Roadha Mihaaru
ތުހުމަތުތަކެއްކޮށް ރޮބަޓް ޑި ނީރޯ އަށް ދައުވާކޮށްފި

ބޮޑެތި ތުހުމަތުތަކެއް ކޮށް ރޮބަޓް ޑި ނީރޯ އަށް ދައުވާކޮށްފި

05 އޮކްޓޯބަރ 2019

އަންހެނަކަށްވީތީ ތަފާތުކުރުންތައް ގެންގުޅެ، ޖިންސީ ފުރައްސާރަ ވެސް ކޮށްފައިވާ ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޑި ނީރޯ އަށް އޭނާގެ ކުރީގެ އެހީތެރިޔަކު ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނަކަށްވީތީ ތަފާތުކުރުންތައް ގެންގުޅެ، ޖިންސީ ފުރައްސާރަ ވެސް ކޮށްފައިވާ ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޑި ނީރޯ އަށް އޭނާގެ ކުރީގެ އެހީތެރިޔަކު ދައުވާކޮށްފި އެވެ.

އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 76 އަހަރުގެ އެކްޓަރުގެ އަތުން 12 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދޭން އެ ދައުވާގައި އެދިފައިވެ އެވެ.

ގްރަހަމް ޗޭޒް ރޮބިންސަން ބުނިގޮތުގައި ޑި ނީރޯއާ އެކު އޭނާ މަސައްކަތްކުރި ދުވަސްވަތަކަކީ ވަރަށް އުނދަގޫ އަދި ވަރަށް ހާލުގައި އުޅެން ޖެހުނު ދުވަސްތަކެކެވެ. އަދި އޭނާ އަކީ ބަސްމަގު ވެސް ވަރަށް ހުތުރު ހަރުކަށި މީހެއް ކަމަށާއި ގަޔަށް އަތްލައި، އެކި ފަހަރުމަތިން ޖިންސީ ވާހަކަތައް ދައްކައިގެން ބެހެން ވެސް އުޅެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ގްރަހަމްގެ މި ދައުވާއާ ގުޅިގެން ޑި ނޯރީގެ ވަކީލު ވިދާޅުވީ ގްރަހަމް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އަންނަ މަހު ރިލީޒްކުރާ "ދި އައިރިޝްމޭން" ގެ ބަތަލު ޑި ނީރޯ އަށް ދައުވާކޮށްފައި މިވަނީ އޭނާގެ ފައިސާ އާއި މަސައްކަތްތަކާ ގުޅޭ ގޮތުން ނާޖާއީޒު މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ ގްރަހަމް އަށް ދައުވާކުރަން މީގެ ހަފުތާއްހާ ދުވަސްކުރިން ޑި ނީރޯ ހުށަހަޅާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހު ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ގްރަހަމްގެ ދައުވާގެ ލިޔުންތަކުގައި އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް، ނީރޯ ދައުވާކުރަން ހުށަހެޅީ ބިރުދެއްކުމުގެ މަގުސަދުގަ އެވެ.