Roadha Mihaaru
މޫނުބުރުގާއާ އެކު އޮސްޓްރޭލިއާގެ ޕާލަމެންޓަށް ވަދެއްޖެ

މޫނުބުރުގާއާ އެކު އޮސްޓްރޭލިއާގެ ޕާލަމެންޓަށް މެންބަރަކު ވަދެއްޖެ

18 އޯގަސްޓް 2017

ސިޑްނީ (އޮގަސްޓް 18) - އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ ލީޑަރު ޕައުލިން ހޭންސަން މޫނު ބުރުގާ އަޅައިގެން ސެނެޓަށް ވެންނެވުމާ އެކު އެތައް ބަޔަކަށް ހައިރާންކަން ލިބިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިޑްނީ (އޮގަސްޓް 18) - އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ ލީޑަރު ޕައުލިން ހޭންސަން މޫނު ބުރުގާ އަޅައިގެން ސެނެޓަށް ވެންނެވުމާ އެކު އެތައް ބަޔަކަށް ހައިރާންކަން ލިބިއްޖެ އެވެ.

މިކަން ބޮޑު ޖޯކަކަށްވީ އޭނާގެ ޕާޓީން މޫނު ބުރާ މަނާ ކުރުމަށް ޕާލަމެންޓަށް މައްސަލަ ވެއްދުމަށް ފަހު މޫނު ބުރުގާއާ އެކު ސެނެޓަށް ވެންނެވުމުންނެވެ.

ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ޖޯޖް ބްރެންޑިސް ވަނީ ހެންސަންގެ ސްޓަންޓް ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ ދީނީ ޖަމާއަތްތަކަށް ކުރި މަލާމާތެއް ކަމަށް ވިދާޅުވި އެވެ. ވަރަށް ޖަޒުބާތީ ތަގްރީރެއްގައި ބްރެންޑިސް ވަނީ އޮސްޓްރޭލިއާގެ 500،000 ވަރަކަށް މުސްލިމުންގެ އަގީދާއާ ކުޅެލައިފި ކަމަށް ވިދާޅުވެފަ އެވެ.

ޕޯލިން ހޭންސަން އާއްމުކޮށް ޕާލަމެންޓަށް ދާ ހެދުމުގައި.

ޕޯލިން ހޭންސަން އާއްމުކޮށް ޕާލަމެންޓަށް ދާ ހެދުމުގައި.

ސެނެޓުގެ ރައީސް ސްޓެފަން ޕެރީ ވިދާޅުވީ ހެންސަން މޫނު ބުރުގާއާ އެކު ހުންނެވި ނަމަވެސް އޭނާ ޕާލަމެންޓަށް ވެއްދީ ކާކުތޯ ބެލުމަށް ފަހު ކަމަށެވެ. ހެންސަން ފަހުން ވަނީ އޭނާ އަޅައިގެން ހުރި މޫނު ބުރުގާ ނަގައިފަ އެވެ.

މޫނު ބުރުގާ މަނާކުރަން ހުށަހެޅި މައްސަލައާ ގުޅިގެން ހެންސަން ވިދާޅުވީ އާއްމު ތަންތަނުގައި މޫނުބުރުގާ މަނާ ކުރުމަކީ އޮސްޓްރޭލިއާގެ މިހާރުގެ ޖީލަށް މުހިންމު މައްސަލައެއް ކަމަށެވެ.

ހެންސަން 1996 ވަނަ އަހަރު ޕާލަމެންޓަށް އިންތިޚާބުވި ފަހުން އެކި ފަހަރު މަތިން ވަނީ ސަމާލުކަން ހޯދުމުގެ ކަންތައް ކުރައްވައިފަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ މުސްލިމުންނަށް އިހާނެތިވާ ގޮތަށް ތަގްރީރެއް ދެއްވައިފަ އެވެ. އަދި އޯޓިޒަމް ހުންނަ ކުދިން ކްލާސްރޫމްތަކުން ނެރެން ޖެހޭނެ ކަމަށް މީގެ ދެ މަސް ކުރިން އޭނާ ވަނީ ވިދާޅުވެފަ އެވެ.