Roadha Mihaaru
އޭޝިއާގެ ތުރީ އޮން ތުރީ ބާސްކެޓް މުބާރާތް މިއަދު

އޭޝިއާގެ ތުރީ އޮން ތުރީ ބާސްކެޓް މުބާރާތް މިއަދު ފަށަނީ

06 ސެޕްޓެމްބަރ 2019

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް މާލޭގައި މިއަދު ފަށާނެ އެވެ.

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް މާލޭގައި މިއަދު ފަށާނެ އެވެ.

ޒުވާނުންގެ މަރުކަޒު ބޭރުގައި މި މުބާރާތަށް ހާއްސަކޮށްގެން ހަދާ ކޯޓުގައި ކުޅޭ މި މުބާރާތުގައި އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަބާރުތަކުން ވެސް ވާދަކުރެ އެވެ. އެގޮތުން 15 ގައުމަކުން 28 ޓީމެއް ވާދަކުރާނެ އެވެ. މި މުބާރާތުގައި ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރާއިރު، ހޯސްޓްގެ ހައިސިއްޔަތުން ރާއްޖޭން އަންހެން ދެ ޓީމާއި ފިރިހެން ދެ ޓީމު ކުޅޭނެ އެވެ.

ޓީމުތަކަށް ނަން ދީފައިވަނީ މާލޭގެ އަވަށްތަކަށް ނިސްބަތްކޮށެވެ. އެ ގޮތުން މާފަންނުގެ ނަމުގައި ކުޅޭ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އިޝްރާއު، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލް އެވެ. އަންހެން އަނެއް ޓީމަކީ ހެންވޭރެވެ. އެ ޓީމުގައި ހިމެނެނީ ރާއިފާ އިބްރާހިމް، އައިޝަތު ޒަނާ ޖިނާހު، ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާ އެވެ.

ފިރިހެން ދެ ޓީމަކީ މައްޗަންގޯޅި އާއި ގަލޮޅެވެ. ގަލޮޅުގައި ހިމެނެނީ ހައިޝަމް ދާއުދު، އަލީ އަޝްހަމް، އަފްލާހު ޝަރީފް އަދި ހުސެއިން ހަލީމް އެވެ. އަދި މައްޗަންގޯޅި ޓީމުތައި ތިބީ އަަހުމަދު އަފްސަން ރަޝާދު، އަހުމަދު ހުޝާމް، އަހުމަދު ނަޖީލް އަދި އަހުމަދު އަލީ މުސްތަފާ އެވެ.

މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ފިރިހެން ބައިގައި ރާއްޖޭގެ މައްޗަންގޯޅި ނުކުންނާނީ ދެކުނު ކޮރެއާގެ އިންޖޭއާ ދެކޮޅަށެވެ. އަދި ފަހެއް ޖަހާއިރު އަންހެން ބައިގައި މާފަންނު ކުޅޭނީ ޗައިނާގެ ޓޮޕް ސްޓާއާ އެވެ. ފިރިހެން ބައިގައި ވާދަކުރާ ގަލޮޅު ކުޅޭ މެޗުގައި 5:20 ގައި ނުކުންނާނީ ގަތަރުގެ އަލް ކަތުރާއާ ދެކޮޅަށެވެ. އަދި އަންހެން ބައިގައި މިރޭ ރާއްޖޭގެ ހެންވޭރު ނުކުންނާނީ މޮންގޯލިއާގެ އުލާންބާތާރު އެމޭޒަންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 8:30 ގަ އެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެން ތުރީ އޮން ތުރީ ޓީމުތަކުން ވަނީ ފާއިތުވި އަަހަރުތަކުގައި ބޭރުގެ އެކި މުބާރާތްތަކުގައި ކުޅެފަ އެވެ. މިއީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އަށް ފަހު މާލޭގައި ބޭއްވޭ ބާސްކެޓްގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަކީ ރާއްޖޭގައި މި ވަގުތު އެންމެ ފޯރީގައި ކުރިއަރަމުން އަންނަ އެއް ބާސްކެޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ތުރީ އޮން ތުރީ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.