްގެ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2015 ގެ "ސުލްތާން" އެވެ. އެ ދެ ފިލްމުގެ ބަތަލަކީ ވެސް ސަލްމާން ޚާނެވެ.

"ވޯ" އަށް ބޭރުގެ މާކެޓްތަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ ހޯމަ ދުވަހާ ހަމައަށް ވަނީ 437.66 ކްރޯޑް ރުޕީސް (62 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

ވައިއާރްއެފުން މިހާތަނަށް ގެނެސްދިން އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ" އަކީ 200 ކްރޯޑް (28 މިލިއަން) ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނިގޮތުގައި "ވޯ" ހޯދަމުން އަންނަ ކާމިޔާބީތަކާ ގުޅިގެން ވައިއާރްއެފުން މީގެ ދެވަނަ ބައި ވެސް ވަރަށް އަވަހަށް އިއުލާންކުރުމުގެ އުންމީދު ބޮޑެވެ. ޑައިރެކްޓަރު ސިދާތު ވެސް ވަނީ ފިލްމު ބޮކްސް އޮފީހުގައި ހޯދާ ކާމިޔާބީ އަށް ބަލައިފައި "ވޯ" ފްރެންޗައިޒަކަށް ހަދާނެކަން ކަށަވަރުކޮށް ދީފަ އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ މަގާމު މި ފިލްމު ހޯދި އިރު "ވޯ" އަކީ ވައިއާރްއެފުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު 300 ކްރޯޑް (42 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" ގެ ބޮޑު ނާކާމިޔާބީގެ ހިތި ރަހަ ވެސް ފިލުވައިލަ ދިން ފިލްމެކެވެ.

ވައިއާރްއެފުން ދެން މި އަހަރު ގެނެސްދޭނީ ރާނީ މުކަރްޖީއާ އެކު އަންނަ ޑިސެމްބަރު މަހުގެ 13 ގައި ގެނެސްދޭ "މަރުދާނީ 2" އެވެ.