Roadha Mihaaru
ފުރަތަމަ މެޗުތަކުން ރާއްޖޭގެ ޓީމުތައް ބަލިވެއްޖެ

ފުރަތަމަ މެޗުތަކުން ރާއްޖޭގެ ޓީމުތައް ބަލިވެއްޖެ

07 ސެޕްޓެމްބަރ 2019

އިއްޔެ މާލޭގައި ފެށި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީމުތައް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

އިއްޔެ މާލޭގައި ފެށި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީމުތައް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

ފަނަރަ ގައުމަކުން އަންހެން އަދި ފިރިހެން 28 ޓީމެއް ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އަންހެން ދެ ޓީމާއި ފިރިހެން ދެ ޓީމު ވާދަކުރެ އެވެ. މި މުބާރާތް ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގައި މި މުބާރާތަށް ހާއްސަކޮށް އެޅި ކޯޓެއްގަ އެެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުތަކަށް ނަން ދީފައިވަނީ މާލޭގެ އަވަށްތަކަށް ނިސްބަތްކޮށެވެ. އެ ގޮތުން މާފަންނުގެ ނަމުގައި ކުޅޭ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އިޝްރާއު، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލް އެވެ. އެ ޓީމު އިއްޔެ ކުޅުނު މެޗުން ޗައިނާގެ ޓޮޕް ސްޓާ އަތުން ބަލިވީ 21-04 އިންނެވެ. އަންހެން އަނެއް ޓީމަކީ ހެންވޭރެވެ. އެ ޓީމުގައި ހިމެނެނީ ރާއިފާ އިބްރާހިމް، އައިޝަތު ޒަނާ ޖިނާހު، ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާ އެވެ. އެ ޓީމު ރޭ ކުޅުނު މެޗުގައި މޮންގޯލިއާގެ އުލާންބާތާރު އެމޭޒަން އަތުން ބަލިވީ 21-07 އިންނެވެ.

ފިރިހެން ދެ ޓީމަކީ މައްޗަންގޯޅި އާއި ގަލޮޅެވެ. ގަލޮޅުގައި ހިމެނެނީ ހައިޝަމް ދާއުދު، އަލީ އަޝްހަމް، އަފްލާހު ޝަރީފް އަދި ހުސެއިން ހަލީމް އެވެ. ގަލޮޅު އިއްޔެ ހަވީރު ކުޅުނު މެޗުން ބަލިވީ ގަތަރުގެ ދޯހާ ޓީމު އަތުން 21-09 އިންނެވެ. އަދި މައްޗަންގޯޅި ޓީމުތައި ތިބީ އަަހުމަދު އަފްސަން ރަޝާދު، އަހުމަދު ހުޝާމް، އަހުމަދު ނަޖީލް އަދި އަހުމަދު އަލީ މުސްތަފާ އެވެ. އެ ޓީމު ބަލިވީ ދެކުނު ކޮރެއާގެ އިންޖޭ އަތުންނެވެ. އެ މެޗުގެ ސްކޯ ދިޔައީ 22-10 އިންނެވެ.

މުބާރާތުގައި މިއަދު ރާއްޖޭގެ ޓީމުތަކަށް ހަ މެޗެއް އޮންނާނެ އެވެ. އެ ގޮތުން މެންދުރު 1 ޖަހާއިރު މައްޗަންގޯޅި ނުކުންނާނީ ތުރުކުމެނިސްތާންގެ އަޝްގަބާތާ ދެކޮޅަށެވެ. އަދި 5:20 ގައި މައްޗަންގޯޅި ކުޅޭ އަނެއް މެޗުގައި ކިރްގިސްތާންގެ ބިޝްކެކްއާ ބައްދަލުކުރާނެ އެވެ. ރާއްޖޭގެ ގަލޮޅު ޓީމުން 1:50 ގައި ލެބަނަންގެ ބައިބްލޯސް ޕިއޮނީސްއާ ދެކޮޅަށް ކުޅޭއިރު، ގަލޮޅުގެ އަނެއް މެޗަކީ 5:40 ގައި ލަންކާގެ ކޮލަމްބޯ ލަޔަންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އަންހެން ޓީމުތަކުގެ މެޗުތަކަށް ބަލާއިރު މިރޭ 8:50 ގައި ހެންވޭރު ކުޅޭނީ ޗައިނީސް ޓައިޕޭގެ ޓައިޕޭ ބެއާސްއާ ދެކޮޅަށެވެ. އަދި އެ މެޗަށް ފަހު މާފަންނު ބައްދަލުކުރާނީ އިންޑިއާގެ ކޯޗީ ސްޓާސްއާ އެވެ. އެ މެޗު ފަށާނީ 9:10 ގަ އެވެ.

މިއީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އަށް ފަހު ރާއްޖޭގައި ބާޢްވާ ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.