Roadha Mihaaru
ލަންކާގެ ސިޔާސީ އިސްލާހީ ބަދަލުތަކަށް އޮބާމާގެ ތައުރީފް

ލަންކާގެ ސިޔާސީ އިސްލާހީ ބަދަލަށް އޮބާމާގެ ތައުރީފް

22 ސެޕްޓެމްބަރ 2016

ކޮލަމްބޯ (ސެޕްޓެމްބަރު 22) - ސްރީ ލަންކާ އަށް ގެންނަ ސިޔާސީ ބަދަލުތަކަށް ތައުރީފް ކުރައްވާ އެއީ ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 22) - ސްރީ ލަންކާ އަށް ގެންނަ ސިޔާސީ ބަދަލުތަކަށް ތައުރީފް ކުރައްވާ އެއީ ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އދ.ގެ 71 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެން އުޅުއްވާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ޝަރަފުގައި އޮބާމާ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރޭން ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވާ އޮބާމާ ވިދާޅުވީ ސްރީ ލަންކާ އިން ގެންނަ ސިޔާސީ ކޮންމެ ހެޔޮ ބަދަލަކަށް އެމެރިކާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.

ރައީސް ސިރިސޭނާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެފައި ވަނީ ލަންކާ އަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާއެއް ކަމަށާއި ލަންކާ އިން ބޭނުންވި ކޮންމެ އެހީއެއް އެމެރިކާ އިން ފޯރުކޮށްދޭނެ ކަމަށް އޮބާމާ ވިދާޅުވި ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ (ކ) އާ ސިރިސޭނާ އިއްޔެ ބައްދަލު ކުރައްވަނީ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ (ކ) އާ ސިރިސޭނާ އިއްޔެ ބައްދަލު ކުރައްވަނީ.

ސިރިސޭނާ އިއްޔެ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ކެރީ ވެސް ވަނީ ލަންކާގެ އާ ސަރުކާރުން ކުރިއަށް ގެންދާ ބަދަލުތަކަށް އެމެރިކާގެ ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ. އަދި ހަނގުރާމަ އަށް ފަހު ދެބައި މީހުން ސުލްހަ ކުރުމަށް ކުރާ މަސައްކަތްތަކާއި އިގްތިސާދީ އިސްލާހީ ބަދަލުތައް އެމެރިކާ އިން ބަލައިގަންނަ ކަމަށް ކެރީ ވަނީ ވިދާޅުވެފަ އެވެ.

ސިރިސޭނާ އިއްޔެ ވަނީ އދ. ގައި ތަގްރީރު ކުރައްވައިފަ އެވެ. ސިރިސޭނާ ވަނީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށާއި އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަގީރުކަމަކީ ވެސް ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އަންނަ އަހަރަކީ ފަގީރުކަން ނައްތާލުމުގެ އަހަރު ކަމަށް ލަންކާ އިން ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ލަންކާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ސިރިސޭނާ ވަނީ ދެއްވައިފަ އެވެ.