Roadha Mihaaru
ޔަމަން މީހާ ހަޅުތާލު ހުއްޓާލައި ކާން ފަށައިފި

ޔަމަން މީހާ ހަޅުތާލު ހުއްޓާލައި ކާން ފަށައިފި

13 އޮކްޓޯބަރ 2019

މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖަލުގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހާލު ދެރަވެ، އައިޖީއެމްއެޗުގައި އެޑްމިޓްކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ގޮތް ދޫކޮށް، މިދިޔަ ހަފުތާގައި ކާން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖަލުގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހާލު ދެރަވެ، އައިޖީއެމްއެޗުގައި އެޑްމިޓްކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ގޮތް ދޫކޮށް، މިދިޔަ ހަފުތާގައި ކާން ފަށައިފި އެވެ.

ހަމައެކަނި ދިޔާއެއްޗެހި ބޮއެގެން ދެ މަސް ހޭދަކުރި ޔާސިރު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ހާލު ދެރަވެ އަނބުރައިގަނެގެން ވެއްޓުމުންނެވެ. އެވަރުން ވެސް ހަޅުތާލު ހުއްޓާލަން ބޭނުން ނުވުމުން އައިވީ ގުޅާފައި ހޮސްޕިޓަލުގައި ބޭއްވީ އެވެ. އެ ހަޅުތާލުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެ، ހަށިގަނޑު އޮތީ އަނަރޫފަވެފަ އެވެ.

"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ޔާސިރު ކާން ފެށުމުގެ އިތުރުން ސަރުކާރުގެ ހުށަހެޅުންތަކަށް ވެސް އަންނަނީ އެއްބަސްވަމުންނެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، ޔާސިރަކީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތާ އެކު އެކި ގައުމުތަކުގައި ޖަލަށް ލީ މީހެކެވެ. ރާއްޖެ އެތެރެވެ، އަރަބި ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް އޭނާ ހައްޔަރުކުރީ ޓެރަރިޒަމާ ގުޅުން އޮތް ކަމުގެ ތުހުމަތުގަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ވެސް ޓެރަރިޒަމަށް ވާގިވެރިވާ ބައެއް ފަރާތްތަކާ ޔާސިރު ގުޅުން ބޭއްވިކަން ތަހުގީގުން އެނގެ އެވެ.

ޔާސިރު 2017 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަނީ އޭނާ ދޫވެފައި ހުރެއްޖެ ނަމަ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ މާޗް، 3، 2017، ގަ އެވެ.

ޔާސިރުގެ މައްސަލައިގެ ޚުލާސާ:

- ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭކަން އެނގުނީ ރާއްޖެ އެތެރެވި ފަހުން.

- ހައްޔަރުކޮށް 30 ދުވަހުގެ ތެރޭގައި ފުރައިގެންދާން އެންގުމުން ޕާސްޕޯޓް ފޮރުވީ.

- ރާއްޖޭގައި ތިބި ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކާ ގުޅުން އޮތް ކަން ތަހުގީގުން ވަނީ އެނގިފައި.

- ބޭރުގެ އެކި ގައުމުތަކުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވޭ. އޭގެތެރޭގައި ޔަމަނާއި އޮމާނާއި ޕާކިސްތާނާއި މެލޭޝިއާ ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައި.

ރާއްޖޭގައި މީހަކާ އިނދެ ދަރިއަކު ވެސް ހުންނަ ޔާސިރުގެ ހަގީގަތް އެނގުނު ހިސާބުން ވިސާ ކެންސަލްކޮށް، ފުރައިގެންދާން 1 މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ. އެކަމަކު ޔާސިރު ފުރަން އިންކާރުކުރީ އެވެ.

ހޯމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ޔާސިރު ފުރަން އެއްބަސްވިހާ އަވަހަކަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ އެވެ.