Roadha Mihaaru
އެއާޕޯޓުގެ އާ ރަންވޭ ހުޅުވޭނީ އަންނަ އަހަރު ކުރީކޮޅު

އެއާޕޯޓުގެ އާ ރަންވޭ ހުޅުވޭވަރުވާނީ އަންނަ އަހަރު ކުރީކޮޅު

07 އޮކްޓޯބަރ 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ އަހަރު ކުރީކޮޅު ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ އަހަރު ކުރީކޮޅު ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިއަދު އެއާޕޯޓަށް ވަޑައިގެން އާ ޓާމިނަލްގެ މަސައްކަތްތައް ދާ ގޮތް ބައްލަވާލައްވައިފަ އެވެ.

އާ ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަވާ އެއާޕޯޓު ޕްރޮޖެކްޓާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް އެމްއޭސީއެލްގެ މެނޭޖަރު މުހައްމަދު ސޮލާހު ވިދާޅުވީ، އާ ރަންވޭ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ބޭނުން ކުރަން ނުފެށި ވަނީ އެ ސަރަހައްދުގައި ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއޭސީއެލްގެ މެނޭޖާ މުހައްމަދު ސޮލާހު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއޭސީއެލްގެ މެނޭޖާ މުހައްމަދު ސޮލާހު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިގުމިނުގައި ގާތްގަނޑަކަށް 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަހަރެއް ވެގެންދިޔަ އިރު ވެސް އާ ޓަމިނަލް ބޭނުން ކުރަން ފަށައިފައެއް ނުވެ އެވެ.

"އާ ރަންވޭ އޮތީ ނިމިފައި. ޓެސްޓިން ވެސް ނިމިފައި. އެކަމަކު ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުނުހާ އަވަހަށް ރަންވޭ އޮޕަރޭޝަނަށް ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ކުރީ ކޮޅު އެވެ. އެހެން ކަމުން އާ ރަންވޭ ވެސް އެހާތަނަށް ހުޅުވޭނެ ކަމަށް ސޮލާހު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އާ ޓާމިނަލްގެ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އާ ޓާމިނަލްގެ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަންވޭގެ އިތުރުން އާ ޓަމިނަލްގެ މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ. ސޮލާހު ވިދާޅުވީ، ޒޯންތަކަށް ބަހާލައިގެން ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ އިރު ކުރިއަށް އޮތް ތިން މަސް ތެރޭ ޕައިލިން މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"އެއަށްފަހު އަންނާނީ ސްޓީލް ސްޓްރަކްޗާ. ސްޓީލް ސްޓްރަކްޗާ ރޭވިގެންދާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ 2022 ވަނަ އަހަރުގެ މެއި މަހަށް މަސައްކަތް ނިންމުން،" އޭނާ ވިދާޅުވި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިދިޔަ ޖޫން 27 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި އަލުން ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފަ އެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އެ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭނެ އެވެ. އަދި 10 ސްކީރިން މެޝިނާއި 10 ގޭޓް ހުންނާނެ އެވެ.