Roadha Mihaaru
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި

ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ފަށަން މައުމޫން އެދިވަޑައިގެންފި

21 ސެޕްޓެމްބަރ 2016

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފެށުމަށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގައި، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފެށުމަށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގައި، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

މައުމޫން އެދިވަޑައިގަތީ، ކައުންސިލް އިންތިހާބުގެ އިންތިޒާމްތައް އިންތިހާބީ ކޮމެޓީއާ ގުޅިގެން ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް މައުމޫން އެދިވަޑައިގެންނެވިއިރު، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް މިހާތަނަކަށް ނުލިބެ އެވެ. ޕާޓީގައި ދެ ފެކްޝަން އުފެދިފައިވާއިރު ކޯޓަށް ވެސް ވަނީ ޕާޓީގެ ބާރުތަކާ ގުޅޭ މައްސަލައެއް ވައްދައިފަ އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އޮފީހުން ޕީޕީއެމްގެ އިދާރީ ގިނަ ކަންކަން ކުރިން ބަލަހައްޓަމުން އައި ނަމަވެސް ޕާޓީ ތެރޭގައި އުފެދުނު މައްސަލަތަކާ ހެދި، އިދާރީ ހުރިހާ ކަމެއް ޕީޕީއެމްގެ އޮފީހުން ކުރިއަށް ގެންދާ ގޮތަށް މިހާރު ވަނީީ ހަމަޖައްސައިފަ އެވެ. އަދި ޕާޓީ ހަރުދަނާކޮށް، އިސްލާހުކުރަން މައުމޫން ވަނީ އިސްލާހީ އެޖެންޑާއެއް ވެސް އެކުލަވާލައިފަ އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ގަ އެވެ. އެ އިންތިހާބަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވައިލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.