Roadha Mihaaru
އައްޑޫން ކަރަންޓް ކަނޑާތީ ކަންބޮޑުވުންތަކެއް

އައްޑޫން ކަރަންޓް ކަނޑާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި

04 އޮކްޓޯބަރ 2017

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަކަށް މައްސަލަތައް ޖެހިގެން ދުވާލާއި ރޭގަނޑު ވެސް މިހާރު ކަރަންޓު ކަނޑަން ފަށާފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަކަށް މައްސަލަތައް ޖެހިގެން ދުވާލާއި ރޭގަނޑު ވެސް މިހާރު ކަރަންޓު ކަނޑަން ފަށާފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިންޖީނެއްގެ މައްސަލަ ޖެހިގެން ދުވާލުގެ އެކި ވަގުތުތަކުގައި އަވަށްތަކުގެ އެކި ހިސާބުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންދާތާ ހަފުތާއެއް ވާން ކައިރިވެފައި ވަނިކޮށް، ރެއިން ފެށިގެން ވަނީ ރޭގަނޑު ވެސް ކަރަންޓް ކަނޑަން ފަށައިފަ އެވެ.

ރޭ ކަރަންޓް ކަނޑަން ފެށުމާ ގުޅިގެން، ފެނަކަ އިން ގޭބިސީތަކަށް ފޮނުވި ނޯޓިހެއްގައި ބުނީ ތިން އިންޖީނަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އެކަން ހައްލު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމެންދެން ރޭގަނޑާއި ދުވާލުގެ އެކި ގަޑިތަކުގައި އެއްގަޑިއިރަށް ކަރަންޓު ކަނޑާނެ ކަމަށް ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސޮއި ކުރައްވައި ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މައްސަލަތައް ޖެހުނު ޖަނަރޭޓަރުތައް މަރާމާތުކޮށް، އަވަސް ހައްލެއް ގެންނަން އިންޖިނިއަރުންގެ ޓީމަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކަރަންޓްގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާ ވެސް މަދުން ބޭނުން ކުރެއްވުމާއި ކަރަންޓް ބޭނުން ކުރާ މިންވަރު ވީހާ ވެސް މަދު ކުރެއްވުމަށް މި ކުންފުނީގެ ފަރާތުން އިލްތިމާސް ކުރަމެވެ." ބަޔާނުގައި ބުންޏެވެ.

އިންޖީނުތަކަށް މައްސަލަ ޖެހިގެން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑުމަކީ ހައްލު ނުވެ ދިގުލައިގެން ގޮސްފައި އޮތް އާންމު މައްސަލައެކެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި އައްޑޫ ކަރަންޓަށް ދާއިމީ ހައްލެއް ލިބޭނީ އަލަށް ގެނެސްފައި ހުރި ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުންނެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން އެންމެ ފުރަތަމަ ގެނައި ދެ މެގަ ވޮޓްގެ ދެ އިންޖީނު އިންސްޓޯލް ކުރަން ތައްޔާރުވަމުން އަންނަނިކޮށް 2015 ވަނަ އަހަރު މިނިވަން 50 އާ ދިމާކޮށް އެ އިންޖީނުތައް ވަނީ މާލެ ގެންގޮސްގަ އެވެ. އޭގެ ފަހުން އާ ދެ އިންޖީނު އައްޑު އަށް ގެނައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.