Roadha Mihaaru
ރިޒޭ އާއި ސެންޓޭގެ ޖޫރިމަނާ އީގަލްސް އިން ދައްކައިިފި

ރިޒޭ އާއި ސެންޓޭ އަށް ކުޅެވޭނެ، ޖޫރިމަނާ ދެއްކީ އީގަލްސް އިން

18 ސެޕްޓެމްބަރ 2019

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުން އެފްއޭއެމުން ޖޫރިމަނާކުރި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ގެ ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް ކްލަބުން ދައްކައިދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުން އެފްއޭއެމުން ޖޫރިމަނާކުރި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ގެ ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް ކްލަބުން ދައްކައިދީފި އެވެ.

އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު ރިޒޭ އާއި ސެންޓޭ ޖޫރިމަނާކުރީ ކޮންމެ ކުޅުންތެރިޔަކު 50،000ރ ގެ މަގުންނެވެ. އަދި އެ ފައިސާ ނުދައްކައި އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އީގަލްސް އިން އެ ފައިސާ ދެއްކުމުން އެ ކުޅުންތެރިންނަށް ދިރާގު ދިވެހި ޕްރިމިއާ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެވޭނެ އެވެ.

އީގަލްސް އިން "މިހާރު" އަށް ބުނީ ސެންޓޭ އާއި ރިޒޭގެ ޖޫރިމަނާ ފައިސާ ކްލަބުން ދައްކައިދީފައިވާ ކަމަށާއި އެ ފައިސާ ދައްކައިދިނީ ކުޅުންތެރިން މުސާރައިން ކެނޑޭ ގޮތަށް ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗަށް އީގަލްސް އިން ތައްޔާރުވަނީ ސެންޓޭ އާއި ރިޒޭ ހިމަނައިގެން ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.

"ނުކުޅެވޭ ކަހަލަ ގޮތެއް ނެތް. ފައިސާ ދައްކައިފިއްޔާ ކުޅެވޭ ގޮތަށް އޮތީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ. ދެން އެބައި އެއީ މެނޭޖްމަންޓާ ކުޅުންތެރިން ވާހަކަ ދައްކައިގެން ކުރިއަށްދާނެ. އެއީ އަޅުގަނޑުގެ ދާއިރާއިން ބޭރުގައި އޮތް ކަމެއް ފައިސާގެ ކަންކަމަކީ. މެނޭޖްމަންޓުން އަޅުގަނޑަށް މައުލޫމާތު ދެނީ އެ ދެ ކުޅުންތެރިން އެވެއިލެބަލް ކަމަށް،" މޯހަން ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ސީނިއާ ގައުމީ ޓީމުގައި އީގަލްސްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނުއިރު، މިހާރު ނޭޕާލުގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ސުޒުކީ ކަޕަށް ގޮސް ތިބި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ވެސް އީގަލްސް އަށް ނިސްބަތްވާ 10 އަކަށް ވުރެ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

މޯހަން ބުނީ ޒުވާން ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަށް މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ޓްރެއިނިން ކޭމްޕަކާއި އެކުވެރިކަމުގެ މެޗުތަކަކާއި ބައިނަލްއަގްވާމީ މެޗުތަކެއް ލިބުމަކީ އެ ކުޅުންތެރިންގެ ކުރިމަގަށް ކުރާނެ ފައިދާއެއް ކަމަށެވެ.

"އެހެންވެ އަޅުގަނޑު އޭގެން އެއްވެސް ކުޅުންތެރިޔަކު ހިފަހައްޓަން ބޭނުން ނުވީ. ޖުމްލަކޮށް އެ ކުޅުންތެރިންނަށް މިކޮޅަށް ވުރެ އެކޮޅުން ލިބޭ ތަޖުރިބާ ބޮޑުވާނެ،" ކުރިން ޒުވާން ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުގައި ވެސް މަސައްކަތްކުރި މޯހަން ބުންޏެވެ.

މޯހަން ބުނީ ބްރޭކުގެ ތެރޭގައި ޓީމުގެ ތައްޔާރީތައް ދިޔަ ގޮތާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ތިބި މަދު ކުޅުންތެރިންނާ އެކީގައި ވަރަށް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު ކަންބޮޑުވުމަކީ ބޭނުންވި ވަރަށް ޕްރެކްޓިސް މެޗު ކުޅެލަން ނުލިބުން ކަމަށް އޭނާ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ގައުމީ ކުޅުނު މެޗުގައި އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ ފިޓްވާނެ ދުވަހެއް އަދި ނޭގެ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އީގަލްސް މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ދެ ވަަނަ އަށް އެރޭނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.