Roadha Mihaaru
ސިޔާސީ ޝިކާރައަކަށް ވެއްޖެ، އިސްތިއުފާ ދީފިން: ޝަހީބް

"ސިޔާސީ ޝިކާރައަކަށް" ވެއްޖެ ކަމަށް ވިދާޅުވެ ޝަހީބް އިސްތިއުފާ ދެއްވައިފި

09 އޮކްޓޯބަރ 2019

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ މަގާމުން ވަކިކުރަން ނިންމީ ނާއިންސާފުން ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ މަގާމުން ވަކިކުރަން ނިންމީ ނާއިންސާފުން ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރަކަށް 2011 ގައި އައްޔަން ކުރެއްވި ޝަހީބް އިސްތިއުފާ މި ދެއްވީ މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވުމުން މިއަދަށް އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ޝަހީބް ސިފަކުރެއްވި ގޮތުގައި އޭނާ ވީ "ޒާތީ، އަދި ސިޔާސީ ޝިކާރަ" އަކަށެވެ. އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް އުފުލާ އަޑުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި "ވަޒީފާގެ ބިރާ" ކުރިމަތިލާންޖެހޭ މީހަކަށް ވެދާނެ ކަމަށް ވެސް އުއްމީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝަހީބްގެ ސިޓީ ފައްޓަވާފައި އޮތީ، މަގާމުގައި ހުންނެވި އިރު އޭނާއާ މެދު ކޮށްފައިވާ ހުރިހާ ތުހުމަތެއް ދޮގު ކުރައްވަމުންނެވެ. މަގާމުގައި ދެމިހުންނެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އިޚްލާސްތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަންގެ ރިޔާސަތުގައި އިންނަވައިގެން މަސައްކަތް ކުރެއްވީ ހަމަހަމަކަމާއި އިންސާފުން ކަމަށެވެ.

"ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އަޅުގަނޑަށް ތާއީދު ނުކުރެވޭ ނިންމުން ތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގާނޫނު ލާޒިމްކުރަނީ އަޣުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށެވެ. މި ނޫން ގޮތަކަށް ކަންތައް ކުރުމަކަށް ގާނޫނާއި ގަވައިދު ތަނެއް ނުދެ އެވެ،" ޝަހީބު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ވުޖޫދަށް އައުމުން އޭނާ އަށް ވެސް ބޮޑެތި ފާޑުކިއުންތަކާއި ނަފްރަތު އަމާޒުވި ކަން ޝަހީބް ސިޓީގައި ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ކޮމިޓީގައި ޝަހީބް ވާހަކަ ދައްކަވަނީ: ބްރޯޑްކާސްޓިން ކޮމިޝަންގައި މަސައްކަތް ކުރެއްވީ ހަމަހަމަކަމާއި އިންސާފުން ކަަމަށް ވިދާޅުވި.

މަޖިލީހުގެ ކޮމިޓީގައި ޝަހީބް ވާހަކަ ދައްކަވަނީ: ބްރޯޑްކާސްޓިން ކޮމިޝަންގައި މަސައްކަތް ކުރެއްވީ ހަމަހަމަކަމާއި އިންސާފުން ކަަމަށް ވިދާޅުވި.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކޮމިޝަންގެ ބައެއް މެމްބަރުން އިސް ނަގައިގެން މައްސަލަތައް ބެލިއިރު އެފަދަ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް ވެސް އޮތް ކަމަށް ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ހުށަހެޅުއްވި ނަމަ، ސިޔާސީ ގޮތުން ކޮންމެވެސް ބައެއްގެ ރުހުމާއި ތާއީދު އޭނާ އަށް ވެސް ލިބުނީސް ކަމަށް ޝަހީބް ވިދާޅުވި އެވެ.

"ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑު އަބަދު ވެސް މަސައްކަތްކުރަމުން އައީ، އިންސާފާއި ހަމަހަމަކަމާ އެކު، ގާނޫނާއި ގަވައިދުގެ ތަރަހައިގެ ތެރެއިން ކަމަށްވާތީ، އެފަދަ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނޯންނާނެ އެވެ،" ޝަހީބް ވިދާޅުވި އެވެ.

"އަދި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބައެއް ސްޓޭޝަންތައް ޖޫރިމަނާކޮށްފައިވާ އެއްވެސް މައްސަލައެއް ނިންމުމަށް، ރިޔާސަތުގައި އިން މީހެއްގެ ހައިސިއްޔަތުން، ވޯޓު ދިނުމުގައި ވެސް އަޅުގަނޑު ބައިވެރިވެފައެއް ނޯންނާނެ އެވެ. އެ މައްސަލަތައް ހުށަހަޅައި، ނިންމަން ވޯޓު ދިން މެމްބަރުންގެ ތަފްސީލް ކޮމިޝަންގެ ޔައުމިއްޔާތަކުން ވަރަށް ސާފުކޮށް ފެންނާން ހުންނާނެ އެވެ."

ގާނޫނާ ޚިލާފަށް ކުރި ކަމެއް ކޮމިޓީން ނުދައްކާ

ޝަހީބްގެ ސިޓީގައި އޭނާ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބައެއް ސްޓޭޝަންތައް ޖޫރިމަނާކޮށްފައިވާ މައްސަލަތަކާ ގުޅޭ ގޮތުންނެވެ. އެ މައްސަލަތަކުގައި ކަން ހިނގައިދިޔަ ގޮތުގެ ހުރިހައި ތަފްސީލެއް ދަންނަވައި، މަޖިލީހުގެ މެމްބަރުންގެ އެދިވަޑައިގަތުމަށް، ކޮމިޝަންގެ ޔައުމިއްޔާތައް ވެސް މަޖުލީހަށް ފޮނުއްވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމެވީ ކޮމިޝަންގެ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމަށްޓަކައި އިޖުރާއަތުތައް ފުރިހަމަ ކުރުމަށްޓަކައި ވަކިވަކިން ހުރިހާ މެމްބަރުންނާ ވެސް ސަބް ކޮމެޓީން ބައްދަލު ކުރެއްވުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކެއް ސަބް ކޮމިޓީއަކުން ނުބުނެ އެވެ. އެ ދުވަހުގެ ސަބް ކޮމިޓީގައި މެމްބަރުން ދެއްކެވި އެއްވެސް ވާހަކައެއްގައި، ކޮމިޝަންގެ ގާނޫނާއި ގަވައިދާ ޚިލާފަށް ނުވަތަ، ހަމަހަމަކަމާއި އިންސާފުން ބޭރުން އަޅުގަނޑު ކޮށްފައިވާ އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކުރައްވައި ސުވާލުކޮށްފައި ނުވާ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.

"އަދި ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އަޅުގަނޑު އިހުމާލްވެފައިވާ ކަމަށް އެއްވެސް ތުހުމަތެއްވެސް ނުކުރައްވަ އެވެ. ވީމާ ސަބް ކޮމީޓީގެ ރިޕޯޓަށް ރިއާޔަތް ކުރައްވައި ކޮމިޝަންގެ މެމްބަރުކަމުން އަޅުގަނޑު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 24 ޖުލައި 2019 ގައި ނިންމެވި ނިންމެވުމަކީ 'އިންސާފުގެމަގު'ން އެއްކިބާވެ ނިންމަވައިފައިވާ، ގާނޫނު އަސާސީއާ ޚިލާފު، ނާއިންސާފު ނިންމެވުމެއް ކަމުގައި އަޅުގަނޑަށް ގަބޫލްކުރެވެ އެވެ،" ޝަހީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ބްރޯޑްކާސްޓިން ކޮމިޝަންގައި އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވީ ސަރުކާރު ބަދަލުވުމުން ނުވަތަ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީ އަކަށް ލިބުމުން، ޒާތީ އަދި ސިޔާސީ ޝިކާރައަކަށް ވެދާނެ ކަމަށް އުއްމީދު ކުރައްވައިގެންނެއް ނޫނެވެ.

ޝަހީބްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ކޮމިޓީން މައްސަލަ ބަލަނިކޮށް ކޮމިޝަންގެ މެމްބަރުކަމުން ހަސަން ނަބާހާއި އިސްމާއީލް ސޮފްވާން ވަނީ އިސްތިއުފާ ދެއްވައިިފަ އެވެ.