Roadha Mihaaru
ދިރާގު ރޯޑްރޭހަށް ރަޖިސްޓަރީވުމުގެ ފަހު ދުވަކީ އަންގާރަ

ދިރާގު ރޯޑް ރޭހަށް ރަޖިސްޓަރީ ވުމުގެ މުއްދަތު މި މަހުގެ 10 އަށް ހަމަވާނެ

04 ސެޕްޓެމްބަރ 2024

ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ މި ދުވުމުގައި ބައިވެރިވުމަށް ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ. މި ދުވުމުގައި ރަޖިސްޓްރޭޝަނަށް ފީ އެއް ނަގާނެ އެވެ. ކޮންމެ ރަޖިސްޓްރޭޝަން ފީއަކުން 100ރ. އާއި ސްޕެޝަލް ބިބްތަކުގެ ފައިސާ މި ދުވުމުގައި ބައިވެރިވާ ޖައްމިއްޔާތަކަށް ހަދިޔާ ކުރާނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރާ އެކު ބާއްވާ ދުވުމުގައި މި އަހަރު އާ ކެޓަގަރީއެއް ވެސް ހިމެނެ އެވެ. އެއީ އޮފީސް/ރިސޯޓު 5ކޭ ކެޓަގަރީ އެވެ. މި ކެޓަގަރީގައި އޮފީސްތަކާއި ރިސޯޓުތަކުން މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ.

އޮފީސް/ރިސޯޓު ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތަށް ބަލައިފަ އެވެ. ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނިޓުގެ ތެރޭގައި ރޭސް ނިންމަން ޖެހެ އެވެ. މި ދުވުމުގައި މިދިޔަ އަހަރު ތައާރަފްކުރި ހާފް މެރަތަން ވެސް އޮންނާނެ އެވެ. މި ދުވުމުގެ ކޮންމެ ކެޓަގަރީއަކުން އަންހެން އެންމެ މޮޅު ތިން ދުވުންތެރިންނާއި ފިރިހެން އެންމެ މޮޅު ދުވުންތެރިން ހޮވާނެ އެވެ. މި ދުވުމުގެ ހާފް މެރަތަންގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 15،000ރ. ހުށަހަޅަފައި ވާއިރު ތިން ވަނަ އިނާމަކީ 10،000ރ. އެވެ.

މި ދުވުމުގެ 10ކޭ އަދި 5ކޭ އޯޕަން ކެޓަގަރީގެ އެއް ވަނަ އަށް ހުށަ ހަޅާފައިވަނީ 10،000ރ. އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. ތިން ވަނަ އިނާމަކީ 6000ރ. އެވެ. މި ދުވުމުގެ ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ އިނާމަކީ 5،000ރ. އެވެ. މި ކެޓަގަރީތަކުގެ ދެ ވަނަ އަށް 3،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 1،000ރ. އެވެ. އަލަށް ހުޅުވި ރިސޯޓު/އޮފީސް ޓީމުތަކުގެ ޗެމްޕިއަން ޓީމަށް ދެނީ 10،000ރ. އެވެ. ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. އަދި ސެކަންޑް ރަނާއަޕްއަކަށް ދޭނީ 6،000ރ. އެވެ.

މިއީ ދިރާގުން މި ދުވުން ބާއްވާ 15 ވަނަ އަހަރެވެ. އެ ހަރަކާތް ފެށީ 2007 ގަ އެވެ.