Roadha Mihaaru
ދިރާގު ރޯޑްރޭހުގެ މެޑަލްތައް ދައްކާލައިފި

ދިރާގު ރޯޑްރޭހުގެ މެޑަލްތައް ދައްކާލައިފި

12 ސެޕްޓެމްބަރ 2019

މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑްރޭސް ނިންމާ ބައިވެރިންނަށްދޭ ފިނިޝާ މެޑަލް ދައްކާލައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑްރޭސް ނިންމާ ބައިވެރިންނަށްދޭ ފިނިޝާ މެޑަލް ދައްކާލައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ލޯންޗްކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ބައިވެރިވަޑައިގެންނެވި އެވެ.

ދިރާގުން ކޮންމެ އަހަރެއްގެ ރޭހަށް ވެސް ހާއްސަ މެޑެއްޔެއް ތައާރަފްކުރެ އެވެ. މި ފަހަރު ވެސް ފަސް ކިލޯމީޓަރު ދުވުމުގެ ރޭހާއި 10 ކިލޯމީޓަރު ދުވުމުގެ ރޭހަށް ވަކި މެޑެއްޔެއް ދެ އެވެ. އަދި މި ފަހަރު ދެ ރޭސް ދެ ވަގުތެއްގައި އޮތުމުން ދެ ރޭހުގައި ވެސް ބައިވެރިވެ ދެ މެޑަލް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް އޮންނާނެ އެވެ.

ރިކްރިއޭޝަނަލް މިފަދަ ރޭސްތަކުގައި ދޭ މެޑެއްޔަށް އަބަދުވެސް ބައިވެރިން ވަރަށް ޝައުގުވެރިވެ އެވެ. ސަބަބަކީ މިއީ އަމިއްލަ ނަފްސަށް ޗެލެންޖްދީ ކާމިޔާބާކުރާ ކުރުމަކުން ލިބޭ އެއްޗަކަށްވެފައި އަދި މިއީ އާއްމުންނަށް ކުޅިވަރުގެ ތެރެއިން ކާމިޔާބު ހޯދައި ފަހަށް ރައްކާކޮށްލަން ލިބޭ ހަނދާނަށް ވުމެވެ. ދިރާގުގެ މެޑަލުން ވެސް ރަމްޒުކޮށްދެނީ ދުވުންތެރިޔާ ހޯދާ ކާމިޔާބީ އާއި ޝަރަފެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ ރޭހުގެ އެންމެ ހާއްސަ ކަމަކީ ފަސް ކިލޯމީޓަރު ދުވުމާއި 10 ކިލޯމީޓަރު ދެ ވަގުތެއްގައި އޮތުމެވެ. އެގޮތުން ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބޭނެ އެވެ. މާނައަކީ ސީރިއަސްކޮށް ދުވާ ދުވުންތެރިން ޓައިމިން އަށް ބަލައިގެން ހެނދުނު 10 ކިލޯމީޓަރު ދުވެލާފައި ހަވީރު އާއިލާއާ އެކު ފަން ރަންއެއްގެ ގޮތުގައި ހަވީރު ފަސް ކިލޯމީޓަރު ވެސް ދުވުމުގެ ފުރުސަތު އޮތުމެވެ.

މިއަހަރުގެ ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ރޭހުގެ ރަޖިސްޓްރޭޝަނަށް ކޮންމެ ބައިވެރިޔަކު ދައްކާ 100ރ. އާއި ޑޮނޭޝަންގެ ގޮތުގައި އިތުރަށް ދޭ ފައިސާ ހަދިޔާކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ. މި ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000ރ. ހަދިޔާކޮށްފަ އެވެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000ރ. ގެ ފައިސާގެ އިނާމެވެ.