Roadha Mihaaru
ރިލްވާނަށް ފާރަލި މީހާ އަދިވެސް ނުފެނޭ

ރިލްވާނަށް ފާރަލި މީހާ އަދިވެސް ނުފެނޭ

30 ސެޕްޓެމްބަރ 2019

ވަގަށް ނަގައި، މަރާލާފައިވާ ކަމަށް ބެލެވޭ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ފާރަލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ އަދިވެސް ނުފެންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވަގަށް ނަގައި، މަރާލާފައިވާ ކަމަށް ބެލެވޭ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ފާރަލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ އަދިވެސް ނުފެންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މި މަހު 16 ވަނަ ދުވަހު ވަނީ ރިލްވާން މައްސަލައިގައި މީހަކު ހޯދުމަށް ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ މީހާ އޭރުގެ ހުޅުމާލޭ ފެރީ ޓާމިނަލްގެ ސައިކަލް ކިޔޫގައި، ސައިކަލެއް މަތީ އިންނަ އިރު، އެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ ރިލްވާން އެންމެ ފަހުން ފެނުނު ވަގުތަށް ވުރެ ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ކުރިންނެވެ.

އެނގިފައިވާ ގޮތުގައި އެއީ ކާކުކަން ދެނެގަތުމަށް ކޮމިޝަނުން ވަނީ ގިނަ މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ރިލްވާން ދިރިއުޅެމުން އައި ހުޅުމާލެ އަށް ދާން، ފެރީ ޓާމިނަލަށް އޭނާ ވަދެ، ޓިކެޓް ނަގާތަން ފެންނަނީ އޮގަސްޓް، 8، 2014 ދުވަހުގެ ރޭ 12:45 ހާއިރު ޓާމިނަލްގެ ސީސީޓީވީ އަށް ރެކޯޑްކޮށްފައިވާ ވީޑިއޯއަކުންނެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ. ރިލްވާނަށް ފާރަލި މީހާ ސައިކަލްގައި އިންނަ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ އެރޭ 12:21 ގަ އެވެ. އެހެންކަމުން އެއް ގޮތަކީ ރިލްވާނަށް ފާރަލަމުން އެއް ދޯންޏަކަށް އެރުން ނުވަތަ ރިލްވާން އެރި ފެރީގެ ކުރީ ފެރީގައި އޭނާ ހުޅުމާލެ އަށް ދަތުރުކުރުމެވެ.

ރިލްވާނަށް ފާރަލީ ކަމަށް ތުހުމަތު ކުރެވޭ މީހާއާ ބެހޭ ގޮތުން ކޮމިޝަނަށް ލިބިފައި ވަނީ ކިހާ މައުލޫމާތެއް ކަމެއް ނޭނގެ އެވެ. ވީޑިއޯ އާންމުކުރުމުގެ އިތުރުން އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ. ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރިލްވާން ވަގަށް ނަގައިގެން ގޮސް، ދޯންޏަކަށް އަރުވައި އޭނާ ވަނީ މަރާލައިފަ އެވެ. އޭނާ ވަގަށް ނެގުމުގެ ކުރިން ދުރާލާ ބަޔަކު ދިޔައީ އޭނާ އަށް ފާރަލަމުން ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ވެސް ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވެ އެވެ. ރިލްވާންގެ މައްސަލައިގައި މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ ތަންތަން ފާސްކުރަން، ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.