Roadha Mihaaru
"ވޯ" ތިން ދުވަހުން 100 ކްރޯޑް ހޯދައިފި

"ވޯ" ތިން ދުވަހުން 100 ކްރޯޑް ހޯދައިފި

05 އޮކްޓޯބަރ 2019

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ވޯ" ތިން ދުވަސްތެރޭ 100 ކްރޯޑް (14 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ވޯ" ތިން ދުވަސްތެރޭ 100 ކްރޯޑް (14 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމުން ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުން އަންނަ އިރު، މި ފިލްމަކީ މި އަހަރުގެ މިހާތަނަށް ރިލިޒްކުރި ދުވަހު އެންމެ ބޮޑު ފެށުމެއް ވެސް ލިބުނު ފިލްމެވެ. އެގޮތުން "ވޯ" އަށް ބުދަ ދުވަހު އެކަނި އިންޑިއާ އިން 53.35 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ވޯ" ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް އިންޑިއާގައި ރިލިޒްކޮށްފައިވާ އިރު، ތިން ވާޝަނުގެ އާމްދަނީއާ އެކު ހުކުރު ދުވަހު ފިލްމަށް ވަނީ ޖުމްލަ އާމްދަނީ އަށް 100.15 ކްރޯޑް ރުޕީސް ލިބިފަ އެވެ.

މިއީ ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ވައިއާރްއެފްގެ ފަސް ވަނަ ފިލްމެވެ. އެ ލިސްޓްގައި ދެން ހިމެނެނީ މިދިޔަ އަހަރު ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" އާއި 2017 ގައި ރިލީޒްކުރި "ޓައިގާ ޒިންދާ ހޭ" އާއި 2015 ގެ "ސުލްތާން" ގެ އިތުރުން 2013 ގެ "ދޫމް 3" އެވެ.

ކުރިން ވެސް ލަފާކުރި ގޮތަށް "ވޯ" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގެ ވިޔަފާރި ވަރުގަދަކުރަމުން އަންނަ އިރު، މި ފިލްމު 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވެސް ހޯދާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން މިހާރު އަންދާޒާކޮށްފައިވެ އެވެ.

ވަރަށް ސްޓައިލިޝް އަދި އެހާމެ ހިތްގައިމު ލޮކޭޝަންތަކުގައި މަންޒަރުތައް ނަގާފައިވާ "ވޯ" އަކީ ރިތިކާއި ޓައިގާ ޝްރޮފްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމެކެވެ. މީގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.

ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި "ވޯ" އަކީ ރަހަތައް ހެޔޮވަރު، ހުރިހާ އުމުރުފުރައެއްގެ އޯޑިއަންސަށް ވެސް ވަރަށް ކަމުދާ ކަހަލަ ގޮތަކަށް ހަދާފައިވާ ފިލްމެކެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ވެސް ވަރަށް ޝައުގުވެރިކަމަށާއި ހީވެސް ނުކުރާ ކަހަލަ ޓްވިސްޓްތަކެއް ފިލްމުން ފެނިގެން ދިއުމަކީ "ވޯ" ބޮކްސް އޮފީސް ފަތަހަކުރަން މެދުވެރި މައިގަނޑު އެއް ސަބަބު ކަމަށް ބުނެފައިވެ އެވެ.

މި ފިލްމަކީ ވައިއާރްއެފުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމު ވެސް މެ އެވެ. އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 13 ގައި ރިލީޒްކުރާ ރާނީ މުކަރްޖީގެ "މަރުދާނީ 2" އެވެ.

"ވޯ" ވަރުގަދަމުން އަންނަ އިރު، މި ފިލްމު ޔަގީނުން ވެސް ވެގެން ދާނީ މިދިޔަ އަހަރު ބޮޑު ބަޖެޓަކުން ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" އިން ތަޖުރިބާކުރަން ޖެހުނު މާޔޫސްކަން ވައިއާރްއެފަށް ފިލައިދާނެ ފިލްމަކަށެވެ.

އެ ސްޓޫޑިއޯ އިން ހުކުރު ދުވަހު ވަނީ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ ވެސް ފާހަގަކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން "ވޯ" ގެ ސީކްއެލްއެއް ގެނެސް ދިނުމާ ގުޅޭ ގޮތުން ވައިއާރްއެފުން މިހާރު އަންނަނީ ވިސްނަމުންނެވެ.