Roadha Mihaaru
އަބްސީބެގެ ފުރަތަމަ މެރެތަން ރޭހާއި ދެން ވީގޮތް

އަބްސީބެގެ ފުރަތަމަ މެރެތަން ރޭހާއި ދެން ވީގޮތް

20 ސެޕްޓެމްބަރ 2019

މަދުމަދުން އާއްމުން ބައިވެރިވީ ނަމަވެސް އޭރު މެރެތަން ރޭހެއް ފުރިހަމަކުރުމަކީ ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ސިފައިންނަށް ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އެހެންވިޔަސް ދުވުމަށް ޝައުގުވެރިވާތީ ނުވަދިހައިގެ ކުރީކޮޅުގެ އަހަރެއްގައި އަބްދުއްރަޝީދު (އަބްސީބެ) ވެސް މެރެތަން ރޭހެއްގައި ބައިވެރިވި އެވެ. އެކަމަކު ވީގޮތަކީ ސްޕްރިންޓް ރޭހެއްގައި ދުވެލި ނަގާ ގޮތަށް އޭނާ ދުވަން ފަށައި ވަކިހިސާބަކުން ކުރިއަށްނުގެންދެވި ހުއްޓާލަން ޖެހުނީ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މަދުމަދުން އާއްމުން ބައިވެރިވީ ނަމަވެސް އޭރު މެރެތަން ރޭހެއް ފުރިހަމަކުރުމަކީ ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ސިފައިންނަށް ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އެހެންވިޔަސް ދުވުމަށް ޝައުގުވެރިވާތީ ނުވަދިހައިގެ ކުރީކޮޅުގެ އަހަރެއްގައި އަބްދުއްރަޝީދު (އަބްސީބެ) ވެސް މެރެތަން ރޭހެއްގައި ބައިވެރިވި އެވެ. އެކަމަކު ވީގޮތަކީ ސްޕްރިންޓް ރޭހެއްގައި ދުވެލި ނަގާ ގޮތަށް އޭނާ ދުވަން ފަށައި ވަކިހިސާބަކުން ކުރިއަށްނުގެންދެވި ހުއްޓާލަން ޖެހުނީ އެވެ.

އެހިސާބުން މެރެތަން ރޭހަށް އޭނާ ސަލާމެވެ! އެކަމަކު ދުވުން ހުއްޓައެއް ނުލި އެވެ. މާލެ ވަށައި ގަވާއިދުން ކަސްރަތަށް ދުވަ އެވެ. މެރެތަން ރޭހެއް ޖަހާލުމަކީ އާއްމު މީހަކަށް މާބޮޑު ކަމަކަށް ނުވާ ހިސާބަށް ގޮސް އަދި ރިކްރިއޭޝަނަލް ދުވުންތެރިން އުފެދި ކޯޗުންގެ ތަމްރީން ލިބެން ފަށައި ދުވުން ރަނގަޅަށް ވައިގައި ހިފީ ވެސް އަބްސީބެ، 59، އެގޮތަށް ދުވެލަދުވެލަ ހުއްޓަ އެވެ.

އެކަމަކު އެފަދަ ކޯޗެއްގެ އެހީއެއް އޭނާ ނުހޯދަ އެވެ. އެކަނިމާއެކަނި ދުވެލާފައި ރޭހެއް އޮތިއްޔާ ބައިވެރިވެލަނީ އެވެ. އެފަދަ ރޭސްތަކުން ލައްކަ މެޑަލް އޭނާ އޭނާ އެއްކުރި ނަމަވެސް ޓައިމިންއަކަށް ވިސްނައިގެން ދުވެފައެއް ނުވެ އެވެ. އެހެން ހުއްޓާ ނަސީބު އަތުގައި ހިފީ ދުވާ ސާމާނު ވިއްކާ ފިހާރަ "ދި މެރެތަން ޝޮޕް" ގެ ވެރިންނަށް އޭނާ ފާހަގަކުރެވުމުންނެވެ. އެ އުމުރުގައި ކުރާ ހިތްވަރުގެ އަގުވަޒަންކޮށް އެ ފިހާރައިން އަބްސީބެގެ ކިޓާއި ޓްރެއިނިން ސްޕޮންސާކުރީ އެވެ. އޭނާ އަށް ތަމްރީން ގައުމީ މިޑްލް ޑިސްޓެންސް ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބުޅޯ) ހަމަޖެއްސި އެވެ.

ތަމްރީންތަކާ އެކު އުމުރުން 59 އަހަރުގެ އަބްސީބެގެ ދުވެލި ހަލުވިވެއްޖެ އެވެ. އާ ހިތްވަރެއް ލިބިއްޖެ އެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ދާދި ފަހުން ފުވައްމުލަކުގައި ބޭއްވި މޯލްޑިވްސް ފުވައްމުލައް މެރެތަންގައި ހާފް މެރެތަން ރޭސް 1 ގަޑި 59 މިނެޓުން ނިންމައި ޖުމްލަ 30 ދުވުންތެރިންގެ ތެރެއިން ހަތަރު ވަނަ ހޯދީ އެވެ. އެއީ އޭނާގެ އުމުރާ ބަލާއިރު ވަރަށް ރަނގަޅު ޓައިމިން އެކެވެ.

މިއަދުގެ ރޭހަށް ފަހު ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އާތިފް (ވ) އަބްސީބެއާ އެކު ސެލްފީއެއް ނަގާލަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މިއަދުގެ ރޭހަށް ފަހު ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އާތިފް (ވ) އަބްސީބެއާ އެކު ސެލްފީއެއް ނަގާލަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މިއަދު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 10 ކިލޯމީޓަރު ދުވީ 54:35 މިނެޓުންނެވެ. އެއީ އަދި މާ ރަނގަޅު ޓައިމިން އެކެވެ. ފާހާނާ އަށް ވެއްޓި ހާނިއްކައެއްވެ ދާދި ފަހުންވެ ޓްރެއިނިން މެދުނުކެނޑުނު ނަމަ 48 މިނެޓުން ދުވީސް ކަމަށް އޭނާ ބުންޏެވެ.

"ނުދުވާ ހަނދާނެއް ނުހުރޭ. އެކަމަކު ކުރިން ދުވަނީ ވަކި އުސޫލަކުން ނޫން. ފަތިހު ހޭލައިގެން ގޮސް ދުވެލަނީ. އެކަމަކު މިހާރު ހުރިހާ ކަމެއް ވަރަށް ތަފާތު،" ފިނޭންސް މިނިސްޓްރީގައި ވަޒީފާއަދާކުރާ އަބްސީބެ ބުންޏެވެ.

"ކޯޗެއްގެ އެހީއާ އެކު ދޮޅު މަސް ދުވަސްތެރޭގައި ވަރަށް ކުރިއެރުން ލިބިއްޖެ."

ކޯޗު އަބުޅޯ ވެސް ބުނި ގޮތުގައި ކަސްރަތަށް ދުވިޔަސް ރަނގަޅު ޕްރޮގްރާމެއްގެ ދަށުން ދުވުން ވަރަށް މުހިއްމެވެ. ސްޓްރެޗިން ހެދުމެއް ނެތި އަދި މަސްތަކުގައި ބާރު ޖައްސާ ކަސްރަތުތައް ނުކޮށް ހަމަ ދުވެލާ ނަމަ ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެ ހުއްޓާލަން ޖެހޭ ފަހަރު އަންނަ ކަމަށް އަބުޅޯ ބުންޏެވެ.

"ދެން އަނެއްކާ ވެސް ތަދު ފިލީމާ ދުވަން ނުކުންނަނީ. ތަމްރީން ބޭނުންވާނީ ހަމައެކަނި މަތީ ފަންތީގެ ދުވުންތެރިންކަށް ނޫން. ކޮންމެ އުމުރެއްގައި ވެސް، ކޮންމެ އަމާޒެއް އޮތަސް ކޯޗެއްގެ އެހީ ހޯދުން ވަރަށް މުހިއްމު،" އަބުޅޯ ބުންޏެވެ.

މިހާތަނަށް އެކަނިމާއެކަނި އެހެން ދުވެލިޔަސް އަބްސީބެ އަކީ "ސީނިއާ ދުވުންތެރިޔެ"ކެވެ. އޭނާ އަށް ޒުވާނުން ވަރަށް އިހުތިރާމްކުރެ އެވެ. ސަމާސާކުރެ އެވެ. ކިޔައިދެ އެވެ. އެހީވެދެ އެވެ. ހިތްވަރުދެ އެވެ. މިއަދުގެ ރޭހަށް ވެސް ފަހު ވަރަށް ގިނަ ދުވުންތެރިން އޭނާއާ އެކު ފޮޓޯ ނަގައި ހެދި އެވެ. އެފަދަ ވަރަށް ގިނަ ރިކްރިއޭޝަނަލް ދުވުންތެރިން ބޭރު މަގަށް ނުވަތަ ޓްރެކަށް އަލަށް ދުވަން ނުކުތްއިރު ވެސް އަބްސީބެ ފެންނާނެ އެވެ. މިހާރު އަބްސީބެ އެވަނީ އެ ދުވުންތެރިންގެ އުސޫލުން ދުވުމުގެ ކަންތައްތައް ބަދަލުކޮށްލައިފަ އެވެ. އެހެންވެ މިއީ އެއްކަލަ ފުރިހަމަނުކުރެވުނު މެރެތަން ދުވެލަން ކިހާ ރަނގަޅު ދަނޑިވަޅެއް ހެއްޔެވެ؟

"އެއީ މިހާރު އަމާޒަކީ. މި އަހަރު ނޮވެމްބަރު މަހު 60 އަހަރުވާއިރު މެރެތަނެއް ޖަހަން ވަރަށް ބޭނުން. އެކަމަށް ތައްޔާރުވަމުން މި އަންނަނީ ވެސް،" އޭނާ ބުނެލި އެވެ.