02 ސެޕްޓެމްބަރ 2019
ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ސްރީ ލަންކާ މީހުން އެއް އިރަކު ވެސް ނުދެކޭ ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަނީ އެހާ ވެސް ގާތް ގުޅުމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ސްރީ ލަންކާ މީހުން އެއް އިރަކު ވެސް ނުދެކޭ ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަނީ އެހާ ވެސް ގާތް ގުޅުމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
ރަނިލްގެ ޝަރަފްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަ ދައްކަަވަމުން ރަނިލް ވިދާޅުވީ ލަންކާ ދުނިޔެ އަށް މާބޮޑަށް ހުޅުވިގެން ނުދާއިރު ވެސް އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެނގޭ ކަމަށާއި 1984 ވަނަ އަހަރުން ފެށިގެން ދިވެހިންނާ މެދު ލަންކާ އިން އަމަލުކުރަމުން އަންނަނީ އެހެން ގައުމުތަކުގެ މީހުންނާ ތަފާތު، ހާއްސަ ގޮތަކަށް ކަމަށެވެ.
"ނަވާރަ ސަތޭކަ އަށްޑިހަ ހަތަރެއްގައި އޭރުގެ ރައީސް ޖަޔަވަރުދަނާ ނިންމެވީ އެހެން ހުރިހާ ގައުމެއްގެ ރައްޔިތުންނާ ތަފާތު ގޮތަކަށޭ ދިވެހިންނާ މެދު އަޅުގަނޑުމެން ކަންތައްތައް ކުރަން ވާނީ. އެމީހުން މިތަނަށް އައިސް، އާއްމުގޮތެއްގައި ރައްޔިތަކަށް ލިބޭ ހުރިހާ ހައްގެއް ބޭނުން ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދޭންވާނެ ކަމަށް. ދެން [ލަންކާ އަށް އައި]މީހުންގެ އަދަދު އިތުރުވި،" ރަނިލް ވިދާޅުވި އެވެ.
ރާއްޖެ އަށް ތައުރީފު ކުރައްވަމުން ރަނިލް ވިދާޅުވީ ޓެރަރިޒަމްގެ ބިރުވެރިކަމުގައި ލަންކާ ހޭދަކުރި ދުވަސްތަކުގައި ރާއްޖެ، ލަންކާއާ އެކުގައި އޮތުމަކީ ހަނދާން ނައްތައިލާނެ ކަމެއް ނޫން ކަމަށެވެ.
ޑިމޮކްރަސީ ހަރުދަނާކުރުމުގައި ރާއްޖެ އާއި ލަންކާގެ ކަންތައް ވެސް ހިނގާފައި ވަނީ ދާދި އެއްގޮތަކަށް ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އެގޮތުން ދެ ގައުމަށް ވެސް ޑިމޮކްރަސީ އިއާދަކުރުމަށް ފަހު ސުވާލު އުފެދުނީ އެ ނިޒާމު ދެމެހެއްޓިދާނެތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ދިވެހިރާއްޖެ އާއި ލަންކާގައި ވެސް ޑިމޮކްރަސީ ސަލާމަތުން ދެމި އޮންނާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަަސައްކަތް ތިޔަބޭފުޅުންނާ އެކު ކުރިއަށް ގެންދަން،" ރަނިލް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުނަސް އަދި ނުފުދޭ ކަަމަށާއި ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ ގެނެސްދޭން ޖެހޭ ކަމަށް ރަނިލް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރަށް އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފަރިއްކޮޅުގައި ރަނިލްގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ލަންކާ އަށް ކުރިއެރުން ލިބޭ ނަމަ ރާއްޖެ އަށް ކުރިއެރުން ލިބޭ ކަމަށެވެ. ލަންކާ އަށް ކުރިމަތިވި އެންމެ އަނދިރި ދުވަސްތަކުގައި ވެސް ރާއްޖޭން އެ ގައުމާ އެކު މަސައްކަތްކުރި ކަމަށާއި އެ ގައުމުން ވެސް ރާއްޖެއާ ،މެދު އަމަލުކުރީ އެގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަން މިހެންވީ އަޅުގަނޑުމެން ދެ ގައުމުން ވެސް ކުރި އެންމެ މުހިއްމު ދަތުރުތައް އަޅުގަނޑުމެން ފެށީ އެކު އެކުގައި ކަމަށް ވުމުން. އެއީ އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާކުރުމުން ކަމަށް ވިޔަސް. އިންޑިއާ ކަނޑުގައި އަޅުގަނޑުމެން ހިއްސާކުރާ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިޔަސް،" ރައީސް ވިދާޅުވި އެވެ.
ރަނިލްގެ އަރިހުގައި ލަންކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ. މާދަމާ ރާއްޖޭގައި ފަށާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރަނިލް އާއި ވަފުދުން ބައިވެރިވާނެ އެވެ. އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށްދާނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ބައިވެރިވާނެ އެވެ. ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ވިސާ އެއްބަސްވުމެއްގައި ރާއްޖެ-ލަންކާ ސޮއިކޮށްފި
އިންޑިއާ ކަނޑުގެ ރައްކާތެރިކަން މުހިއްމު: ރައީސް
ސްރީ ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި
ދިވެހިންގެ ހާލު ބެލުމަށް ރައީސްގެ މަންދޫބެއް ލަންކާއަށް
އެމްޑީޕީން ހޯދި ކާމިޔާބަށް ރަނިލް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި