08 އޮކްޓޯބަރ 2019
"އެއްވެސް ގައުމަކަށް މިހާރަކު ނުކުރޭނެ ބުނާކަށް މިވެނި ގައުމަކާ ގުޅުން ކަނޑާލާށޭ. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު މިތިބީ މާ ގަދަކޮށް. ފަހަތުގައި ފިލައެއް ނޫން. ރާއްޖެ މިއޮތީ އެހެން ގައުމުތަކާ އެއް ސަފެއްގައި."
"އެއްވެސް ގައުމަކަށް މިހާރަކު ނުކުރޭނެ ބުނާކަށް މިވެނި ގައުމަކާ ގުޅުން ކަނޑާލާށޭ. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު މިތިބީ މާ ގަދަކޮށް. ފަހަތުގައި ފިލައެއް ނޫން. ރާއްޖެ މިއޮތީ އެހެން ގައުމުތަކާ އެއް ސަފެއްގައި."
މި ޖަވާބު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދޫކޮށްލެއްވީ ބޭރަށް އޭނާ މާ ގިނައިން ދަތުރުކުރައްވާތީ ނުރުހުން ވެފައި ތިބި މީހުންނަށެވެ.
މި ސަރުކާރަށް ނުވަ މަސް ވި އިރު ޚާރިޖީ ގުޅުމުގެ ތެރެއިން މިނިސްޓަރު އުދުހިވަޑައިނުގަންނަވާ ގައުމެއް މަދެވެ. ރާއްޖެ އަށް ވި ފައިދާ އަކީ ނުވަތަ ނެރެވުނު ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ ދަތުރުތަކުގައި މި ސަރުކާރުން އިސްކަން ދިން ގައުމުތަކުގެ ތަރުތީބު ލިސްޓުގެ އެންމެ ކުރީގައި އިންޑިއާ އޮވެފައި ޗައިނާ ލިސްޓުގެ ފަހަތުގައި އޮތީ ކީއްވެގެން ހެއްޔެވެ؟ ދަރަންޏަށް ލުއި ދީ އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި މި ސަރުކާރާ އެކު ކުރިއަށް ދާން ޗައިނާ ތައްޔާރު ހެއްޔެވެ؟
"މިހާރު" އަށް އިއްޔެ ދެއްވި ޚާއްސަ އިންޓަވިއުގައި މިނިސްޓަރު ވަނީ އޭނާގެ ދަތުރުތަކާ ގުޅިގެން އަމާޒުކުރާ ފާޑުކިއުންތައް ދިފާއުކުރައްވައިފަ އެވެ.
ރާއްޖެ އިން ބޭރަށް ކުރާ ކޮންމެ ދަތުރެއްގައި، އެއީ އަޅުގަނޑު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވިޔަސް އަންނާނީ ދެ އަތް ފުރައި ޑޮލަރު އަޅައިގެންނެއް ނޫން. ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނީ ޒަމާންތަކަކަށް ބެހިގެންދާ ގޮތަށް.
މިހާތަނަށް ކުރެއްވި މަސައްކަތުގެ ތަފްސީލް ދެއްވަން ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖެ އޮތް ހާލަތުންނެވެ.
އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ޚާރިޖީ ދާއިރާގައި ބާކީވެ، ނިކަމެތިވެފަ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް ރާއްޖެ ކުރިމަތިލުމުން ލިބުނީ އެންމެ 40 ވޯޓެވެ. މިއީ ރާއްޖެ ލަދުން ފިތްކަނޑައިގެން ދިޔަ ބައްޔެއް ކަމަށް ސިފަކުރެއްވި އެވެ. އޭގެ ކުރިން އިންސާނީ ހައްގުތަކާ ގުޅޭ ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލައި ވޯޓަކަށް ދިއުމުގެ ކުރިން ނަން އަނބުރާ ގެނައީ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވި އިރު ބޭރު ގައުމުތަކުން ރާއްޖެ ފޮނުވި ސަފީރުން، ރައީސަށް ފަތްކޮޅު ނޭރުވިފައި ތިއްބެވެ. އޭގެތެރޭގައި ފަތްކޮޅު އަރުވަން އެދިވަޑައިގަތްތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ބޭފުޅުން ވެސް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަވަށްޓެރި ގައުމުތަކާ އޮތް ގުޅުން ވެސް ހީނަރުވި އެވެ.
މި ހާލަތުން އަރައިގަތުމަށް ކުރައްވަން ޖެހިވަޑައިގަތް ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމުތަކަށް ދަތުރު ކުރައްވައި ގުޅުން ބަދަހިކުރުމެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަށް އިހްތިރާމް ހޯދުމެވެ. ރާއްޖެ އަކީ ބަސް ވިކޭ ގައުމަކަށް ހެދުމެވެ. ނުވަ މަހުގެ ތެރޭގައި އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިންޑިއާ އާއި އިނގިރޭސިވިލާތާއި ޖަރުމަނަށް ރަސްމީ ދަތުރުތަކެއް ކުރައްވައި އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވި އެވެ. މި ދަތުރުތަކުން ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ވެސް ލިބުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމުގެ ޔަގީންކަން ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.
ނަތީޖާ އަކީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގެ އެހީ ލިބެމުން ދިއުން. އޭގެތެރޭގައި ވިޔަފާރި އާއި މަތީ ތައުލީމާއި އެހެން ދާއިރާތައް ހިމެނޭ. --ޝާހިދު
ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ ވަށައި ބިތްގަނޑެއް ޖަހާލައިގެން އޭގެތެރޭގައި އެކަނި ތިއްބަސް ކޮންސެޝަނަލް ލޯނާއި ތަރައްގީގެ އެހެން ކަންކަމަށް އެހީ ދޭން ބަޔަކު ނާންނާނެ އެވެ. އެހެންކަމުން ދަތުރުކުރައްވަނީ ސަލާން ޖަހަން ނޫން ކަމަށާއި ރައްޔިތުންގެ ކުރިއެރުމާއި ރާއްޖޭގެ ފައިދާ އަށް ކަމަށް ވިދާޅުވި އެވެ.
"ދަތުރުތަކުން ލިބުނު އެއް ޔަގީން ކަމަކީ ރާއްޖެ އަށް ބޮޑު ކަމެއް ދިމާވާ ހާލަތްތަކުގައި، ގައުމުތަކުގެ އެހީ ވާނެ ކަމުގެ ޔަގީން ކަން. އެ މިންވަރަށް އިތުބާރު އުފެދިގެން ދިޔަ،" ޝާހިދު ވިދާޅުވި އެވެ.
އެމެރިކާގެ ސަރުކާރަކީ ފަހަކަށް އައިސް ރާއްޖެ އަށް ސީދާ އެހީ ދޭ ގައުމެއް ނޫނެވެ. އެކަމަކު ރާއްޖެ އިން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އެ ގައުމުން މިހާރު އަންނަނީ އެހީވަމުންނެވެ. އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގައި 10 މިލިއަން ޑޮލަރު ހަމަޖައްސައިދިން ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"މި ފައިސާތައް ވަންނާނީ ޓްރެޝަރީ އަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކަށް ނޫން. އަޅުގަނޑާއި މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތަކަށް މި އޮންނަނީ އެހީ ހޯދައި ދިނުން،" ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން މިނިސްޓަރުގެ ދަތުރުތަކުން އެކަނި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ރާއްޖެ އަށް ވަނީ އެހީ ހަމަޖެހިފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެހީގެ އިތުރުން ގައުމުތަކާ ގުޅުން ބަދަހިކޮށް ދިވެހިންނަށް ބިރެއް، ފަސްޖެހުމެއް ނެތި ލުއި ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ވެސް ވަރަށް ބޮޑު އަމާޒެކެވެ. މިހާތަނަށް ވެސް ވިސާގެ ލުއިތަކެއް ހޯދައި ދީފައިވާ އިރު ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކަކާ އެކު އެއްބަސްވުންތަކެއް ހެދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. އަށް މި އަހަރު ވަޑައިގަތީ ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އާއްމު މަޖިލީހުގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުންނެވެ. ބޮޑެތި ބާރުތަކުގެ އަޑު ހަރު، ނުފޫޒު ގަދަ އާއްމު މަޖިލީހުގައި ރާއްޖެ އަށް ލިބުނު ފަސް މިނެޓްގެ ވަގުތުކޮޅުގައި، އެންމެ މުހިއްމު އެއް މެސެޖަކީ ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަމަށް ރައީސް ދެއްވި ޔަގީންކަމެވެ. ގައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ ސްޓޭންޑް ރައީސް ހާމަކޮށްދެއްވީ ސާބިތުކަމާ އެކުގަ އެވެ. ކުޑަ ގައުމެއްގެ ގޮތުގައި އޮވެމެ އެމަނިކުފާނުގެ ތަގުރީރުން އާއްމު މަޖިލީހަށް ދޫކޮށްލީ ނުފޫޒު ގަދަ މެސެޖްތަކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް ރާއްޖޭގެ ތަސައްވުރާއި އަޅުއްވާނެ ފިޔަވަޅުތައް ސާފުކޮށް ދެއްވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.
ރައީސްގެ އަރިހުގައި އދ. އަށް ވަޑައިގަތް މިނިސްޓަރު ޝާހިދަށް ފެނިވަޑައިގަތީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ރާއްޖެ އަށް ލިބުނު ޚާއްސަ ކަމެވެ.
އުމުރުފުޅުން 21 އަހަރުގައި ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޝާހިދު ވިދާޅުވި ގޮތުގައި އާއްމު މަޖިލީހުގެ ފުރަތަމަ ދުވަހު، ހަ ވަނަ އަށް ރާއްޖެ އަށް ފުރުސަތު ލިބުމަކީ ފަޚުރެކެވެ.
"މި ނޫނިއްޔާ ރާއްޖެއަކަށް ޖެނެރަލް ޑިބޭޓުގެ ފުރަތަމަ ދުވަހު މިހާ އަވަހަށް ފުރުސަތެއް ނުލިބޭ. އަބަދުވެސް ފުރަތަމަ ވާހަކަ ދައްކާނީ ބްޒެޒިލް، ދެން އެމެރިކާ. މި ތަރުތީބުން ޖުމްލަ ހަ ވަނަ އަށް މި ލިބުނީ. ވަރަށް ގިނަ ގައުމުތަކުގެ އިސް ބޭފުޅުން ސުވާލުކުރެއްވި ކިހިނެއްހޭ ރާއްޖެ އިން ތިހެދީ،" ޝާހިދު ވިދާޅުވި އެވެ.
ނުވަ މަސް ތެރޭގައި އެތައް ގައުމަކާ ވާހަކަ ދެކެވި ރަހުމަތްތެރިން އުފެދި ކުރީގެ ރަހުމަތްތެރިންނާ ގުޅުން ބަދަހިވެއްޖެ. އޭގެ ނަތީޖާ މި ފެންނަނީ.
ކުރީގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ބައިވެރިއަކީ ޗައިނާ އެވެ. އޮއްސާލި އެހީތަކާ އެކު ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތު އޮތީ ޗައިނާގެ ކޮޅަށް މާ ބޮޑަށް ބުރަވެފަ އެވެ. އެ އެހީތަކުން ރާއްޖެ 3.2 ބިލިއަން ޑޮލަރުން "ދަރަނިވެރިކޮށްފައިވާ" ކަމުގެ އިލްޒާމް އަދިވެސް އަޅުވަ އެވެ.
މިއާ އެކު އިންޑިއާ ރުއްސަން ނުވަތަ ޚާރިޖީ ސިޔާސަތުގައި އިންޑިއާ އަށް މި ސަރުކާރުން އިސްކަންދޭ ކަން ދަލީލްކޮށް ދިނުމުގެ ވާހަކަތަކެއް ވެސް ދައްކަ އެވެ. މި ހިޔާލުތަފާތުވުން އެންމެ ބޮޑަށް ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަން ލިޒޮންގެ ބަހުގެ ހަމަލާތަކުންނެވެ. ޗައިނާއާ ގުޅުވައި ނަޝީދު ދައްކަވާ އެއްވެސް ވާހަކައަކަށް ރައްދު ނުދެއްވައި އެ ގައުމުެގ ސަފީރު މަޑަކުން ނުހުންނަވަ އެވެ.
އެކަމަކު މި ކޯޅުމާ ގުޅޭ ގޮތުން ޝާހިދު އެއްޗެއް ވިދާޅެއް ނުވި އެވެ. ހަމައެކަނި ވިދާޅުވީ ދެ ގައުމުގެ ދޭތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގައި އޮތީ ހުރިހާ ގައުމުތަކަކާ އެކު ގުޅުން ބަދަހިކުރުން ކަމަށްވާ އިރު ސަރުކާރުގެ އެއްވެސް ވަޒީރަކު އަދި އެހެން ބޭފުޅަކު ވެސް އެއާ ދެކޮޅެއް ނުހައްދަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެއް ގައުމު އަނެއް ގައުމާ އަޅާކިޔައި، ތޮޅުވައި ފިތުނަކުރުމަކީ ރާއްޖެ އަށް އެންމެ ފައިދާހުރި ގޮތެއް ނޫން. --ޝާހިދު
އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާ ތަޅުވައިގެން ފައިދާ ހޯއްދެވުމެވެ. އެކަމަކު މި ސަރުކާރުން އެގޮތަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިކަމުގެ އެއް މިސާލަކަށް ޝާހިދު ނެންގެވީ އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ދަތުރެވެ. އެކަމަކު އެ ދަތުރު އޮތީ މިިނިސްޓަރު ނުވަތަ ސަރުކާރުން ގައުމުތަކަށް އިސްކަން ދިން ތަރުތީބުގެ ލިސްޓުގެ ވަރަށް ފަހަތުގައި ނޫންތޯ ދެންނެވުމުން ޝާހިދު އެ ވާހަކަ ދޮގުކުރެއްވި އެވެ.
އެ ދަތުރުގައި ވަޑައިގަތީ ޗައިނާ އިން ހަމަޖައްސައިދިން ތާރީޚުގައި ކަމަށް ވިދާޅުވި އެވެ. އެ ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާން އާއި ޚާރިޖީ ވަޒީރު ވާންގް ޔީގްއާ ޝާހިދު ބައްދަލު ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ލިބުނު އެންމެ ބޮޑު ޔަގީންކަމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ރަހުމަތްތެރި ގުޅުމަށް ލޮޅުމެއް ނޭރުމެވެ.
"އެ ވާހަކަ ވިދާޅުވީ އެ ބޭފުޅުން. ހަމައެއާ އެކު ދިވެހިރާއްޖޭގެ ސަރުކާރަށް ފުރިހަމަ އަށް އިތުބާރުކޮށް ތާއީދު ކުރައްވާ ކަމަށް ނައިބު ރައީސް ވެސް އަދި ޚާރިޖީ ވަޒީރު ވެސް ވިދާޅުވި،" ޝާހިދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގެ އެންމެ ފޮނި ނަތީޖާ އަކީ ޗައިނާ އިން ފަށައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށާނެ ކަމުގެ ޔަގީން ކަމެވެ. އޭގެތެރޭގައި އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫއު ހިމެނެ އެވެ.
ކުރީގެ ސަރުކާރަށް ރައްޔިތުންގެ މަގުބޫލްކަން ހޯދަން، އެއާޕޯޓުގެ ދެ ވަނަ ރަންވޭގެ މަސައްކަތް ނުނިމެނީސް އޭ 380 ގެ ބޯޓެއް ޖެއްސުމުން ގެއްލުންތަކެއްވެ އިތުރު ޚަރަދުތަކެއް ކުރަން ޖެހުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ސަބަބާ ހެދި ލަސްވި މަސައްކަތްތައް ހަލުވި ކުރެވޭނެ މަގެއް ހޯދައި ދެ ފަރާތުން އެއްބަސްވެވޭނެ ގޮތެއްގެ މަތިން އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ރާވަން ވަނީ ނިންމައިފަ އެވެ.
- ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކުގެ ފައިސާ ލިބޭނެ
- ހުޅުމާލޭގައި ކަރަންޓް ވިއުގައެއް ގުޅާލަން ބޭނުންވާ ހުއްދަ އެ މަސައްކަތާ ހަވާލުވި އެ އެ ގައުމުގެ ކުންފުންޏަށް ސަރުކާރުން ދޭނެ
- އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވަން ޗައިނާ އިން ފެންވަރު ރަނގަޅު ދަނޑެއް އަޅައިދޭނެ.
- ދިވެހި ދައުލަތަށް ދިން އެހީތަކާއި ލޯނުތައް އަނބުރާ ދެއްކުމުގައި ދައްޗެއް ކުރިމަތިވެއްޖެ ނަމަ ލުއި ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ލިބުނު.
އިތުރު ގުޅުންތަކެއް، އާ ފެށުންތަކެއް އަޅުގަނޑުގެ ޗައިނާ ދަތުރުން ހާސިލްވި. --ޝާހިދު
މި ސަރުކާރުން އިންޑިއާ ކޮޅަށް ބުރަވެފައި އޮތް މިންވަރުން ރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވައި އަޅުވެތިކޮށްފާނެ ކަމުގެ ތުހުމަތަށް ވެސް ޝާހިދު ޖަވާބު ދެއްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ޝާހިދު.
"ރައީސް ސޯލިހްގެ ވެރިކަމުގައި، އަޅުގަނޑުގެ ޚާރިޖީ ވަޒީރު ކަމުގައި ރާއްޖޭގެ މައްޗަށް ބަސް ކިޔޭނެ އެއްވެސް ގައުމެއް ނޯންނާނެ. އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓާނަން،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ބައެއް ގައުމުތަކާ ގުޅުން ކަނޑާލީ، ވަކި ގައުމަކުން އަންގައިގެން ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް އެއްވެސް ގައުމަކުން މި ސަރުކާރުގެ މައްޗަށް އެންގުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ދެން ޝާހިދު ދެއްކެވީ އެހެން މިސާލެކެވެ. އެއީ ބޭރަށް ދަތުރުކުރުމުގެ ހަރަދު ކުރީ ސަރުކާރުގައި ވެސް ކުޑަ ނޫން ކަމުގެ ހެއްކެވެ. އެގޮތުން ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު އެކަނި ވެސް ފޮރިން މިނިސްޓަރު އެކި ގައުމުތަކަށް ކުރެއްވި ދަތުރުތަކުގެ ޚަރަދު އުޅެނީ 27 މިލިއަން ރުފިޔާގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު ޝާހިދު ވިދާޅުވީ، އެއާ ގާތްކުރާ އަދަދެއް ވެސް އޭނާގެ ދަތުރުތަކަށް ހޭދަނުވާ ކަމަށެވެ.
"އަޅުގަނޑު މެދުނުކެނޑި ދަތުރުކުރަން އިނަސް މި އަދަދެއް ނާރާނެ، ތަފާތަކީ އަޅުގަނޑު ދަތުރުކުރަނީ ރައްޔިތުންނަށް އަންގައި ހާމަކަން ބޮޑު ގޮތަށް،" ޝާހިދު ވިދާޅުވި އެވެ.
މި އަހަރަށް މިނިސްޓަރުގެ ދަތުރުތައް އަދި ނިންމައެއް ނުލައްވަ އެވެ. ލިސްޓުގައި ދެން އެންމެ އަވަހަށް ވަޑައިގަންނަވާ ގައުމެއްގެ ގޮތުގައި އޮތީ ތައިލެންޑެވެ.
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
ރާއްޖެ-ޗައިނާގެ މަޝްވަރާ މާދަމާ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
އިންޑިއާގެ އެހީގައި ކޮޅުފުށީގައި މަގު ބައްތި ހަރުކޮށްފި