01 އޮކްޓޯބަރ 2019
ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ ބިންގާ، މޭ ޑޭގެ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި ދަރިފުޅުގެ އަތުން އިއްޔެ އަޅައިދީފި އެވެ.
ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ ބިންގާ، މޭ ޑޭގެ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި ދަރިފުޅުގެ އަތުން އިއްޔެ އަޅައިދީފި އެވެ.
ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ވެސް އަބްދުﷲ ރަޝީދުގެ ހުވަފަތް އަނބިމީހާ ޝެހެނާޒު އަބްދުއްރަހީމާއި އަންހެން ދަރިފުޅު އައިޝަތު ރަޝްމާ އެވެ.
އަބްދުﷲ، 51، މަރުވީ މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މޭ ޑޭ ބޮޑު އެއްވުމުގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ވަރަށް ބޮޑަށް ބަލިވެ އެކަށީގެންވާ ފަރުވާ ނުލިބި އެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަނގޮޅިތީމުގައި އަޅާ މި ސެންޓަރުގައި ދެ ގެލަރީ އާއި ކެފޭއެއް ހުންނާނެ އެވެ. ފުރަތަމަ ގެލަރީން، ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ދައްކުވައިދޭ އިރު ދެ ވަނަ ގެލަރީން ފެންނާނީ އަނގޮޅިތީމުގެ ތާރީހު ކަމަށް ސެންޓަރު އެޅުމުގެ މަސައްކަތްކުރާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވި އެވެ.
ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުﷲ ރަޝީދުގެ ދަރިކަނބަލުން (ވ2) އަދި އަނބިކަނބަލުން (ވ3) ބައިވެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އަނގޮޅިތީމުގައި ހުޅުވާ ޓޫރިސްޓް ވިޒިޓާ ސެންޓަރަކީ ރާއްޖޭގެ ރަށްތަކުގެ ސަގާފަތް ދިރުވުމަށް ކުރާ މަސައްކަތްތަކުގެ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްތަކުގައި މީގެ އިތުރު ސެންޓަރުތައް އަޅާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރިއުޅެމުން އައި ގޮތާއި ސަގާފަތް ދިވެހިންނަށް އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންނާނެހެން ހެދުމަކީ އަޅުގަނޑުމެން މި ސަރުކާރުގެ ވަރަށް ބޮޑު އުއްމީދެއް. މިއަދު ބިންގާ އެޅި ސެންޓަރަކީ މިކަމުގެ ފެށުމެއް،" މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.
ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސެންޓަރަކީ ސީއެސްއާރުގެ ދަށުން ބައި މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތަނެއް ކަމަށެވެ. މިތަން އަންނަ އަހަރު ހުޅުވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރުވާލި ރަށަށް އަނގޮޅިތީމު ވުމުން ބައެއް ސަރުކާރުތަކުން އެރަށަށް އިހުމާލުވެފައިވެ އެވެ. ނަމަވެސް މި ސަރުކާރުން އެރަށް އިހުމާލު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެނަށްވެސް އެނގޭނެހެން މި ރަށަކީ ރައީސް ނަޝިދު އަަރުވާލެވުނު ރަށް. އެހެންކަމުން ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މިރަށުގެ ވަރަށް ބޮޑު ރޯލެއް އެބައޮތް. ނަމަވެސް އެމަނިކުފާނު އަރުވާލީތީވެ ބައެއް ސަރުކާރުތަކުން މިރަށަށް އިހުމާލުވި. އަޅުގަނޑުމެން ބޭނުންވަނީ މި ކަންތައް ބަދަލުކުރަން." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ރ. އަނގޮޅިތީމުގައި ބިންގާ އެޅި މި ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު، ކުރީގެ ރައީސް ނަޝީދުގެ އުފަން ދުވަހު އެވެ. އެ ދުވަހު އެ ސެންޓަރު ހުޅުއްވައިދެއްވަނީ އެމަނިކުފާނު ކަމަށް މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ސަގާފީ ޓޫރިޒަމް ކުރިއަރުވަން މަޝްވަރާކޮށްފި
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
"ޓޫރިޒަމް ދިރުވަން ދަތުރުފަތުރުގެ ފަސޭހަކަން މުހިންމު"
މިނިސްޓްރީއަށް ފައިސާ ބަލައިގަންނަން ބޭނުމެއްނޫން: އަލީ
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"