Roadha Mihaaru
ބޮލީވުޑްގައި ޕާކިސްތާން އެކްޓަރުން އުޅުމާ ބީޖޭޕީ ދެކޮޅު

ބޮލީވުޑްގައި ޕާކިސްތާން އެކްޓަރުން އުޅުމާ ބީޖޭޕީ ވެސް ދެކޮޅު

25 ސެޕްޓެމްބަރ 2016

އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ ގޮތްޕަކުން، ބޮލީވުޑްގައި މަސައްކަތްކުރާ ޕާކިސްތާނުގެ ހުރިހާ ފަންނާނުން 48 ގަޑިއިރު ތެރޭ އެ ގައުމުން ފޭބުމަށް އިންޒާރު ދީފައި ވަނިކޮށް، އެ ގައުމުގެ ވެރިކަންކުރާ ބީޖޭޕީން ވެސް ޕާކިސްތާނު އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތު ދިނުމާ ދެކޮޅުކަން ހާމަކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ ގޮތްޕަކުން، ބޮލީވުޑްގައި މަސައްކަތްކުރާ ޕާކިސްތާނުގެ ހުރިހާ ފަންނާނުން 48 ގަޑިއިރު ތެރޭ އެ ގައުމުން ފޭބުމަށް އިންޒާރު ދީފައި ވަނިކޮށް، އެ ގައުމުގެ ވެރިކަންކުރާ ބީޖޭޕީން ވެސް ޕާކިސްތާނު އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތު ދިނުމާ ދެކޮޅުކަން ހާމަކޮށްފި އެވެ.

ޕާކިސްތާނު އެކްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތަކެއް ބީޖޭޕީން ދީފައި ވާއިރު ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ހިމެނޭ، ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި ޕާކިސްތާނު އެކްޓަރު މާހިރާ ޚާން ބަތަލާގެ ރޯލު ކުޅެފައިވާ ޝާހްރުކް ޚާންގެ "ރައީސް" އިންޑިއާގައި ރިލީޒްކުރުމުގެ ހުއްދަ ލިބޭނީ އެ ދެ އެކްޓަރުން އުޅޭ ބައިތައް ފިލްމުން ފޮހެލުމަށްފަހު ކަމަށް ވެސް ބީޖޭޕީން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބީޖޭޕީގެ މަހާރާޝްތުރާއަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް ސެކްރެޓަރީ ސަންޖޭ އުޕަދުޔޭ ހުރީ މި މައްސަލައިގައި އެއްގޮތަކަށް ވެސް ދޫދޭގޮތަކަށް ނޫނެވެ.

މިހާރު އޮތް ގޮތަށް ޕާކިސްތާނު އެކްޓަރުން ހިމެނޭ ބައިތައް ލައިގެން "އޭ ދިލް ހެ މުޝްކިލް" އާއި "ރައީސް" ރިލީޒްކުރަން އެއްވެސް ވަރަކަށް ސިނަމާތަކުން ޖާގަ ދީގެން ނުވާނެކަމަށް ބުނެ ފިލްމު އެގްޒިބިޓަރުންނަށް ސިޓީ ފޮނުވަން އޭނާ ތައްޔާރުވަމުންދާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެ އެވެ. އަދި މި ދެ ފިލްމު މިހާރު އޮތް ގޮތަށް ރިލީޒްކޮށްފި ނަމަ ބޮޑެތި ހަމަނުޖެހުންތައް ހިނގާނެކަމަށް އޭނާ އިންޒާރު ކުރި ކަމަށްވެ އެވެ.

"ބީޖޭޕީ އިން "އޭ ދިލް ހެ މުޝްކިލް" އާއި "ރައީސް" އިންޑިއާގައި ރިލީޒްކުރުމުގެ ހުއްދަ ދޭނީ އެ ދެ ފިލްމުގައި ހިމެނީ ޕާކިސްތާނު ދެ އެކްޓަރުން ކަމަށްވާ ފަވާދު އާއި މާހިރާ ގެ ރޯލު މުޅިން ފުހެލުމަށްފަހު. އަދި މި ދެ ފިލްމުގައި މި އެކްޓަރުން އެއްގޮތަކަށް ވެސް ފެނިގެން ނުވާނެ،" ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.

އުޕަދްޔާ ވިދާޅުވެފައިވާ ގޮތުގައި އިންޑިއާގައި ހުނަރުވެރި ފަންނާނުން މަދެއް ނޫނެވެ. އެހެންވެ ޕާކިސްތާނުން ކޮންމެހެން އެކްޓަރުން ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް އޭނާ ނުދެކެ އެވެ.

ޝާހްރުކް ޚާން އަދި "ރައީސް"ގެ ބަތަލާ މާހިރާ ޚާން

ޝާހްރުކް ޚާން އަދި "ރައީސް"ގެ ބަތަލާ މާހިރާ ޚާން

އޭނާ ވިދާޅުވި ގޮތުގައި "އިންޑިއާގެ ކުށެއް ނެތް ރައްޔިތުންނާއި ސިފައިން މަރާ ގައުމަކުން" އާޓިސްޓުން ގެނެސްގެން ފިލްމުތަކުގައި ބައިވެރިކުރުމަކީ ބަލައިގަނެވޭނެ ނޫނެވެ.

މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މަހޭޝް ބަޓް ވަނީ މި މައްސަލައިގައި "އޭ ދިލް ހެ މުޝްކިލް"ގެ ޑައިރެކްޓަރު ކަރަން ޖޯހަރް އަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލައެއްގައި އިންޑިއާގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އެމީހުން ކުރި ކުށަކާ ނުލައި އަދަބު ދެވިގެން ނުވާނެ އެވެ.

އޭނާ ބުނި ގޮތުގައި ޕާކިސްތާނު އެކްޓަރުން އިންޑިޔާގައި މަސައްކަތްކުރުމުގެ ހުއްދަ ނުދޭން ނިންމުމަކީ އިންޑިއާ ސަރުކާރަށް އެޅިދާނެ ފިޔަވަޅެކެވެ. އެހެންކަމުން އެފަދަ ފިޔަވަޅެއް ނާޅާ އެފަދަ އެކްޓަރުން ކުޅެފައިވާ ފިލްމުތައް މަނާ ކުރުން އެއީ ހަމަޖެހޭ ކަމެއް ނޫންކަމަށް މަހޭޝް ބަޓް ބުނެފައިވެ އެވެ.

އިންޑިއާގެ ފިލްމު ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ މަހޭޝް ބަޓްގެ ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ މިހާރު ކެތްތެރިކަން ކޮޅުންލާ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމަށާއި ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އިތުރަށް ހަރުކަށިވާންވީ ވަގުތު އަތުވެއްޖެކަމަށެވެ.