Roadha Mihaaru
"95ޕަސެންޓް މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިފިން"

ރަޖިސްޓްރީވި 95 ޕަސެންޓް މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިފިން: ޑިޒާސްޓަ

22 ސެޕްޓެމްބަރ 2019

ހ. ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ހާދިސާގައި ހާލުގައި ޖެހިގެން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހ. ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ހާދިސާގައި ހާލުގައި ޖެހިގެން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތައް ބަލަހައްޓަމުން އަންނަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިއްޔެ އާއްމުކުރި ގޮތުގައި ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ. މިއަދު ވެސް ގިނަ ބަޔަކު ރަޖިސްޓްރީވެފައިވާތީ މި އަދަދު އިތުރުވުން އެކަށީގެންވެ އެވެ.

އެންޑީއެމްއޭ އިން ބުނީ ރަޖިސްޓްރީވީ މީހުންގެ އަދަދު މިއަދު އާއްމުކުރާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނީ ގެސްޓު ހައުސްތަކުންނެވެ. އެ މީހުން ދިރިއުޅުނު ގެތަކަށް ލިބުނު ގެއްލުންތައް މިހާރު އަންނަނީ ދިރާސާކުރަމުންނެވެ. އޭގެފަހުން، އެ މީހުންނަށް މާލީ އެހީއެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ހަތަރު ގުދަނާއި ހަތް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ ގުދަނުގައި ރޯވި ގޮތެއް އަދި ނޭނގެ އެވެ. އެ ތަހުގީގު ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.