Roadha Mihaaru
ބުރުގާ އެޅި އަންހެނަކު ފްރާންސްގެ ބީޗަކުން ބޭރުކޮށްފި

ބުރުގާ އަޅައިގެން ހުރި އޮސްޓްރޭލިއާގެ އަންހެނަކު ފްރާންސްގެ ބީޗަކުން ބޭރުކޮށްފި

20 ސެޕްޓެމްބަރ 2016

ސިޑްނީ (އޮސްޓްރޭލިއާ 20) - ބުރުގާއާ އެކު އަޅާ ބުރްކިނީ އަޅައިގެން ހުރި އޮސްޓްރޭލިއާގެ ދަރިވަރަކާއި އޭނާގެ މަންމަ ފްރާންސްގެ ދެކުނުގެ ގޮނޑުދޮށަކުން ބޭރުކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިޑްނީ (އޮސްޓްރޭލިއާ 20) - ބުރުގާއާ އެކު އަޅާ ބުރްކިނީ އަޅައިގެން ހުރި އޮސްޓްރޭލިއާގެ ދަރިވަރަކާއި އޭނާގެ މަންމަ ފްރާންސްގެ ދެކުނުގެ ގޮނޑުދޮށަކުން ބޭރުކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ޒައިނަބު އަލްޝާހު، ސެވަން ނެޓްވޯކްސް އަށް ބުނީ ފްރާންސްގެ ދެކުނުގެ ގޮނޑުދޮށަކަށް ބުރްކިނީއާ އެކު ސްވިމްސޫޓް ލައިގެން އޭނާ ދިޔައީ ބުރްކިނީ އަޅާ އެހެން އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"ބުރްކިނީ އަޅާ އެހެން އަންހެނުންނަށް ވަނީ ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައި. ބުރުގާ އެޅި ބައެއް މީހުން ވަނީ ބީޗުން ފޮނުވާލާ އަދި ބުރުގާ ބާލަން މަޖްބޫރުކޮށްފައި. އަހަރެން ބޭނުންވީ އަމިއްލަ އަށް އެކަން ތަޖްރިބާ ކުރަން،" އަލްޝާހު، 23، ބުންޏެވެ.

ބުރްކިނީ އެޅުން ފްރާންސްގެ 30 ޓައުނެއްގައި މަނާކޮށްފައި އޮތް އޮތުން އެ ގައުމުގެ ކޯޓަކުން ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު ބައެއް ޓައުންތަކުން ވަނީ ކޯޓު އަމުރަށް ބެލުމެއް ނެތި ބުރްކިނީ އަޅައިގެން ބީޗުގައި ނޫޅެވޭނެ ކަމަށް ބުނެފަ އެވެ.

"އެކަމަކު ފްރާންސްގެ ދެކުނުގެ ބީޗަކަށް ބުރްކިނާއާ އެކު ދިއުމުން ވަނީ ގަދަބާރުން ބޭރުކޮށްފައި. އެއީ މުސްލިމުންނަށް ވަރަށް ބޮޑު ތަފާތު ކުރުމެއް،" އަލްޝާހު ބުންޏެވެ.

ބުރްކިނީއަކީ އޮސްޓްރޭލިއާގެ އަހުދާ ޒަނެޓީގެ އުފެއްދުމެކެވެ.

ފްރާންސް އިން 2004 ވަނަ އަހަރު ވަނީ އާއްމުންނާއި ސަރުކާރުން ހިންގާ ތަންތަނުގައި ދީނީ ނިޝާންތައް ބޭނުން ކުރުން މަނާކޮށްފަ އެވެ. އަދި 2011 ވަނަ އަހަރު ވަނީ އާއްމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅުން މަނާކޮށްފަ އެވެ.