23 ސެޕްޓެމްބަރ 2016
ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހިދުމަތް އަންނަ ހޯމަ ދުވަހު ރަސްމީކޮށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހިދުމަތް އަންނަ ހޯމަ ދުވަހު ރަސްމީކޮށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން ހުޅުވާ ބޭންކަކީ ރާއްޖޭގައި ހަ އަހަރުގެ ތެރޭގައި ހުޅުވާ ދެވަނަ ބޭންކެވެ. ރާއްޖޭގައި އެންމެ ފަހުން ހުޅުވީ 2011 ވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
ސީބީއެމްގެ ވިޔަފާރި ފެށުމުގެ ހުއްދައިގެ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.
އެމްއެމްއޭ އިން މިދިޔަ އޮގަސްޓް 17 ވަނަ ދުވަހު ބުނެފައި ވަނީ ސީބީއެމް އަށް ބޭންކިން ވިޔަފާރި ފެށުމަށް ދީފައިވާ މުއްދަތުގައި ހިދުމަތް ދޭން ދަތިތަކެއް ހުރުމުން، މިމަހުގެ 15ގެ ނިޔަލަށް ދިން މުއްދަތު ސެޕްޓެމްބަރު 26އަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ސީބީއެމްގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑިލަން ރާޖަޕަކްސެ "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އަންނަ ހޯމަ ދުވަހު އެ ބޭންކުގެ ހިދުމަތް ފަށާއިރު ބޭންކިންގެ ހުރިހާ ހިދުމަތްތަކުގެ އިތުރުން ދެ އޭޓީއެމް އާއި ޑިޕޮޒިޓް މެޝިނެއްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށެވެ. އެ ބޭންކުގެ ހެޑް އޮފީސް ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފިލިގަސްދޮށުގޭގަ އެވެ.
ސީބީއެމްގެ ހެޑް އޮފީސް ހުންނަ އިމާރާތުގެ ކުރިމަތިން ބަޔަކު ދަނީ: މި ބޭންކުން ވަނީ ބޭންކިންގެ ހުރިހާ ހިދުމަތެއް ދޭން ނިންމާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
"އަޅުގަނޑުމެން ވާނީ ނިންމާފައި ޕާސަނަލް ބޭންކިން އާއި އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންގެ ހިދުމަތް ވެސް ދޭން. ބޭންކުގެ ހިދުމަތް ފުރަތަމަ ފަށައިގަތުމަށް އަޅުގަނޑުމެންވާނީ 150 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ކެޕިޓަލެއް ހޯދާފައި،" ޑިލަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭންކުން މޮބައިލް ބޭންކިންގެ އިތުރުން ވިސާ އަދި މާސްޓާ ކާޑު ވެސް ކަސްޓަމަރުންނަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ކާޑު މެޝިންތައް ވެސް ވިޔަފާރިކުރާ ތަންތަނުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް ޑިލަން ވިދާޅުވި އެވެ. ބޭންކު ހުޅުވާއިރު 15 މުވައްޒަފުން ހިދުމަތުގައި އުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭންކިންގެ ހިދުމަތް ދޭނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން. ރާއްޖޭގައި މި ހިދުމަތް ވަރަށް ކާމިޔާބު ކަމާއެކު ދެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ޑިލަން ވިދާޅުވީ އެ ބޭންކުން ވެސް ވިޔަފާރިތަކަށް ލޯނާއި އޯވާ ޑްރާފްޓް ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގެ އިންޓަރެސްޓް ރޭޓާއި ފީތަކަކީ ވެސް އެހެން ބޭންކުތަކާ ވާދަކުރެވޭނެ ރޭޓްތަކަކަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރޭޓްތަކާއި ފީތައް ބޭންކުގެ ވެބްސައިޓް ލޯންޗްކުރުމާއެކު ލިބެން ހުންނާނެ. މިއީ ވަރަށް ވާދަވެރި މާހައުލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އަޅުގަނޑުމެން ހިދުމަތް މިފަށަނީ،" ޑިލަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކުގެ ޑިޕޮޒިޓް އިތުރުވަމުންދާ މިންވަރަކަށް ބަލާފައި ދިގު މުއްދަތުގެ ލޯނުތައް ވެސް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޭންކުން ކުރިން ބުނެފައި ވަނީ ޕާސަނަލް ބޭންކިން އާއި ކޯޕަރޭޓް ބޭންކިންގެ އިތުރުން ރާއްޖޭގެ ތަފާތު އެކި ވައްތަރުގެ ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސޭވިން އަދި ކަރަންޓް އެކައުންޓްގެ ހިދުމަތާއި ފިކްސްޑް ޑިޕޮސިޓާއި ޕާސަނަލް ލޯނާއި ހައުސިން ލޯން، ކްރެޑިޓް ކާޑް، އޯވަ ޑްރާފްޓް، ކޮމާޝަލް ލޯން، ޓްރޭޑް ފައިނޭންސިން ސާވިސަސްގެ އިތުރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ރެމިޓެންސް އަދި ބޭރު ފައިސާގެ މުއާމަލާތްކުރުން ވެސް ހިމެނޭނެ ކަމަށް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.
ސީބީއެމްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާވާއިރު 55 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ލަންކާގެ ކޮމާޝަލް ބޭންކުންނެވެ.
އެ ބޭންކުން ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ އަށް އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ބޭންކުގެ ގޮތްޕެއް 2003 އިން ފެށިގެން ބަންގްލަދޭޝްގައި އަދި މިދިޔަ އަހަރުގެ ޖޫން މަހު ވަނީ މިޔަންމާގައި ރެޕްރެޒެންޓޭޓިވް އޮފީހެއް ހިންގަމުންނެވެ. ރާއްޖޭގައި މިވަގުތު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން ލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހަބީބް ބޭންކް، އެޗްއެސްބީސީ، މޮރިޝަސް ކޮމާޝަލް ބޭންކެވެ. ކޮމާޝަލް ބޭންކުން މިދިޔަ އަހަރު ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަށާނީ އެއް ބްރާންޗުން ކަމަށާއި އެކަމަކު ފަސް އަހަރު ތެރޭގައި ތިން ބްރާންޗް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް މުހިންމު ތަންތަނުގެ ދިނުމުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުންކުރެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ކުރާނެ ކަމަށް ވެސް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.
ބޭންކިން ދާއިރާގެ އިތުބާރު ދަމަހައްޓަން ޖެހޭ: އަޒީމާ
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ހުޅުމާލޭގެ އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބޭންކްތަކުގައި ރައްކާކުރާ ފައިސާ މަދުވެއްޖެ
ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އަލުން އެދޭނަން: އަމްރު
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސަންސެއް ނުދިން
ބަދަލު ގެނައީ ގާބިލު މީހުން ނުލިބޭތީ: އެމްއެމްއޭ
ބޭންކުތަކުގެބޯޑުން ސިޔާސީ މީހުންނަށް ފުރުސަތު ބޮޑުކޮށްފި