Roadha Mihaaru
ގެއްލުންތައް ބަލަން ސިފައިން ޑްރޯން ބޭނުންކޮށްފި

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ޑްރޯންގެ އެހީގައި އެމްއެންޑީއެފުން ބަލައިފި

23 ސެޕްޓެމްބަރ 2019

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަން އެމްއެންޑީއެފުން މިއަދު ޑްރޯން އެއް ބޭނުންކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަން އެމްއެންޑީއެފުން މިއަދު ޑްރޯން އެއް ބޭނުންކޮށްފި އެވެ.

މިއީ މި ފަހުން އަލިފާނުގެ ބޮޑު ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފުން ޑްރޯނެއް ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެ މަގުގެ ބަޔަކާއި އެ މަގާ ޖެހިގެން އޮންނަ ކަޅުހުރާ މަގު ބަންދުކޮށް ސިފައިންނާއި ފުލުހުން އަދިވެސް ދަނީ ފޯރިމަރަމުންނެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން މިއަދު ހަރަކާތްތެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާން ރޯވި ސަރަހައްދުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން މިއަދު ހަރަކާތްތެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެންޑީއެފުން ވަނީ ރޯވި ސަރަހައްދު މަތިން ބެލުމަށް ބައިގަޑި އިރެއް ހާއިރު ވަންދެން ޑްރޯންގެ ބޭނުން ހިފައިފަ އެވެ. އެކަމަކު، އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފުން ޑްރޯންއެއް ބޭނުން ކުރީ އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް ރޫޅާލަން ޖެހޭތީ އެކަން ކުރުމުގެ ކުރިން ބައެއް ދިރާސާތައް ހެދުމަށެވެ.

އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތް އަރިއަޅާލާފައިވާތީ އެ އިމާރާތް ރޫޅާލުމުގެ މަސައްކަތް ސިފައިން ވަނީ ފަށައިފަ އެވެ. ހ. ކީވް ނަމަކަށް ކިޔާ އެ އިމާރާތަކީ ޓިނާއި ދަގަނޑު ހޮޅި ބޭނުންކޮށްގެން ހަދާފައިވާ އިމާރާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހަތް ގެ އަނދައި ހުލިވެފައިވާ އިރު ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ވަނީ ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓަރީވެފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އަރިއަޅާލާފައިވާ ހ. ކީވް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާނުގެ ހާދިސާއާ ގުޅިގެން އަރިއަޅާލާފައިވާ ހ. ކީވް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބުނީ ކީވް އާއި ތިލަފުށީގޭގެ އިތުރުން ފެހި އާބާދާ ޖެހިގެން ދެކުނަށް ހުރި، ގަޒްވިން އާއި އަދޫ އާއި އީރާނުގޭގެ އަދ ރަދުވާނިއާ ގެއަށެވެ. ތިލަފުށި ގެއާ ޖެހިގެން ހުރި މާޓިންގެ އިން ފެށިގެން ގޮސް ހުޅަނގަށް ހުރި އަލްފާ އާ ހަމައަށް ވަނީ އަލިފާނުގެ އަސަރު ކޮށްފަ އެވެ. ތިލަފުށި ގެއާ އަލްފާ ގޭގެ ދެމެދުގައި ހުންނަނީ އަލިފާނުގެ ހާދިސާގައި އަރިއަޅާލި ކީވް އެވެ.

މީގެ އިތުރުން ކަޅުހުރާ މަގުގައި ހަދަމުން ދިޔަ އިމާރާތެއްގެ އޮނިގަނޑު އަރިއަޅާލައި އެހެން އިމާރާތެއްގެ މައްޗަށް ވެއްޓިފައި އޮތް އިރު، އެ ތަން ސިފައިން އެއްކޮށް ވަނީ ސާފުކޮށްފަ އެވެ.

އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ދިރިއުޅޭ މީހަކު ވަނީ މަރުވެފަ އެވެ.