Roadha Mihaaru
ގެއްލުން ކުޑަކުރަން ރަނގަޅީ ރާއްޖޭގެ މޮޑެލް: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރަން އެންމެ ރަނގަޅީ ރާއްޖޭގެ މޮޑެލް: ރައީސް

24 ސެޕްޓެމްބަރ 2019

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖެއިން އަމަލުކުރަމުން އަންނަ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖެއިން އަމަލުކުރަމުން އަންނަ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އަމަލުކުރަން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލްކުރެވޭނެ ފަދަ ވަށައިޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މޮޑެލެއް ކަމަށެވެ.

އެފަދަ މޮޑެލެއް އިހުތިޔާރުކުރުމުގެ ބޭނުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ގުދުރަތީ ވެއްޓާ ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމެވެ. އެހެންވެ އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން އެހެން ގައުމުތަކުން ވެސް ރާއްޖޭގެ މޮޑެލަށް އަމަލުކުރުމަށް ގޮވާލައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް މޮޑެލް އަމާޒުހިފާފައިވަނީ ތިމާވެއްޓާބެހޭ މައިގަނޑު 11 ދާއިރާއަކުން ހާސިލްކުރާނެ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އޭގެތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި އާ އީޖާދުތަކުގެ އެހީ ހޯދުމާއި ދަތުރުފަތުރުން ރަށްތައް ގުޅުވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ވެެސް ހިމެނެ އެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ފާހަގަކުރެއްވި އެވެ.

"މި ޕްލޭނަކީ ދިވެހިންނާ މެދު މި ކުރާ އުއްމީދުތައް. މި ވައުދުތަކަކީ ހަގީގީ އަދި ހާސިލްކުރެވޭނެ ކަންތައްތައް. މި ނާޒުކު ފެނުގެ ނިޒާމަށް ގެއްލުން ނުވާނެހެން ދިރިއުޅޭ، ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރަން އިސްކަންދޭނަން،" ރައީސް ވިދާޅުވި އެވެ.

މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވޭނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލްވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވި ސަމިޓެކެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސަކު އދ. އަށް ވަޑައިގެންފައިވާއިރު އެ ޖަމިއްޔާގެ އާއްމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރުކުރައްވަން ހަމަޖައްސާފައިވަނީ މާދަމާ އެވެ.