Roadha Mihaaru
ރެކޯޑަށް ވުރެ އަވަހަށް ދުވެ ފަޒީލާއި މަރީ ފަސް ކިލޯމީޓަރު ރޭސް ކާމިޔާބުކޮށްފި

ރެކޯޑަށް ވުރެ އަވަހަށް ދުވެ ފަޒީލާއި މަރީ ފަސް ކިލޯމީޓަރު ރޭސް ކާމިޔާބުކޮށްފި

20 ސެޕްޓެމްބަރ 2019

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 10 ކިލޯމީޓަރު ދުވުން މިއަދު ހެނދުނު ކާމިޔާބުކުރި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ރެކޯޑް ޓައިމިންއަކާ އެކު ފަސް ކިލޯމީޓަރުގެ ފިރިހެނުންގެ ރޭސް މިއަދު ހަވީރު ކާމިޔާބުކުރިއިރު، މަރިޔަމް އަބްދުލްކަރީމް (މަރީ) ވެސް ރެކޯޑް ޓައިމިންއަކާ އެކު އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 10 ކިލޯމީޓަރު ދުވުން މިއަދު ހެނދުނު ކާމިޔާބުކުރި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ރެކޯޑް ޓައިމިންއަކާ އެކު ފަސް ކިލޯމީޓަރުގެ ފިރިހެނުންގެ ރޭސް މިއަދު ހަވީރު ކާމިޔާބުކުރިއިރު، މަރިޔަމް އަބްދުލްކަރީމް (މަރީ) ވެސް ރެކޯޑް ޓައިމިންއަކާ އެކު އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައިފި އެވެ.

ރެކޯޑް ކަށަވަރުވާނީ އެ އިވެންޓަކަށް ކަނޑައަޅާ ޓެކްނިކަލް އޮފިޝަލަކު ދޭ (ރޫޓާއި ޓައިމިން ހިމެނޭ) ރިޕޯޓަށް ބެލުމަށް ފަހު އެވެ. އެގޮތުން މުބާރާތުގެ ލެވެލަށް ބަލާފައި ޓެކްނިކަލް އޮފިޝަލުން ކަނޑައަޅާނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް)، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނުން ނުވަތަ އެ ގައުމެއްގެ އެތުލެޓިކްސް އެސޯސިއޭޝަނަކުންނެވެ. އަދި ފެޑެރޭޝަނުން ނުވަތަ އެސޯސިއޭޝަނުން ރޭހަކަށް އޮފިޝަލަކު ފޮނުވާނީ އިންތިޒާމްކުރާ ފަރާތުން އެކަމަށް އެދިއްޖެ ނަމަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހު މޮރޮކޯގައި 15:50 މިނެޓުން ދުވެގެން ހެދި ރެކޯޑަށް ވުރެ އަވަހަށް ފަޒީލް މިއަދު ބޯވާރޭގެ ތެރޭގައި ރޭސް ނިންމީ 15:47 މިނެޓުން ދުވެގެންނެވެ. ފަޒީލް 27 އަހަރަށް ފަހު 2016 ވަނަ އަހަރުގެ ދިރާގު ރޭހުގައި މުގުރާލި ފަސް ކިލޯމީޓަރުގެ ރެކޯޑް ޖެހިގެން އައި ޝިފާޒް މުހައްމަދު ހަމަ އެ ރޭހުގައި މުގުރާލާފައިވެ އެވެ. ފަޒީލް ދެ ވަނަ ފަހަރަށް އެ ރެކޯޑް އާކުރީ މިދިޔަ އަހަރު މޮރޮކޯގަ އެވެ.

ފަޒީލް މިއަދު ފަސް ކިލޯމީޓަރު ކާމިޔާބުކުރުމާ އެކު ވެފައިވަނީ ދިރާގު ރޭހެއްގައި ދެ އިވެންޓުން އެއް ވަނަ ހޯދި ފުރަތަމަ ދުވުންތެރިޔާ އަށެވެ. މިއީ ދެ އިވެންޓް ދެ ވަގުތެއްގައި ބޭއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަނެއްކޮޅުން ފަޒީލް ވަނީ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ޓްރެކް އިވެންޓްތައް ކަމަށްވާ 10000 މީޓަރާއި 5000 މީޓަރު ދުވުމުން މީގެ ދެ ހަފުތާ ކުރިން ގައުމީ މުބާރާތުގައި އެއް ވަނަ ހޯދައިފަ އެވެ. އެހެންވެ އަންނަ މަހު އޮންނަ ނެޝަނަލް ގްރޯން ޕްރީއާ އޭނާ ކުރިމަތިލާނީ އެ ދެ އިވެންޓުގެ ޓްރެކް އަދި ރޯޑް ޗެމްޕިއަންގެ ގޮތުގަ އެވެ.

ފަޒީލުގެ ފަހަތުން މިއަދު ދެ ވަނަ ހޯދީ 16:28 މިނެޓުން ދުވި މުހައްމަދު ރަޝީދު (މޯޑް) އެވެ. އަދި ތިން ވަނަ އަކީ ޝިފާޒެވެ. މިއަދު ހެނދުނު 10 ކިލޯމީޓަރު ރޭހުގައި މިލި ސިކުންތެއްގެ ފަރަގުން ޝިފާޒްގެ މައްޗަށް ކުރި މޯޑް ކުރި ހޯދި ނަމަވެސް މިއަދު އޭނާ ދެ ވަނަ ހޯދީ އެއަށް ވުރެ ތަފާތު ބޮޑުކޮށެވެ. ޝިފާޒް ތިން ވަނަ އަށް ދިޔައީ 16:34 މިނެޓުން ދުވެގެންނެވެ. މޯޑް މިއަދު ހެނދުނާއި ހަވީރު ދުވީ ނޭޕާލުގައި ބޭއްވި ޓްރައި މެރެތަން މުބާރާތެއްގައި ސިފައިންގެ ޓީމު ތަމްސީލްކުރުމަށް ފަހު ރޭ އެނބުރި އައިހެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރު ރޭހުގައި މަރީ ދުވީ މިދިޔަ އަހަރުގެ މި ރޭހުގައި އޭނާ 20:47 މިނެޓުން ދުވެ ހެދި ގައުމީ ރެކޯޑުގެ ޓައިމިން އަށް ވުރެ އަވަހަށް، 20:14 މިނެޓުންނެވެ. ރޭހުގެ ދެ ވަނަ އަށް ދިޔައީ މިއަދު ހެނދުނު 10 ކިލޯމީޓަރުގެ ރޭހުން އަދި ދާދި ފަހުން ގައުމީ މުބާރާތުގެ 1500 މީޓަރު ދުވުމުން މަރީ ބަލިކުރި ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒެވެ. އޭނާގެ ޓައިމިން އަކީ 21:34 މިނެޓެވެ. ރޭހުގެ ތިން ވަނަ އަކީ 24:09 މިނެޓެވެ.

މި އިވެންޓުގެ އެންމެ ވާދަވެރި އެއް ކެޓަގަރީ ކަމަށްވާ 45 އަހަރުން މަތީގެ ބައި މިދިޔަ ދެ އަހަރު ކާމިޔާބުކުރި އިބްރާހިމް ނައީމް (އިބާ) ބަލިކޮށް އެއް ވަނަ ހޯދީ 18:50 މިނެޓުން ދުވި އަހުމަދު ޖަވާދެވެ. އިބާގެ ޓައިމިން އަކީ 19:28 މިނެޓެވެ. ނިމިގެން ދިޔަ ގައުމީ މުބާރާތުގެ 5000 މީޓަރާއި 1000 މީޓަރުގެ މައި އިވެންޓުން ޖަވާދު ތިން ވަނަ ހޯދުމާ އެކު އޭނާ ދިރާގު ރޭސް ކާމިޔާބުކުރާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކުރެވިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓް މިއަދު ކާމިޔާބު ކަމާ އެކު ނިންމާލީ 4320 ބައިވެރިންނާ އެކު އެވެ. ހެނދުނު 10 ކިލޯމީޓަރު ރޭހުގައި 617 ބައިވެރިން ދުވިއިރު ފަސް ކިލޯމީޓަރުގައި 3703 މީހުން ދުވި އެވެ.