Roadha Mihaaru
އައްޑޫން މާދަމާ 7 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

ކޭބަލް ނެޓްވޯކްގެ މަރާމާތަކަށް އައްޑޫން މާދަމާ 7 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

13 ސެޕްޓެމްބަރ 2019

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޑިސްޓްރިބިއުޝަންޓް ނެޓްވޯކްގެ މަރާމާތަށް މާދަމާ ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޑިސްޓްރިބިއުޝަންޓް ނެޓްވޯކްގެ މަރާމާތަށް މާދަމާ ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.

މިކަން އަންގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ެ2ތަކަށް ފޮނުވި ނޯޓިއްގައި ބުނީ ކޭބަލް ނެޓްވޯކަށް ދިމާވި މައްސަލައެއް ހައްލުކުރަން ކަރަންޓް ކަނޑާލަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އެކަމަކު ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ކުރިމަތިނުވެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ ހަތް ގަޑިއިރަށް ވުރެ ކުރިން ވެސް ކަރަންޓް ދެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.

"އަދި ކަރަންޓް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ތިޔަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާދަށް އެދެން،" ފެނަކަގެ ނޯޓިކްގައި ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓްދޭ މަރުކަޒީ އިންޖީނުގެ ގޭގެ ޑިސްޓްރިބިއުޝަން ނެޓްވޯކަށް މައްސަލަ ޖެހިގެން މި މަހުގެ 8 ވަނަ ދުވަހު އައްޑޫގެ އާބާދީގެ ބޮޑުބައި ވަނީ ކަރަންޓާ ނުލައި އަށް ގަޑިއެއްހާ އިރު ހޭދަކޮށްފަ އެވެ.

މިކަމާ ގުޅިގެން ފެނަކަ އިން ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފެނަކަ އިން ބުނިގޮތުގައި އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި އާ ޖެނެރޭޓަރުތަކެއް ހޯދަން ބީލަމަށް ލާން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލުނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ފޮސްފައިވާ މައްސަލައެކެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ވެސް ގިނަ އެވެ.

ކަރަންޓް މައްސަލައެއް އެދެވޭ ހައްލެއް ހޯދައި ދެވޭތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ބައެއް މެމްބަރުން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މީދޫގެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ފެނަކަގެ އެމްޑީއާ ބައްދަލުކުުރެއްވުމަށް ފަހު، އޭގެ ބައެއް ތަފުސީލުތައް ފޭސްބުކްގައި ވެސް ހިއްސާކުރައްވައިފަ އެވެ.