20 އޮކްޓޯބަރ 2019
ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭ ގެ ޓެސްޓު ހެދުމުގެ ޚިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭ ގެ ޓެސްޓު ހެދުމުގެ ޚިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.
ލ. އަތޮޅު ކުނަހަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް ފުރަތަމަ ތައާރަފުކުރީ އެ އަތޮޅަށެވެ.
މި ޚިދުމަތުގެ ދަށުން، ލެބޯރެޓަރީ ނުހުންނަ ރަށްރަށުން ސާމްޕަލް ނަގައިގެން އެ ރަށަކާ އެންމެ ކައިރީގައި ލެބޯރެޓަރީ ހުންނަ ރަށަކަށް ގެންދާނެ އެވެ.
ލ. އަތޮޅު ކުނަހަންދު އާއި މާމެންދޫން، ހިތަދޫގައި ހުންނަ ލެބޯރެޓަރީ އަށް ސާމްޕަލް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އަދި ދަނބިދު އާއި މުންޑޫން ސާމްޕަލް ގެންދާނީ މާބައިދު އަށެވެ. ލެބޯރެޓަރީ ހުންނަ ރަށަކުން ޓެސްޓު ހެދުމަށް ފަހު ނަތީޖާ ފޮނުވާނީ އީމެއިލް މެދުވެރިކޮށެވެ.
މޯބައިލް ލެބޯރޓަރީގެ ޚިދުމަތް ލ.އަތޮޅުގައި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިފްތިތާޙް ކޮށްދެއްވައިފި.@ameenex pic.twitter.com/f9DH5afTMF
— Ministry of Health (@MoHmv) October 20, 2019
ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެންމެ އާދައިގެ ލެބޯރެޓަރީއެއް ގާއިމް ކުރަން ވެސް 400 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ. އެފަދަ ބޮޑު ޚަރަދެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަން އޭނާ ދެއްކެވީ ތަފާސްހިސާބުންނެވެ. އެގޮތުން، ބައެއް ރަށްރަށުގައި 400 އެއްހާ މީހުން އުޅޭ އިރު، އާބާދީ ކުޑަ ރަށްރަށުން ލެބޯރެޓަރީގެ ހިދުމަަތް ހޯދާނެ ކަމަށް ބެލެވެނީ ދުވާލަކު 12 ވަރަކަށް މީހުން ކަމަށް ވުމުން، ކޮންމެ ރަށެއްގައި ލެބޯރެޓަރީއެއް ގާއިމްކުރުން ދެކޮޅު ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލެބޯރެޓަރީގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އަމީން ވިދާޅުވި ގޮތުގައި، ކޮންމެ ރަށެއްގައި ލެބޯރެޓަރީއެއް ގާއިމްކުރުމުގެ ބަދަލުގައި، މޯބައިލް ލެބޯރެޓަރީއެއް ގާއިމްކުރަން ރައީސް ނިންމެވީ، އެއީ އެންމެ ރަނގަޅު ހައްލު ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ.
"އަޅުގަނޑުމެންގެ އަމާޒު ހިފާފައި މި ވަނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވައުދު ހަގީގަތަކަށް ހަދައި، ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯރެޓަރީގެ ހިދުމަތުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ އަދި ރާއްޖެ އިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކުރަންޖެހޭ ޓެސްޓުތައް ހެދޭނެ ގޮތް ވެސް ކުރިމަގުގައި ހަދާނެ ކަމަށް އަމީން ވިދާޅުވި އެވެ. މި ޚިދުމަތް ގާއިމްކުރުމުން ބަލި މީހާ އުފުލަން ޖެހޭ އެތައް ތަކުލީފެއް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި އަތޮޅުން [ލ. އަތޮޅު] އަޅުގަނޑުމެން މި ކުރާ ތަޖުރިބާ ވެގެން ދާނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ހިދުމަތް ފުޅާކުރުމުގައި ލިބޭނެ މުހިއްމު ތަޖުރިބާއަކަށް،" އަމީން ވިދާޅުވި އެވެ.
ޑޮކްޓަރީ ބޭސް ދިވެހިންނަށް ލިބެން ފެށީ މީގެ 50 ވަރަކަށް އަހަރު ކުރިން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ 183 ރަށުގައި ސިއްހީ ހިދުމަތް ލިބޭ 200 އަށް ވުރެ ގިނަ މަރުކަޒާއި ހެލްތު ޕޯސްޓު އެ މުއްދަތުގައި ގާއިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް ލެބޯރެޓަރީ ގާއިމްކޮށްފައި ވަނީ އެންމެ 90 ރަށުގަ އެވެ.
މޯބައިލް ލެބޯރެޓަރީ މެދުވެރިކޮށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި ލޭގެ އާންމު ޓެސްޓުތަކުގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ޓެސްޓާއި ކޮލެސްޓްރޮލް ޓެސްޓާއި ހަކުރު ޓެސްޓާއި ކިޑްނީ އަދި ލިވާ ޓެސްޓު ހިމެނެ އެވެ.
ކުނަހަންދޫގެ ކައުންސިލްގެ ވެރިޔާ ނާދިޔާ އަބްދުލް ގަފޫރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް ގާއިމް ކުރުމުން އެ ރަށުގައި އުޅޭ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.
ލެބޯރެޓަރީގެ ޚިދުމަތް ހޯދަން އެ ރަށުގެ މީހުން މީގެ ކުރިން ގޮސް އުޅެނީ ލ. ގަމަށް ކަމަށާއި، އާންމު ގޮތެއްގައި އެ ދަތުރަށް މީހެއްގެ އަތުން 1200ރ. ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި
ބޭނުންވާ ތަކެތި އެބަހުރި، ދަތިކަމެއް ނެތް: ނަރުދޫ
ހުރިހާ ބަހެއް ބުނާނީ ސިއްހީ ދާއިރާގެ މީހުން: ރައީސް
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް
ކޮވިޑް19އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފި
ރައީސް އަންގަވަނީ ކަންކަން އަވަހަށް ކުރަން: އަމީން
ތިން ރަށެއްގެ އާ ހޮސްޕިޓަލްތައް ރީތި ކުރެހުންތަކަކުން!