Roadha Mihaaru
ވިކްޓްރީ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެ

ވިކްޓްރީ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެ

19 ޖޫން 2019

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބީ ޓީމުގެ ގޮތުގައި ކުރިން މަޝްހޫރުވި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބީ ޓީމުގެ ގޮތުގައި ކުރިން މަޝްހޫރުވި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ޒުވާން ކުޅުންތެރިންތަކަކާ އެކު ސީޒަނާ ކުރިމަތިލި، ކުރީގެ ގަދަބާރު ވިކްޓްރީ ވަނީ ފުރަތަމަ މެޗުން ވެސް ހަމަ މި ނަތީޖާ އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން ޔޫވީ ވަނީ ފުރަތަމަ މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ބަލިވެފަ އެވެ.

މިރޭގެ މެޗުގައި ޔޫވީގެ ދެ ގޯލް ކާމިޔާބުކުރީ ހިލޭ ޖެހުމުންނެވެ. ފުރަތަމަ ގޯލް މެޗުގެ އަށް ވަނަ މިނެޓުގައި ކޮވަސެވިޗް މިލޮސް ވައްދާލީ އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ. މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެ ޓީމަށް ކުޅުނު އިރު ވެސް ހިލޭ ޖެހުންތަކުން ލަނޑު ޖަހައިފަ އެވެ.

މި ހާފުގެ ފަހުކޮޅު ޔޫވީގެ އަހުމަދު ނާހިލް އިބްރާހިމް އަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް އަމާޒުނުވެ ބޭރުންނެވެ. އޭގެ ކުރިން ޔޫވީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ވިކްޓްރީގެ ގޯލްކީޕަރު އަހުމަދު މުހައްމަދު މަތަކުރި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ މޫސަ (ކ) އަތުން ބޯޅަ ހޯދަން ވިކްޓްރީގެ ޖައިޝަން މަސައްކަތްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔުނައިޓެޑް ވިކްޓްރީގެ މޫސަ (ކ) އަތުން ބޯޅަ ހޯދަން ވިކްޓްރީގެ ޖައިޝަން މަސައްކަތްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔޫވީގެ އަނެއް ތިން ގޯލް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ޖެހީ ޑިމިޓްރީ ކްލަބަސެލާއު އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައަކުންނެވެ. ޔޫވީގެ ތިން ވަނަ ގޯލް 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިސްމާއިލް ޝަފީއު (އިއްސެ) އެވެ. ނާވީ މުހައްމަދު ދިން ބޯޅަ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް އެއް ފަހަރުން ޖަހައި ޝަފީއު ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު ވިކްޓްރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީނަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ރެފްރީ ވަނީ 86 ވަނަ މިނެޓުގައި އޭނާ އަށް ސީދާ ރަތެއް ދައްކައިފަ އެވެ. އޭރު ޑިމިޓްރީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލް ހިލޭ ޖެހުމަކުން ކާމިޔާބުކޮށްފަ އެވެ.

ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ހިލޭ ޖެހުންތަކުން ލަނޑުތައް ކާމިޔާބުކުރެވުނީ އެކަމަށް ތައްޔާރުވެފައި ތިބުމުން ކަމަށާއި މިރޭގެ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން އޯގަނައިޒްކޮށް ކުޅެމުން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.

'އެކަމަކު ސިމްޕަލްކޮށް ކުޅުމާ އީޒީކޮށްލުން އޮޅުވާލިތަން ފެނުނު. ސިމްޕަކޮށް ކުޅުމަކީ އެ ޓީމެއްގެ ޕްލޭނާ އެއްގޮތަށް ސިމްޕަކޮށް ކުޅެލުން. އެކަމަކު ފެނިގެން ދިޔަ އީޒީކޮށްލިތަން. އެވަގުތު ނުރައްކަލާ ވެސް ކުރިމަތިވި،" ނަޒީހު ބުންޏެވެ.

ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ އޭނާގެ ޓީމުން ސެޓްޕީސްތަކަށް އަދި ޕްރެކްޓިސް ނުކުރާ ކަމަށާއި އެހެންވެ ހިލޭ ޖެހުންތަކުން ވަން ދެ ގޯލާ މެދު ޝަކުވާއެއް ނެތް ކަމަށެވެ.

'ކޮންމެ ގޮތެއް ވިޔަސް އަހަރެމެންގެ ޓީމު ޒުވާން ވުމުން ދުވަސްކޮޅެއް ނަގާނެ ހޭނެން ވެސް. އެކަމަކު ކުރީ މެޗާ ބަލާއިރު މިއަދު ރަނގަޅު،" މުހައްމަދު ބުންޏެވެ.