20 އޮކްޓޯބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.
މިއީ މިދިޔަ ދެ އަހަރު ތެރޭ ވިކްޓްރީން ހާޒިރުނުވެދިޔަ ފަސް ވަނަ މެޗެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވެފައިނުވެ އެވެ.
ލީގުގައި މިދިޔަ މަހު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވީ ކިރިޔާ އެވެ. އެ ދުވަހު ބަރާބަރު 11 ކުޅުންތެރިން ލައިގެން މެޗު ކުޅުނުއިރު، މިއަަދުގެ މެޗަށް އެ ޓީމުން ލިސްޓުގައި 11 ކުޅުންތެރިން ހަމަވި ކަމަށް ޖެހި ނަމަވެސް ދަނޑުގައި ތިބީ 10 ކުޅުންތެރިންނެވެ. މިދިޔަ ހަފްތާގައި ފޯކައިދޫއާ ދެކޮޅަށް ކުޅެން އޮތް މެޗާ އެކު މިއީ ވިކްޓްރީ ޖެހިޖެހިގެން ދެ މެޗަށް ހާޒިރުނުވެދިޔަ ފުރަތަމަ ފަހަރެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު މިއަދުގެ މެޗު ފަށަން ކުޑަވަގުތުކޮޅަކަށްވީއިރު ވެސް ދަނޑުގައި ގިނަ އަދަދެއްގެ ބިދޭސީ ތިއްބެވެ.
މެޗު ކޮމިޝަނަރު މެޗު ކުޅެވެން ނެތްކަން އިއުލާނުކުރީ ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން ދަނޑަށް ނުކުތް ފަހުންނެވެ. މި މެޗަށް ވިކްޓްރީ ހާޒިރުނުވުމުން ޔުނައިޓެޑް ވިކްޓްރީ އަށް ތިން ޕޮއިންޓް ލިބޭނެ އެވެ.
ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު 40،000ރ. އިން ޖޫރިމަނާކުރި އެވެ. އޭގެ ފަހުން ދެ މެޗަށް ހާޒިރުނުވެދިޔައިރު ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެ އެވެ.
Met with the chairman of @VictorySC_ discussed on ways where @MaldivesFA could assist them to come out of the situation the club is facing.
— Bassam Adeel Jaleel (@bassam_jaleeI) October 16, 2019
In Sha Allah, will try the best to find a good solution for the club. pic.twitter.com/BT4G8KNDpM
ވިކްޓްރީ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި އެ ނޫން ވެސް ކަންތައްތަކުން ހައްލެއް ހޯދުމަށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ ޓީމުގެ ބައެއް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަންތައްތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ވިކްޓްރީން މި އަހަރު ކުރީކޮޅުގައި މަސައްކަތް ކޮށްފައިވުމުން އެ ކްލަބަށް އެފްއޭއެމުން ދަތިކުރަމުން އަންނަ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ތުހުމަތުތަކެއް ކޮށްފަ އެވެ.
ވިކްޓްރީން މީގެ ކުރިން ބުނަމުންދިޔައީ ޓީމު ހަމަވުމުގައި ދަތިތަކެއް ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އެ ޓީމުގެ ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ގައުމީ ޓީމާ އެކު ގޮސްފައިވުމުންނެވެ. އެކަމަކު ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައި ފަހުން ވެސް އެ ޓީމުގެ ދެ މެޗެއް މިދިޔައީ ކުޅުންތެރިން ހަމަނުވެ އެވެ.
މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ވިކްޓްރީ މެޗަށް ފަހު މަގާމުން ވަކިވާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އެންމެ ބޮޑު އެދުމަކީ މި މެޗަށް ވިކްޓްރީ ޓީމު ހަމަވެ ރަނގަޅު މެޗަކާ އެކު ނިންމާލުން ކަމަށެވެ. އެހެން ނަމަވެސް ކަންތައް ދިޔައީ ނަޒީހު ވެސް ބޭނުންވި ގޮތަކަށް ނޫނެވެ.
"ވަރަށް ދެރަގޮތެއް މިވީ. ވިކްޓްރީ ދަނޑަށް ނައުމުން މެޗެއް ކުޅެގެން ޓީމާ ވަކިވުމުގެ ހިތްހަމަޖެހުން ވެސް ނުލިބުން. ކުރިން ވެސް އިއުލާނުކުރި ގޮތަށް މިއީ ޔޫވީގައި ފަހު މެޗު. ޒިންމާ ނަގައިގެން މިދަނީ. ހަގީގަތުގައި ދާން ބޭނުންނުވިޔަސް ކްލަބްގެ ނިންމުން މިއީ. އެކަމަކު އަދިވެސް ކްލަބުން އެނބުރި އަންނަން ގޮވާލައިފިއްޔާ އަންނަން މިހުރީ،" ޔުނައިޓެޑް ވިކްޓްރީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު.-- ފޮޓޯ: މިހާރު
ނަޒީހު ވަނީ މިދިޔަ ސީޒަނުގައި ވިކްޓްރީ އަށް ކޯޗުކޮށްދީފަ އެވެ. ކުރިން ވިކްޓްރީ އަށް ކުޅެފައިވާ ނަޒީހު ބުނީ ހަގީގަތުގައި މިއަދު ވިކްޓްރީ އެ ހާލަތުގައި އޮތް މަންޒަރު ބަލަން އުނދަގޫވާ ކަމަށާއި ފެންނަން އޮތީ މަގާމުތަކާ ހަވާލުވެ ތިބި ގާބިލު ބަޔަކު ފަރުވާކުޑަކޮށް ކުރާ ކަންތައްތަކެއް ކަމަށެވެ.
"މުސާރައިގެ މައްސަލަ އޮތަސް ހަގީގަތުގައި ޓީމު ހަމަކުރެވެން ވާނެ. މިއީ ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް. ކިތަންމެ ގާބިލު ބަޔަކު މަގާމުތަކާ ހަވާލުވެ ތިބި ކަމުގައިވިޔަސް މިހާ ފަރުވާކުޑަ ވެގެންނުވާނެ،" ޖެހިޖެހިގެން ދެ މެޗަށް ވިކްޓްރީން ހާޒިރުނުވެ ދިއުމުން އެ ޓީމުގެ މެނޭޖްމަންޓަށް އިޝާރާތްކޮށް ނަޒީހު ބުންޏެވެ.
އެންމެ ހީވާގި ކަމާ އެކު ވިކްޓްރީގެ ކަންތައްތަކަށް ހައްލެއް ހޯދަން މަސައްކަތްކުރަނީ ގޯލްކީޕަރު ޓްރެއިނަރުގެ ޒިންމާ ވެސް އުފުލަމުން އަންނަ އަހުމަދު ރިޔާޒް (ގާނާ) އެވެ. ނަޒީހު ވަނީ އޭނާގެ ބޭބެ ގާނާ ކްލަބަށްޓަކައި ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"އަޅުގަނޑުގެ ބޭބެ ރިޔާޒް (ގާނާ) 30 އަށް ވުރެ ގިނަ އަހަރު ކްލަބަށް ހިދުމަތް ކޮށްދީފައި އަދިވެސް އެ އަންނަނީ މިހާލަތުގައި ވެސް ކޮށްދެމުން. ފެން އުފުލަން ވެސް އެ ހުރީ އޭނަ. މިއީ ކްލަބެއްގެ އެ ވަރުގެ ހިދުމަތްތެރިން ކުރަން ވެސް ޖެހޭ ކަމެއް ނޫން. މި ބުނީ ފެން އުފުލުމަކީ ދެރަ މަސައްކަތެކޭ އެއްވެސް ނޫން. އޭނަ ކަހަލަ ޕެޝަނޭޓް މީހުން ތިބެގެން ވިކްޓްރީ ސަލާމަތްކުރެވޭނީ. އޭނަ ކުރާ މަސައްކަތް ފާހަގަކުރަން،" ނަޒީހު ބުންޏެވެ.
ނަޒީހު މި މެޗަށް ފަހު މަގާމުން އިސްތިއުފާ ދިންއިރު، ޔުނައިޓެޑް ވިކްޓްރީ ލީގުގެ ހަތް ވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާ އެކު އެވެ.
ވިކްޓްރީ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެ
ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް
ޔުނައިޓެޑް ވިކްޓްރީން ޓީސީ ބަލިކޮށްފި
ޔޫވީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ
އީގަލްސް ދެ ވަނަ އަށް އަރައިފި
ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން
ގްރީންސްޓްރީޓްސް އަލުން ދެ ވަނަ އަށް
ފޯކައިދޫ އާއި ޔޫވީ އެއްވަރު
ޔޫވީ އަށް ބޮޑު ޒިންމާއެއް އެބައޮތް: މުހައްމަދު އާދަމް
ޔުނައިޓެޑް ވިކްޓްރީގެ ކޯޗަކަށް މުހައްމަދު އާދަމް