Roadha Mihaaru
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހުޅުވާލައިފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ބައެއް ހުޅުވާލައިފި

23 ސެޕްޓެމްބަރ 2019

ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހަައްދު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރޭ ހުޅުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހަައްދު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރޭ ހުޅުވާލައިފި އެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ޗާޓަކާ އެކު އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަދެވޭނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. އެ މީހުންނަށް ވަދެވޭ ސަރަހައްދަކީ މަޖީދީމަގުން ހީނާމާގޭގެ އިރުން އޮންނަ އަބަދަށް ފެހި މަގުން ގޮސް ސަމަން ގޯޅި (ވައަތް ފަރާތުން ފުރަތަމަ ޖެހޭ ގޯޅި)އާ ހަމައަށެވެ. ހީނާ މާގޭ ހުޅަނގުން އޮންނަ ކަރަންކާ މަގުން ވަންނަ ނަމަ ކަޅުހުރާ މަގާ ގުޅޭ ކަންމައްޗާ ހަމައަށެވެ. އޭޑީކޭ ކުރިމަތިން އޮންނަ ވިނަވި ގޯޅިން ގޮސް ރަދުވާނިޔާގެއާ ހިސާބަށެވެ. އަދި އަބަދަށް ފެހި މަގުން މަޖީދިއްޔާ އާ ވީކޮޅުން ވަދެގެން ކަޅުހުރާ މަގާ ހަމައަށެވެ.

އެއްގޮތަކަށް ވެސް ވަނުން މަނާ ސަރަހައްދެއްގެ ގޮތުގައި މިހާރު އޮތީ އަބަދަށްފެހި މަގުން ސަމަން ގޯޅި ކަންމައްޗާ ހިސާބުން ފެށިގެން ގޮސް ކަޅުހުރާ މަގާ ހިސާބަށެވެ. ކަޅުހުރާ މަގު ވެސް ކަނޑައަޅާފައި ވަނީ ނުވަދެވޭ މަގެއްގެ ގޮތުގަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދަށް ވަންނަން އިރުޝާދު ދޭން ފުލުހުން އާއްމުކުރި ޗާޓް

އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދަށް ވަންނަން އިރުޝާދު ދޭން ފުލުހުން އާއްމުކުރި ޗާޓް

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދަށް ވަނުމުގައި މި އުސޫލަށް އަމަލުކަން އެންގީ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ ބޭނުމަށް ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އޮނިގަނޑަށް ގެއްލުންވެފައިވާ އިމާރާތެއް ތަޅައިލުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކުރަން ޖެހޭ ތަހުގީގުތައް ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ރޭ ބުނީ ހުޅުޖެހުމުގެ ހަަމަލާތަކުގެ މައްސަލަތައް ބަލާ ޓީމަކާއި ފޮރެންސިކް ތަހުގީގުތައް ކުރާ ޓީމެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ބޮޑު ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.